27 Jun 2013, 09:56
މަސްތުވާތަކެތި ބޭނުންކުރާ މީހުން އެ ވަބާއިން ސަލާމަތްކޮށް މުޖުތަމައުމައުއަށް ނެރެންޖެހޭ ކަމަށް މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުންނާއި ސިޔާސީ ފަރާތްތަކުން ވެސް ގެންދަނީ އަޑު އުފުލަމުންނެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން މުޖުތަމައުއަށް ނެރެން ޖެހޭ ކަމަށް ފާއިތުވި ސަރުކާރުން ވެސް ގެންދިޔައީ ބުނަމުންނެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އެހެނިހެން ކުށްތައް ކުރާ މީހުން އިސްލާހުވެ މުޖުތަމައުގައި އުޅުމުގެ ފުރުސަތު މަގުފަހިކޮށްދިނުމަށް ކަމަށް ބުނެ ކުރީގެ ސަރުކާރުން ވަނީ ދެވަނަ ފުރުސަތުގެ ޕްރޮގްރާމެއް ފަށާފަ އެވެ.
ދެހާސް އެގާރަ ވަނަ އަހަރުގެ ތެރޭގައި އެ ޕްރޮގްރާމް އިފްތިތާހު ކުރުމަށް ފަހު ތަފާތު އެކި ދުވަސްމަތިން ވަނީ ޖަލުގައި ތަފާތު އެކި ކުށްތައް ކުރަމުން ގެންދިޔަ މީހުން ދޫކޮށްލާފަ އެވެ. ދެވަނަ ފުރުސަތުގެ ދަށުން ޖަލުގައި ތިބި ގައިދީން މިނިވަންކުރުމަށް ފަހު ކުރީގެ ސަރުކާރުން ތަކުރާރުކޮށް ބުނަމުން ގެންދަނީ އެއީ އެކިއެކި ކުށްތަކުގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންގެންދާ މީހުން ފައިދާ ހުރި ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނެރުމަށް ކުރަމުން ގެންދިޔަ ކަމެއް ކަމަށެވެ. ނަމަވެސް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ޑްރަގް ކޯޓެއް އުފެދި އެ ކޯޓާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރާ މަންޒަރު ފެނިގެން ދިޔުމުން ކުރިން ތައާރަފް ކުރި ދެވަނަ ފުރުސަތުގެ ޕްރޮގްރާމަކީ ތާކުންތާކު ނުޖެހޭ ޕްރޮގްރާމެއް ކަން އެނގެ އެވެ.
ޑްރަގް ކޯޓަކީ ހަމައެކަނި މަސްތުވާތަކެތި ބޭނުންކުރި ކަމަށް އަމިއްލައަށް އިއުތިރާފުވާ މީހުންގެ މައްސަލަތައް ބަލާ ކޯޓެކެވެ. ސަބަބަކީ އެމީހުންނަށް ފަރުވާ ދިނުމުގެ މަގުފަހިކުރުމެވެ.
ފުލުހުންނަށް ހުށަހެޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މައްސަލަތަކާއި މަސްތުވާތަކެތި ބޭނުންކުރިކަމުގެ ކުށް ސާބިތުވެ ޖަލުގައި ހުކުމްތަންފީޒު ކުރަމުންގެންދާ މީހުންގެ މައްސަލަތައް ވެސް ޑްރަގް ކޯޓަށް ހުށަހެޅެއެވެ. އެއީ އެމީހުންނަށް އެކަމުން ދުރުހެލިވެ އަނބުރާ މުޖުތަމައުގައި އުޅެވޭނެގޮތް ފަހިކުރުމުގެ މަގުސަދުގަ ކުރާ ކަމެކެވެ.
މަސްތުވާތަކެތި ބޭނުންކުރާކަމަށް އިންކާރުކުރާ މީހުންގެ މައްސަލަތައް އެ ކޯޓަށް ހުށަނޭޅޭނެ އެވެ. ސަބަބަކީ އެ ކޯޓަކީ މަސްތުވާތަކެތީގެ ވަބާއިން ދުރުވެ ރަނގަޅުބައެއްގެ ގޮތުގައި މުޖުތަމައުގައި އުޅެން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް އޮންނަ ތަނަކަށް ވާތީ އެވެ.
