ބްރެޒިލްގައި މިހާރު ކުރިއަށްދާ ފީފާ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބުކުރާނީ، ސްޕެއިންގެ ގައުމީ ޓީމު ކަމަށް އިންގްލެންޑް އަދި މެންޗެސްޓާ ޔުނައިޓެޑްގެ ހުނަރުވެރި ފޯވަޑް ވޭން ރޫނީ ބުނެފި އެވެ.

ވޭން ރޫނީގެ ފޭސްބުކް ޕޭޖްގައި އޭނާ ލިޔެފައިވަނީ، މުބާރާތުގެ ކުޅުމަށް ބަލާފައި އޭނާ ލަފާ ކުރަނީ މިފަހަރުގެ ފައިނަލްގައި ބްރެޒިލްއާ ދެކޮޅަށް ވާދަކުރާނީ ސްޕެއިން ކަމަށާއި އަދި ފައިނަލްގައި ބްރެޒިލް ބަލިކޮށް ސްޕެއިން މޮޅުވާނޭ ކަމަށެވެ.

"ފީފާ ކޮންފެޑެރޭޝަންސް ކަޕް ބްރެޒިލް 2013ގެ ސެމީފައިނަލްތައް ވަރަށް ބަލައިލާ ހިތުން މިހުރީ. އަހަރެން ލަފާ ކުރަނީ، މިއީ ބްރެޒިލްއާއި ސްޕެއިންގެ ފައިނަލެއް ކަމަށް އަދި ސްޕެއިން މުބާރާތް ކާމިޔާބު ކުރާނޭ ކަމަށް،" ރޫނީ އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔެފައި ވެއެވެ.

ރޫނީ އޭނާގެ ނަތީޖާ ލަފާ ކޮށްފައިވަނީ، ރޭ ބްރެޒިލްއާއި އުރުގުއޭ މެޗުގެ ކުރިން ނެވެ. ރޭ އުރުގުއޭއަތުން ބްރެޒިލް މޮޅުވެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައިވާއިރު، މިރޭ ކުޅެން ހަމަޖެހިފައިވާ ސްޕެއިން އިޓަލީ މެޗުން ސްޕެއިން މޮޅުވެ، ފައިނަލް މެޗަށް ރޫނީ ކޮށްފައިވާ ލަފާ ދިމާވެއްޖެ ނަމަ، މިފަހަރުގެ ކޮންފެޑެރޭޝަންސް ކަޕަކީ ސްޕެއިންގެ "ޓްރޮފީ ކަލެކްޝަން"އަށް އަނެއްކާވެސް އިތުރުވެގެން ދާނޭ ތައްޓެކެވެ.

ބްރެޒިލް، މުބާރާތުގެ ގަދަ ހަތަރެއް ކަށަވަރު ކުރީ، ޖަޕާން، މެކްސިކޯ އަދި އިޓަލީގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ. ގްރޫޕް ސްޓޭޖްގައި އުރުގުއޭ، ނައިޖީރިއާ އަދި ޓަހީޓީ، ތިން ޓީމް ކޮޅަށް ޖުމްލަ 15 ލަނޑު ކާމިޔާބުކޮށް ގްރޫޕް އެއްވަނަ ހޯދައިގެން ސެމީ ފައިނަލަށް ދިޔަ ސްޕެއިންއާ ދޭތެރޭގައި ރޫނީ ކޮށްފައިވާ ލަފާގެ ސީދާކަން ވަރަށް އަވަހަށް އެނގޭނެ އެވެ.