ބްރަޒީލިޔާ (ޖޫން 27): ބްރަޒީލްގެ ދަސްތޫރަށް (ގާނޫނު އަސާސީ އަށް) ބައެއް ބަދަލު ގެނައުމަށް ރައީސާ ދިލްމާ ރޮޒެޔޭވް ހުށަހެޅުއްވި ހުށަހެޅުމަށް ޕާލަމެންޓުން ދެކޮޅުހަދާފައި ވާތީ ދިލްމާގެ ސިޔާސީ ބައެއް ޕްލޭންތަކާއި މަޝްރޫޢުތައް މަޑުޖައްސާލައްވާނެ ކަމަށް އެގައުމުގެ ރިޔާސަތުން ބުނެފި އެވެ.

ބްރަޒީލްގެ ރިޔާސީ ތަރްޖަމާނަކު ވިދާޅުވިގޮތުގައި ދިލްމާގެ ސިޔާސީ ޕްލޭންތަކާއި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީޢާންމު ރައްޔިތުންނަށް ފޯރުކޮށްދޭސިއްޙީ އަދި ތަޢްލީމީ ޚިދްމަތްތައް ފަދަ އިޖްތިމާޢީ ޚިދްމަތްތަކާއި ދަތުރުފަތުރުގެ ޚިދްމަތްތަކުގެ ފެންވަރު މަތިކުރުމާއި ތަކެތީގެ އަގުތައް ބޮޑުވުން ކޮންޓްރޯލްކުރުމާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ރައްޔިތުންގެ ބޭނުންތައް މިހާރަށް ވުރެ ފަސޭހަ އިން ފުއްދައި ދިނުމުގެ ޕްލޭންތަކާއި މަޝްރޫޢުތައް ކަމުގަ އެވެ.

މީގެތެރެއިން ބައެއް މަޝްރޫޢުތައް ވަގުތީ ގޮތުން ހުއްޓާލަން ޖެހުނު ނަމަވެސް އަނެއްބައި މަޝްރޫޢުތައް ކުރިޔަށްގެންދާނެ ކަމަށާ ދަސްތޫރަށް ބައެއް އިސްލާހް ގެންނަން ބޭނުންވަނީ ރައްޔިތުންގެ ގޮވާލުންތަކަށް އިޖާބަދިނުމަށް ބޭނުންވާ މި ޕްލޭންތަކާއި މަޝްރޫޢުތަކަށް މަގުފަހުކުރުމުގެ ގޮތުން ކަމަށްވެސް ތަރްޖަމާން ވިދާޅުވި އެވެ.

ބްރަޒީލްގައި ޢާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ދަތުރުފަތުރުގެ ޚިދްމަތްތަކުގެ އަގުބޮޑުވެ ފެންވަރު ދަށްވުމުގެ އިތުރުން އިޖްތިމާޢީ ޚިދްމަތްތައް ދޯހަޅިވެގެންދިޔުމާއި ތަކެތީގެ އަގުތައް ބޮޑުވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުންރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ހީނަރުވަމުންދާތީ އެތައް ލައްކަ ބަޔަކު މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާތަކާއި އިޙްތިޖާޖްތައް ކުރަމުން ގެންދާތާވަނީ ދެހަފްތާ ވެފަ އެވެ. ބްރަޒީލްގެ ރައީސާ ދިލްމާ ވަނީ ސަރުކާރާ ދެކޮޅަށް އިޙްތިޖާޖްތައް ކުރަމުންގެންދާ މީހުންގެ އެދުންތަކަށްއިޖާބަ ދެއްވުމަށް ވައުދުވެވަޑައިގެންފަ އެވެ.

ބްރަޒީލްގެ ދަސްތޫރަށް ބައެއް އިސްލާޙުތައް ގެނައުމަށް އެގައުމުގެ ރިޔާސަތުން ހުށަހެޅި ހުށަހެޅުންތަކަށް ދެކޮޅު ހަދާފައި ވަނީ ޕާލަމެންޓްގައި ހިމެނޭ އިދިކޮޅު ފަރާތްތަކުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ ދަސްތޫރަށް ބަދަލު ގެނައުމަށް ރައީސާ ދިލްމާ ހުށަހެޅުއްވި ހުށަހެޅުންތަކަކީ ފަނޑިޔާރުންގެ އަތް ބަނދެވި ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވުމުގެ ފުރްސަތު ބޮޑުވެދާނެ އިސްލާޙްތަކެއް ކަމަށާ މިއީ ގަބޫލުނުކުރެވޭނެ ކަންތައް ތަކެއް ކަމުގަ އެވެ.

މީގެ ދެހަފްތާކުރިން ފެށިގެން ބްރަޒީލްގައި ކުރިޔަށްދާ ސަރުކާރާ އިދިކޮޅު މުޒާހަރާތައް ބްރަޒީލްގެ އެތައް ރަށެއްގައި އިއްޔެވެސް ކުރިޔަށް ދިޔަކަމަށާ މުޒާހަރާތަކުގައި ލައްކައިން މީހުން ބައިވެރިވާ ކަމަށް ޚަބަރު ލިބެ އެވެ. (ނޫސްއެޖެންސީތައް)