އެލައިޑް އިންޝުއަރެންސް އިން ދެމުންދާ ޓުރެވަލް އިންޝުއަރެންސްއިން ނަގަމުންދާ ޕުރިމިއަމް އިން 37 ޕަސެންޓް އަގު ހެޔޮކޮށްފި އެވެ.

އެލައިޑްގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެބަދަލާ އެކު އެ ކުންފުނިންދޭ ޓުރެވަލް އިންޝުއަރެންސްގެ ޕެކޭޖުތަކުގެ އަގަށް ވަރަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ޓުރެވަލް އިންޝުއަރެންސް ޕެކޭޖްތަކުގެ ތެރެއިން އެންމެ ގިނަ މީހުން ނަގާ ދެ ހަފްތާގެ ޓުރެވަލް ޕެކޭޖްވެސް މީގެ ކުރިން 50 ޑޮލަރު ޕުރިމިއަމްގެ ގޮތުގައި ނެގި އިރު މިހާރު ނަގަނީ 31 ޑޮލަރު ކަމަށް އޭނާ ވިދާޅުވި އެވެ.

އެލައިޑް އިންޝުއަރެންސް އިން ބުނީ އަގުތަކަށް ބަދަލުގެނައީ ދަތުރުފަތުރުކުރުމުގައި އިންޝުއަރެންސްގެ ހިއްސާ ބޮޑުވެފައިވާ މިދުވަސްވަރުގައި ގިނަ ކަސްޓަމަރުންނަށް ރަނގަޅު އަގެއްގައި އެ އިންޝުއަރެންސްގެ ފައިދާ ލިބިދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެލައިންޑްއިން ބުނީ އަގަށް ގެނައި ބަދަލާ އެކު އެކުންފުނީގެ ވެބްސައިޓް www.allied.mv މެދުވެރިކޮށް އޮންލައިންކޮށް ޓުރެވަލް އިންޝުއަރަންސް ނެގޭނެ ކަމަށެވެ.