27 Jun 2013, 10:51
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓްޓުއާސް މޯލްޑިވްސް އިން މޯލްޑިވްސް ފައިނޭންސް ލީސިން ކޮންޕެނީ އަށް ދައްކަން ޖެހޭ ޖުމްލަ 12.6 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ދައުވާކޮށްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ފައިނޭންސް ލީސިންގެ ފަރާތުން ދައުވާކޮށްފައި ވަނީ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު ތަފާތު އެކި ފަހަރުމަތިން ޔޮޓްޓުއާސް އިން ނަގާފައިވާ ފައިސާ ދައްކާފައިނުވާތީ އެވެ.
އެ ފައިސާ ނުދައްކައިގެން ފައިނޭންސް ލީސިންގެ ފަރާތުން ވަނީ ފަސް ދައުވާއެއް ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. އެ ފަސް މައްސަލައިގައި ވެސް ޔޮޓު ޓުއާސްގެ މައްޗަށް ދައުވާ ލިބޭ އިރު ބައެއް މައްސަލަތަކަށް ޖާބިރު އާއި އޭނާގެ ކޮށްކޮ އިބްރާހީމް ޝިހާމްގެ މައްޗަށް ވެސް ދައުވާ ކޮށްފައިވެ އެވެ.
ޔޮޓުޓުއާސްގެ ފަރާތުން އެ ކުންފުނިން ކްރެޑިޓަށް ނަގާފައިވާ ފައިސާ އެއްބަސްވެފައިވާ ގޮތަށް ނުދައްކާތީ ކޮށްފައިވާ ފަސް ދައުވާގެ ތެރެއިން ހަތަރު ދައުވާގައި އެދިފައި ވަނީ ޖުމްލަ 630،000 ޑޮލަރު (9.71 މިލިއަން ރުފިޔާ) ހޯދުމަށެވެ. އަދި އަނެއް ދައުވާގައި އެދިފައި ވަނީ 2.9 މިލިއަން ރުފިޔާ ހޯދުމަށެވެ.
އެ މައްސަލަތަކުގެ ޝަރީއަތް ސިވިލް ކޯޓުގައި މިހާރު ވަނީ ފަށައިފަ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް ކޯޓުން އަދި މިހާތަނަށް ނިމިފައެއް ނުވެ އެވެ.
އެ މައްސަލަތައް ސިވިލް ކޯޓުގައި ޝެޑިއުލްކުރާ ގިނަ ދުވަސް ދުވަހު ޔޮޓުޓުއާސްގެ ގާނޫނީ ވަކީލު ކޯޓަށް ހާޒިރުނުވެގެން މައްސަލަ ކެންސަލްކުރަން ޖެހިފައިވެ އެވެ.
ޔޮޓުޓުއާސް އިން ހިންގާ ދެ ޓޫރިސްޓް ރިސޯޓު ކަމަށްވާ ހއ. އަލިދު އާއި އދ. ކުޑަރަށުން ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ހަތް މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައްކާފައި ނުވާތީ ސަރުކާރުން ވަނީ އެދެ ރިސޯޓުގެ އެގްރީމެންޓް ވެސް ބާތިލުކޮށްފަ އެވެ.
ޔޮޓް ޓުއާސްގެ މުވައްޒަފުންގެ ފަރާތުން ޕެންޝަންގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާތަކެއް ވެސް ދައްކާފައި ނުވާތީ ޕެންޝަން އޮފީހުން ވަނީ ޔޮޓް ޓުއާސްގެ މައްޗަށް ދައުވާ އުފުލައިފަ އެވެ.