27 Jun 2013, 12:04
މަތިންދާ ބޯޓުގައި ރާއްޖެއަށް އަންނަ މީހުންގެ މައުލޫމާތު ދުރާލާ އެނގޭނެ ނިޒާމް، އެޑްވާންސް ޕެސެންޖާ އިންފޮމޭޝަން ސިސްޓަމް (އެޕިސް) ހިންގައި ބެލެހެއްޓުން އެރިންކް އިންކޯޕަރޭޓެޑާ އިއްޔެ އިމިގްރޭޝަން ޑިޕާޓްމަންޓުން ހަވާލުކޮށްފި އެވެ.
އެ ކުންފުންޏާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ ރާއްޖޭގެ ހުރިހާ އިންޓަނޭޝަނަލް އެއާޕޯޓުތަކުގައި ބޭނުންކުރާ ސިސްޓަމް ގާއިމްކޮށް ބެލެހެއްޓުމަށް ހަވާލުކޮށްފައި ވަނީ ފަސް އަހަރު ދުވަހަށް ކަމަށެވެ.
"ރާއްޖެއަކީ ވަރަށް މަގުބޫލް މަންޒިލަކަށްވުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. އަޅުގަނޑުމެންގެ ޓެކްނޮލޮޖީ ޕާޓްނަރެއްގެ ގޮތުގައި އެރިންކް ހަމަޖެއްސީ ދުނިޔޭގެ އެއާޕޯޓުތަކުގައި ކޮށްފައިވާ މަސައްކަތްތަކުގެ ގާބިލްކަމަށް ބަލައިގެން. އަޅުގަނޑުމެން ބޭނުންވާ ގޮތަށް ޓެކްނޮލޮޖީ ފޯރުކޮށްދޭނެ ކަމަށް،" ޑެޕިއުޓީ ކޮންޓްރޯލަރު ހާމިދު ފަތުހުﷲ ވިދާޅުވި އެވެ.
ސިންގަޕޫރުގައި ހުންނަ އެރިންކް އޭޝިއާ ޕެސިފިކްގެ މެނޭޖިން ޑިރެކްޓަރު މައިކަލް ޑިޖޯޖް ވިދާޅުވީ ގައުމަށް އެތެރެވާ މީހުންގެ މައުލޫމާތު އެނގޭނެ ނިޒާމެއް ގާއިމުކޮށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ ރާއްޖެއިން މިހާރު ބޭނުންވާ ގޮތަށް ބޯޑާ ބަލަހައްޓައިދޭން ތައްޔާރަށް. އަދި ކުރިޔަށް އޮތްތަނުގައި ވެސް އެކަމަށް ބޭނުންވެއްޖެ ނަމަ އެހީތެރިކަން ފޯރުކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ.
އެޕިސްގެ ތެރެއިން، ރާއްޖެ އަންނަ ކޮންމެ ބޯޓެއް އެއާޕޯޓްގައި ޖެއްސުމުގެ ކުރިން އެ ބޯޓުން ދަތުރުކުރާ މީހުންގެ މައުލޫމާތު އެއާލައިންތަކުން ސިސްޓަމަށް ފޮނުވަން ޖެހޭނެ އެވެ. އަދި އެ ސިސްޓަމް މެދުވެރިކޮށް ފޮނުވާ މައުލޫމާތުތައް ކަމާބެހޭ އިދާރާތަކުން ބޭނުންވާ ގޮތަށް ތަރުޖަމާކޮށް ފޯރުކޮށްދޭނެ އެވެ. އެޕިސް މެދުވެރިކޮށް ރާއްޖެ އަންނަ މީހުންނާއި ފުރާ މީހުންގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކަށް އެނގޭނެ ކަމަށް ވެސް އެރިންކުން ބުނެފައިވެ އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އިންޑިއާ ސަރުކާރުގެ އެހީގައި އެއާޕޯޓުގައި ބަހައްޓާ އެޑްވާންސް ޕެސެންޖާ އިންފޮމޭޝަން ސިސްޓަމް ބޭނުންކުރަން ފެށުމުން އެއާލައިންތަކުން ކޮންމެ ޕެސެންޖަރެއްގެ އަތުން ދެ ޑޮލަރު ނުވަތަ ފްލައިޓަކަށް ވަކި އަދަދެއްގެ އަހަރީ ފީގެ ގޮތުގައި ޗާޖްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.