27 Jun 2013, 12:36
މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސް އަށް މިދިޔަ އަހަރު ފައިސާ ދައްކައިގެން ހައްޖަށް ނުދެވުނު 126 މީހުންގެ ތެރެއިން ސަރުކާރުން ހައްޖަށް ގެންދާނެ 32 މީހަކުގެ މެދުގައި ގުރުއަތުލުން މިއަދު ކުރިއަށްދާން މަސައްކަތްކުރި ވަގުތު ހިޔާލުތަފާތުވުންތައް އުފެދި މުއްދަތެއް ނެތް ގޮތަށް ގުރު ނެގުން ފަސްކޮށްފި އެވެ.
މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ގުރުއަތު ނެގުމަށް މީހުން ހާޒިރުވެ، ތައްޔާރުވެފައި ވަނިކޮށް އެންމެ ފުރަތަމަ ހިޔާލު ތަފާތުވުމެއް އުފެދުނީ 45 އަހަރުން ދަށުގެ މީހަކު ގުރުއަތުން ހޮވުނު ނަމަވެސް އޭނާއާ އެކު ދާނެ މަހުރަމެއް ނެތް ނަމަ ހައްޖު ދަތުރު ބާތިލް ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީގެ އަމީން އާންމު ޝެއިހް މުހައްމަދު ފަރޫގު އައިސްތިބި މީހުނަށް އެންގެވުމުންނެވެ.
އެ މިނިސްޓްރީން ބުނީ 45 އަހަރުން ދަށުގެ އަންހެނަކު ނަމަ އެނާ އާ އެކު އެއް ފުލައިޓުން އެއްކޮން ދެވޭނެ މަހްރަމަކު ހުނަން ޖެހޭނެ ކަމަށެވެ.
އޭގެ ތެރެއިން ބައެއް މީހުން ބުނަމުން ދިޔައީ ހައްޖު ގުރުއަތުން ދިމާވާ އެންމެނަށް ހައްޖަށް ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވާ ކަމަށާއި އެންމެނަށް ފުރުސަތު ލިބެން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑަކީ 45 އަހަރުން ދަށުގެ އަންހެނެއް. އަޅުގަނޑުގެ ފިރިމީހާ ވެސް އެބައި އިން މި ގުރުއަތުގައި ބައިވެރިވާން އައިސް. އެކަމު އަޅުގަނޑަށް ގުރުއަތުން ހައްޖަށްދެވޭ ގޮތް ވިއަސް ފިރިމީހާ އަށް ނުދެވެންޏާ ނުދެވޭނެތޯ." މިދިޔަ އަހަރު މަލީޝާ އަށް ފައިސާ ދައްކައިގެން ހައްޖަށް ނުދެވުނު ޒުވާން އަންހެނަކު ޝަކުވާ ކުރި އެވެ.
އަމީން އާންމު ފާރޫގު ވިދާޅުވީ މަހުރަމަކު ނެތި 45 އަހަރުން ދަށުގެ އަންހެނަކަށް ހައްޖަށް ނުދެވޭނެ ކަމަށް ކަނޑައަޅާފައި ވަނީ ސައުދީ ސަރުކާރުން ކަމަށެވެ. އަދި އެނޫން ގޮތަކަށް ހަމަޖެއްސެން ނެތް ކަމަށެވެ.
ފަރުލު ހައްޖުވާ މީހުން ނޫން މީހުނަށާއި މަރުވެފައިވާ މީހުންގެ މައްޗަށް ހައްޖުކުރަން ދާ މީހުނަށް އެ ގުރުއަތުގައި ބައިވެރި ނުވެވޭ ގޮތަށް ހަމަ ޖައްސާފައި ވާތީ އެކަމާ ޝަކުވާ ކުރި އެވެ. އަދި އެއާ އެކު ގުރުއަތުގައި ބައިވެރިވެވޭ މީހުންގެ ގޮތުގައި ފަރުލު ހައްޖުވާ މީހުން ނޫން ބައެއް މީހުން ވެސް ގުރުއަތުގައި ބައިވެރިވާ މީހުންގެ ގޮތުގައި ހޯލަށް ވައްދާފައި ވާތީ އެކަން ބައެއް މީހުން ވަނީ ފާހަގަކޮށްފަ އެވެ.
