ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ސެމީ ފައިނަލްގައި ކޮރިންތިއާންސްގެ މިޑްފީލްޑަރު ޕައުލީނިއޯ ކާމިޔާބުކޮށްދިން ލަނޑުން 2-1ން އުރުގުއޭ ބަލިކޮށް ބްރެޒިލް އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ބްރެޒިލް މެޗުން މޮޅުވި ލަނޑު، ޕައުލީނިއޯ ކާމިޔާބުކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ނޭމާ ނަގައިދިން ކޯނަރެއް ބޮލުންޖަހައި އުރުގުއޭގެ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އެ ލަނޑަކީ ކޮންފެޑެރޭޝަންސް ކަޕްގައި ޕައުލީނިއޯ ބްރެޒިލަށް ކާމިޔާބުކޮށްދިން ދެވަނަ ލަނޑެވެ.

ބްރެޒިލްގެ ބެލޯ ހޮރިޒޮންޓޭގެ އެސްޓާޑިއޯ މިނެއިރާއޯގައި 60،000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބްރެޒިލްއަށް ކުރި ހޯދައިދިނީ، މެޗުގެ 42 ވަނަ މިނިޓުގައި، ފްލުމިނެންސްގެ ފޯވާޑް ފްރެޑްރިކޯ ޗަވޭޒް (ފްރެޑް) އެވެ. ފްރެޑް އެ ލަނޑު ކާމިޔާބުކޮށްދިނީ، އުރުގުއޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނޭމާ ފޮނުވާލި ބާރު ބޯޅަ ކީޕަރުގެ ގައިގައި ޖެހިފައި ބޭރަށް ނުކުތްވަގުތު ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި އުރުގުއޭއަށް މެޗު ލީޑު ކުރާނޭ ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. އެއީ ބްރެޒިލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން، އުރުގުއޭގެ ކެޕްޓަން، ޑިއެގޯ ލުގާނޯއަށް ޗެލްސީގެ ޑިފެންޑަރު ޑޭވިޑް ލުއިޒް ކުރި ފައުލަކާ ގުޅިގެން ލިގުނު ޕެނަލްޓީ އެކެވެ. އެހެން ނަމަވެސް 14 ވަނަ މިނިޓްގައި ޑިއެގޯ ފޯލާން ޖެހި ޕެނަލްޓީ ބްރެޒިލްގެ ކީޕަރު ހޫލިއޯ ސެޒާވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ ނަތީޖާ އުރުގުއޭއަށް ހަމަހަމަކޮށްދިނީ، ފަހުހާފުގެ ތިންވަނަ މިނިޓުގައި، ނަޕޯލީގެ ފޯވަޑް އެޑިންސަން ކަވާނީ އެވެ. ބްރެޒިލްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ކަވާނީ ފޮނުވާލި ބޯޅަ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ގޮސްވަނީ ގޯލްގެ ކަނަށެވެ.

މިރޭގެ ފޯރިގަދަ ސެމީ ފައިނަލް މެޗުގައި ބްރެޒިލް ޓީމުން ގިނަ ހަމަލާތަކެއް އުރުގުއޭ ކޮޅަށް އުފެއްދިއިރު އުރުގުއޭއިންވެސް ވަނީ ބްރެޒިލް ޓީމް ހާސްކޮށްލާފަދަ ހަމަލާތަކެއް އުފައްދާފަ އެވެ.

ކޮންފެޑެރޭޝަންސް ކަޕް ފައިނަލްގައި ބްރެޒިލްއާ ވާދަކުރާނީ މާދަމާރޭ ސްޕެއިންއާ އިޓަލީ ވާދަކުރާ ދެވަނަ ސެމީފަނަލުން މޮޅުވާ ޓީމެކެވެ. އަދި އެމެޗުން ބަލިވާ ޓީމެއް ވާދަކުރާނީ، އަންނަ އާދީއްތަ ދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވާ ތިންވަނަ ހޮވާ މެޗުގައި އުރުގުއޭއާ އެވެ.