ސުޕްރީމް ކޯޓްގެ ހުކުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވާ ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަން އަށް ވަޒީފާ އަށް ނުނިކުންނެވޭނެ ކަމަށް ދައުލަތުގެ ބަންޑާރަނައިބް އެއްވެސް އިރެއްގައި ސީއެސްސީ އަށް ގާނޫނީލަފާ ދީފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުން ފަހުމީ ވަޒީފާ އިން ވަކިކޮށްފައި ވަނިކޮށް ފަހުމީ ވަޒީފާ އަށް ނިކުންނަވާ މައްސަލަ ބައްލަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ އާއި އަދި އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ސީއެސްސީގެ ފަރާތުން ކޮމެޓީ އަށް ހާޒިރުވި ޖަމީލާ އަލީ ހާލިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފަހުމީ ސީއެސްސީގެ މެންބަރުކަމުން ވަކިކުރުމުން އެކަން ރައީސް އޮފީހުން އެ ކޮމިޝަނަށް އެންގެވި ކަމަށެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ރައީސް އޮފީހުން ފަހުމީ ވަޒީފާ އިން ވަކިކޮށްފައިވާކަން އަންގައި ފޮނުވި ސިޓީ ބާތިލު ކޮށްފައިވާކަމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އެންގެވި ކަމަށެވެ. އޭގެ ފަހު އެއްވެސް ފަރާތަކުން ފަހުމީ ވަޒީފާ އަށް ނުނިކުންނެވޭނެ ކަމަށް އަންގައި އެ ކޮމިޝަނަށް އެއްވެސް ގާނޫނީލަފައެއް ވެސް އަދި ފަހުމީ އަށް ވަޒީފާ އަށް ނުނިކުންނެވޭނެ ކަމަށް އަންގައި އެއްވެސް އެންގުމެއް އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުން ފަހުމީ ސީއެސްސީގެ މެންބަރު ކަމުން ވަކިކުރުމުން ރައީސް އޮފީހުން އެކަން އަންގަވައި ސިޓީއެއް ފޮނުވި. ދެން އޭގެ ފަހުން ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން އަނެއްކާ ވެސް ރައީސް އޮފީހުން ކޮމިޝަނަށް ސިޓީ އެއް ފޮނުވި. އެ ސިޓީގައި ބުނެފައި ވަނީ ކުރިން ފަހުމީ ވަޒީފާ އިން ވަކިކުރިކަން އަންގައި ފޮނުވި ސިޓީ ބާތިލުކޮށްފައިވާ ކަމަށް. އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުން އަޅުގަނޑުމެން ކޮމިޝަނަކަށް ފަހުމީ ވަޒީފާ އަށް ނުނިކުންނެވޭނެ ކަމަށް އެއްވެސް ގާނޫނީ ލަފައެއް ދީފައެއް ނުވޭ. އަދި އެހެން ފަރާތަކުން ވެސް ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ފަހުމީ އަށް ވަޒީފާ އަށް ނުނިކުންނެވޭނެ ކަމަށް އަންގައި އެއްވެސް އެންގުމެއް ކޮމިޝަނަށް އަންގާފައެއް ނުވޭ." ޖަމީލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ރައީސް އޮފީހުން ފަހުމީ ވަޒީފާ އިން ވަކިކުރިކަން އަންގައި ފޮނުވި ސިޓީ ބާތިލުކުރުމުން ކޮމިޝަނުން ބަލާފައި ވާނީ ކުރިން ވެސް ފަހުމީ ހުންނެވި މަގާމަށް ރުޖޫ ވެގެން ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ކޮމިޝަންގެ ފަރާތުން އެއް ވެސް ފަރާތެއްގެ ގާނޫނީ ލަފާ ހޯދާފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ފަހުމީ އަށް ވަޒީފާ އަށް ނިކުމެވިދާނެތޯ ބަންޑާރަނައިބު އައިޝަތް ބިޝާމް އަރިހުން މެންބަރުން ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ފަހުމީ އަށް ވަޒީފާ އަށް ނުކުންނެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ފަހުމީ އަށް އަލުން އަނބުރާ ވަޒީފާދޭން ޖެހޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ނުވާ ކަމަށް ބިޝާމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވާ ފަރާތަކަށް ދައުލަތުގެ ބަޖެޓުން މުސާރަ ދިނުމަށް އެއްވެސް ގާނޫނީ ލަފައެއް ދީފައިވާނެތޯ މެންބަރުން ބަންޑާރަނައިބަށް ސުވާލު ދެންނެވުމުން ބިޝާމް ވިދާޅުވީ ފަހުމީ ރައްޔިތުންގެ މަޖިލީހުން ވަކިކުރުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ހުކުމެއް އޮތް ނަމަވެސް ފަހުމީ އަށް މުސާރަ ދިނުމަށް ކުރީގެ ބަންޑާރަނައިބް ވެސް އަދި އެކަމަނާ ވެސް ފިނޭސް މިނިސްޓަށް ގާނޫނީ ލަފާ ދީފައި ނުވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ފަހުމީ ސީއެސްސީގެ ރައީސް ކަމުން ވަކިކޮށްފައި ވަނިކޮށް ދައުލަތުން ފަހުމީ އަށް މުސާރަ ދެމުންދާ މައްސަލައާ ގުޅިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާން ދެއްވަމުން ފިނޭސް މިނިސްރު އަބްދﷲ ޖިހާދު ވިދާޅުވީ ދައުލަތުން މުސާރަދޭން ޖެހޭ މީހުން ކަނޑައަޅަނީ ފިނޭސް މިނިސްޓްރީން ނޫން ކަމަށާއި ކަމާގުޅޭ މުއްސަސާތަކުން ކަމަށެވެ. އެހެން ކަމުން ފަހުމީ ވަޒީފާ އިން ވަކިކުރެވިފައިވާކަން އެއްވެސް ފަރާތަކުން އެ މިނިސްޓްރީ އަށް އަންގާފައި ނުވާ ކަމަށެވެ. އަދި ފަހުމީ އަށް މުސާރަ ދެމުން ގެންދަނީ ސީއެސްސީ އިން އަންގައިގެން ކަމަށް ޖިހާދު ވިދާޅުވި އެވެ.

ޖިހާދު އިތުރަށް ވިދާޅުވީ ފަހުމީގެ މައްސަލާ ހައްލު ކުރުމަށްޓަކައި އެ މިނިސްޓްރީ އަށް ދެވެން އޮތް އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ. އެގޮތުން ކުރިއަށްތަނުގައި އެކަމުގައި އަމަލުކުރަން ޖެހޭ ގޮތުގެ ގާނޫނީ ލަފާ ހޯއްދަވާނެ ކަމަށް ޖިގާދު ވިދާޅުވި އެވެ.