"އެހެން ހައްޖު ގްރޫޕުތަކުން ދެވޭ ދެ ފަހަރަށް ހައްޖަށްދާ މީހުނަށް ވެސް. އެކަމު މި މިތަނުގައި ތިބި މީހުނަށް ގުރުއަތުން ލައްވާލިއަސް އެމީހަކަށް ނުދެވޭ،"
ފާރޫގު ވިދާޅުވީ ފަރުލު ހައްޖުވާ މީހުން ނޫން މީހުނަށް ގުރުއަތުގައި ބައިވެރިނުވޭނެ ކަމަށާއި ނަމަވެސް ގުރުއަތުގައި ބައިވެރިވެނޭ މީހުންގެ ގޮތުގައި ގާތްގަނޑަކަށް 10 މީހުން އެ ހޯލަށް ވެއްދުނު ކަމަށާއި އެކަން ކުރެވުނީ އޮޅުމަކުން ކަމަށެވެ. އޭގެ އިތުރު މަލީޝާ އަށް ފައިސާ ދައްކައިގެން ހައްޖަށް ނުދެވުނު މީހުންގެ ތެރެއިން 54 މީހަކަށް ހައްޖަށް ދިއުމަށް ފައިސާ ލިބުނު ނަމަވެސް އެ އަދަދު 32 އަށް މަދުކުރީ ސައުދީ ސަރުކާރުން ކޯޓާ މަދުކުރުމުން ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތް ކަމުނުދާ ކަމަށްވާ ނަމަ ގުރުއަތުގައި ބައިވެރި ނުވެ ނިކުމަތުމަށް އަމީން އާންމު ފާރޫގު އެންގެވުމުން ޝަކުވާތަކާ އެކު ބައެއް މީހުން ވަނީ އެންމެންނަށް ވޯޓުނުލެވެންޏާ ނިކުމެގެންދާން ވެސް މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެންމެން ނިކުމެގެން ނުދިއުމުން ޝަކުވާތައް ކުރަމުންދަނިކޮށް ގުރުއަތުލުން ފަސްކޮށްފައި ވަނީ އެތަނުގައި އަޑު ގަދަ ކަމުން ކުރިއަށް ނުގެންދެވޭނެ ކަމަށް އިއުލާން ކުރުމަށް ފަހު އިސްލާމިކް މިނިސްޓްރީންނެވެ.
ގުރުއަތުން ފަސްކުރުމުން ގުރުއަތުލާ ބޭނުންވާ މީހުން ވަނީ ޝަކުވާ ކުރަން ފަށާފަ އެވެ.
"އެހެންވާން ޖެހުނީ އިސްލާމިކް މިނިސްޓްރީގެ ސަބަބުން. އެއްވެސް ރޭވުންތެރިކަމެއް ނެތީ. ގުރުއަތުލާން ބޭނުން ނުވާ މީހަކު އިނިއްޔާ ވަކި ވަކިން އަހާފައި ބޭނުން ނުވާ މީހުން ނުލާ ގުރުއަތު ނަގަން ޖެހޭނީ. ބަޔަކު އަޑު އުފުލިއަކަސް ނުޖެހޭ ގުރުއަތުލުން ފަސްކުރާކަށް މައްސަލައެއް ނެތިއްޔާ،" ގުރުއަތުލުން ފަސްކުރުމުން އެކަމާ ހިތްހަމަނުޖެހިގެން ވާހަކަ ދެއްކި ކ. ހުރާ އަބްދުﷲ ނާޒިމް ބުންޏެވެ.
ގުރުއަތުލުން ފަސްކުރި ނަމަވެސް ދެން ކުރިއަށްދާނެ ގޮތެއް ހާމަ އެއްނުކުރެ އެވެ.