ފަނޑިޔާރެއްގެ "ބަރަހަނާ މަންޒަރު" ދައްކުވައިދޭ ވީޑިއޯއެއް ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ހައުސިން މިނިސްޓްރީގެ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓް އެޑްވައިޒަރު އަހުމަދު ފާއިޒް މަގާމުން ވަކިކޮށްފި އެވެ.

ފާއިޒު މަގާމުން ވަކިކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދު މިއަދު ސަން އަށް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ފަނޑިޔާރެއްގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވިއްކަން އުޅެނިކޮށް ފާއިޒް ރޭ ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުން ދިޔަ ކަމުގެ ތުހުމަތުގަ އެވެ. އޭނާ ހައްޔަރު ކުރިއިރު، ބްލެކްމެއިލް ކޮށްގެން އޭނާ ހޯދާފައިވާ ބައެއް ފައިސާ އާއި "ފަނޑިޔާރުގެ ބަރަހަނާ ވީޑިއޯ" ވެސް ފުލުހުން އަތުލައިގެންފައިވާ ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ.

ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ތަހުގީގު ހިންގުމަށް، ފާއިޒުގެ ބަންދަށް ކްރިިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

ކްރިމިނަލް ކޯޓުން ބުނީ ފާއިޒްގެ ބަންދުގެ މުއްދަތުގެ ޝަރީއަތުގައި އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރީ އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯ ބޭނުންކޮށްގެން ބިރުދައްކައި ގިނަ އަދަދެއްގެ ފައިސާ އަތުލަން އުޅުމުގެ ތުހުމަތެވެ.

ފާއިޒަކީ އެމްއެންބީސީގެ މެނޭޖިން ޑިރެކްޓަރުކަމާއި އެމްޕީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު ވެސް ކުރިން އަދާކުރައްވާފައިވާ މީހެކެވެ.