ޑްރަގް ކޯޓުން ކުރާ ރިހެބިލިޓޭޝަންގެ އަމުރަށް މަސްތުވާތަކެތި ބޭނުންކުރި ކަމަށް އަމިއްލައަށް އިއުތިރާފުވެފައިވާ މީހުންނަށް ރިހެބިލިޓޭޝަން ސެންޓަރުތައް މެދުވެރިކޮށް ފަރުވާދެނީ ނޭޝަނަލް ޑްރަގް އެޖެންސީންނެވެ. ފަރުވާ ދިނުމުގެ ކަންތައް ނޭޝަނަލް ޑްރަގް އެޖެންސީއާ ހަވާލުކުރުމަށް ފަހު ޑްރަގް ކޯޓުން ގެންދަނީ އެކަން ކުރިއަށްދާގޮތް ރަނގަޅަށް މޮނިޓާކޮށް ބަލަމުންނެވެ. ފަރުވާގެ ޕްރޮގްރާމްގެ އުސޫލުތަކާ ޚިލާފުވާ މީހުން މުޖުތަމައުގައި އުޅުމުގެ ފުރުސަތު ބަންދުކޮށް އެމީހުން ފޮނުވަނީ އަނބުރާ ޖަލަށެވެ.
މިކަމާ ޚިލާފަށް ދެވަނަ ފުރުސަތުގެ ދަށުން މުޖުތަމައުއަށް މީހުން ދޫކޮށްލުމުގައި ބަލަނީ ކޮން މިންގަނޑަކަށް ކަމެއް ސާފުކޮށް އެނގެންނޯވެ އެވެ. އެކަމާ ބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ބޭފުޅަކު ވިދާޅުވާއެއްޗެއްގެ އިތުރުން އެކަމާ ބެހޭ ގާނޫނެއް ނެތްތާގައި އެކަން ކުރާނެ އުސޫލެއް ހަދައި ގެޒެޓުގައި ވެސް ޝާއިއުކޮށްފައިނުވާކަން ފާހަގަކޮށްލެވެ އެވެ.
ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވި ގޮތުގައި ދެވަނަ ފުރުސަތުގެ ޕްރޮގްރާމަކީ ގާނޫނީ އިމުން ބޭރުން ހިންގި ޕްރޮގްރާމެކެވެ. އެ ޕްރޮގްރަމަކީ ކުށްތަކަށް އަރައިގެންފައިވާ މީހުން ސަލާމަތްކޮށް މުޖުތަމައުއަށް ނެރުމުގެ ބަދަލުގައި ސަރުކާރުން ބޭނުންވާ ބަޔަކު ޖަލުން ސަލާމަތް ކުރުމަށް ހިންގި ޕްރޮގްރާމެއް ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.
"ދެވަނަ ފުރުސަތުގެ ޕްރޮގްރާމް ހިންގާފައި ވަނީ ގާނޫނީ އިމުން ބޭރުން. އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމުގެ އުސޫލާ ޚިލާފަށް،" ޝާހު ވިދާޅުވި އެވެ.
ދެވަނަ ފުރުސަތުގެ ދަށުން މީހުން ދޫކޮށްލާތާ ދުވަސްކޮޅެއް ފަހުން އަޑުއިވެނީ ވައްކަމާއި ފޭރުމުގެ މައްސަލައެއްގައި ނޫނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އެ މީހަކު ފުލުހުން ހައްޔަރު ކުރާ އަޑެވެ. އެގޮތުން މަޝްހޫރު ލިޔުންތެރިޔާ ގާނޫނީ އަދި ވަކީލު އަހްމަދު ނަޖީބު އަވަހާރަކޮށްލި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި މ. މަސްރޫރާ އަހްމަދު މުއްރަތު އަކީ ވެސް ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލި މީހެކެވެ.
ކޮންމެ މަގުސަދެއް ހާސިލުކުރުމަށްޓަކައި ނަވެސް ތަނެއްދޮރެއް ނުބަލާ ޖަލުގައި ތިބޭ ކުށްވެރީން މުޖުތަމައުއަށް ދޫކޮށްލުމަކީ އެއީ އެކަމުގެ ނޭދެވޭ އަސަރު މުޅި މުޖުތަމައުއަށް ކުރާނެ ކަމެއްކަން ޔާގީނެވެ.