03 Nov 2010, 16:14
ސަރުކާރުގެ ތަޢްލީމީ ސިޔާސަތުގެ އަމާޒަކީ، ފުރިހަމަ ރައްޔިތަކު ތައްޔާރުކުރުން ކަމަށާއި، މަދަރުސާގެ ބޭނުމަކީ މަދަރުސާއިން ނުކުންނަ ކޮންމެ ދަރިވަރަކީ ވެސް ރަނގަޅު ހަރުދަނާ ރައްޔިތަކަށް ވާނެ ދަރިވަރަކަށް ހެދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލްގެ ތިންވަނަ އަހަރީ ދުވަސް ފާހަގަކުރެއްވުމަށް، ރޭ އެ ސްކޫލްގައި ބޭއްވެވި ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނު ސިފަކުރައްވާ ފުރިހަމަ ރައްޔިތަކީ ކޮބައިކަން ހާމަކުރައްވަމުން، އެފަދަ ރައްޔިތަކީ، އިސްލާމް ދީނަށާއި، ދިވެހިރާއްޖެ އަށް ބޯލަނބާ، އަދި ދިވެހިންގެ ތަރައްޤީއަށް އަތުކުރި އޮޅާލައި ހުންނާނެ ރައްޔިތަކު ކަމުގައި ވިދާޅުވި އެވެ. އެފަދަ ފުރިހަމަ ހަރުދަނާ ރައްޔިތަކީ، "އޭނާގެ އަމިއްލަ ޙަލާލު މަސައްކަތުން އޭނާއާއި އޭނާގެ ޢާއިލާ ގޮވައިގެން އުޅެވޭ، ރަނގަޅު އާމްދަނީއެއް ހޯދޭ، ޤައުމުގެ ތަރައްޤީގައި ބައިވެރިވެވޭ، ރަނގަޅު ޢާއިލާއެއް ބިނާކުރަން މަސައްކަތްކުރާ ހަރުދަނާ ރައްޔިތެއް" ކަމުގައި ރައީސް ވިދާޅުވި އެވެ.
ހަރުދަނާ ރައްޔިތަކު އުފެއްދުމަށް ސަރުކާރުން ބަރޯސާ ވަމުން ގެންދަނީ، ތަޢްލީމީ ނިޒާމުގެ މައްޗަށް ކަމުގައި ވިދާޅުވަމުން، މަދަރުސާތަކުން ނުކުންނަ ދަރިވަރުންނަކީ، ފުރިހަމަ ދަރިވަރުންނަށް ހެއްދެވުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ދަރިވަރުންނަށް ވަށާޖެހޭ ތަޢްލީމެއް ދިނުންކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ. މީގެއިތުރުން، ހަރުދަނާ ރައްޔިތެއް ބިނާކުރުމަށްޓަކައި ސަރުކާރުގެ އަމާޒަކީ، ހަމައެކަނި 60 ޕަރސެންޓަށްވުރެ ގިނަ ދަރިވަރުން "ސީ" ފާހަށް ވުރެ މަތިން ފާސްވެގެން ނުކުތުން ނޫން ކަމުގައި ރައީސް ވިދާޅުވި އެވެ.
ހަމައެއާއެކު، ސަރުކާރުގެ އަމާޒަކީ ކޮންމެ ދަރިވަރަކީވެސް އިތުރު ޙަރަކާތްތަކުގައި ބައިވެރިވާ، އަދި ކޮންމެ ދަރިވަރަކީވެސް މުނިފޫހިފިލުވުމާއި އިޖްތިމާއީ އެހެން ކަންކަމުގައި ޙަރަކާތްތެރިވާ ދަރިވަރަކަށް ހެދުން ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ޣާޒީ ސްކޫލަކީ، ރަނގަޅު ގޮތުގައި ހިންގޭ، ސަރުކާރުގެ ތަޢްލީމީ ސިޔާސަތު ތަންފީޒު ކުރުމުގައި ކާމިޔާބުތައް ހޯދައިދޭ މަދަރުސާއަކަށް ހެދުމަކީ، ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
ރޭ، ޣާޒީ ސްކޫލްގައި ބޭއްވުނު ޙަފްލާގައި، އެ ސްކޫލްގެ ސްމާޓް ރޫމް، ރައީސް ހުޅުއްވައިދެއްވި އެވެ. އަދި އެ ސްކޫލަށް ތަފާތު އެކިއެކި ޚިދްމަތް ކުރައްވާފައިވާ ފަރާތްތަކަށް ހަނދާނީ ލިޔުން ދެއްވި އެވެ. އަދި އެސްކޫލްގެ އަހަރީ ޙަފްލާ ޝަރަފްވެރިކޮށްދެއްވުމަށް ރައީސް ނަޝީދު ވަޑައިގެންނެވިކަން ފާހަގަކުރައްވައި، އެސްކޫލްގެ ފަރާތުން އެމަނިކުފާނަށް ހަނދާނީ ފިލައެއް އެރުއްވި އެވެ.