27 Jun 2013, 09:21
މިދިޔަ އަހަރު ރާއްޖޭގައި ކުރި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި)ގެ އަދަދު 284 މިލިއަން ޑޮލަރަށް އަރާ ކަމަށް އދ. އިން ބުނެފި އެވެ.
ޔުނައިޓެޑް ނޭޝަން ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫއެންސީޓީއޭޑީ)ން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ 2011 ވަނަ އަހަރެކޭ އެއްގޮތަށް މިދިޔަ އަހަރު ވެސް ކުދި ޖަޒީރާ ގައުމުތަކަށް ބޭރުގެ ސީދާ އިންވެސްޓްމަންޓްތައް (އެފްޑީއައި)ގެ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ކުރި އިންވެސްޓްމަންޓްގެ އަދަދު ދިހަ ޕަސެންޓް އިތުރުވެ ޖުމްލަ އިންވެސްޓްމަންޓްގެ އަދަދު 6.2 ބިލިއަން ޑޮލަރަށް އަރާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އދ.ގެ ޖަމާއަތުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ރާއްޖެ އަށް މިދިޔަ އަހަރު ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި ލިބުނު އަދަދު 284 މިލިއަން ޑޮލަރަށް އަރާ ކަމަށާއި އެއީ 2011 ވަނަ އަހަރާ އަޅާބަލާއިރު އެއީ 11 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެ ޖަމާއަތުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ބޭރުގެ ސީދާ އިންވެސްޓްމަންޓްގެ އަދަދު އެފްރިކާ، އޭޝިއާ އަދި ޕެސިފިކްގައި 31 ޕަސެންޓް އިތުރުވެ ޖުމްލަ އިންވެސްޓްމަންޓްގެ އަދަދު 1.4 ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ. ހާއްސަ ގޮތެއްގައި ޕަޕުއަ ނިއު ގިނީގައި ކުރި އިންވެސްޓްމަންޓް އެ ޖަމާއަތުން ފާހަގަކޮށްފައިވެ އެވެ.