އެމްޑީޕީއަށް އަށް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެތައް ސަތޭކަ ބަޔަކާއެކު "ބިޔަ ބޮޑު" ހިނގާލުމެއް މާލޭގެ މަގުތަކުގައި މިރޭ ބާއްވައިފި އެވެ.

ދިވެހިރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ސިޔާސީ ޕާޓީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުސްފަސްގަނޑުން މިރޭ 9:00 ގައި ފެށި ހިނގާލުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދާއި އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީ ސަރުކާރުގެ ވަޒީރުން ބައިވެރިވި އެވެ. އަދި އެ ޕާޓީއަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ އެކި އުމުރުފުރާގެ މީހުން ބައިވެރިވި އެވެ.

މިރޭގެ އެމްޑީޕީގެ ހިނގާލުން ކުރިއަށްދިޔަ ވަގުތު އެމްޑީޕީއިން ބޭނުންކުރި ޕިކަޕް، ސުޓޭޖެއްގެ ގޮތަށް ޑިޒައިންކޮށް، ތަފާތު ކުލަތަކުގެ ސުޕޮޓް ލައިޓްތައް އަޅުވާފައިވެ އެވެ. އަދި އެ ހިނގާލުމުގެ ކުރީ ސަފުގައި އަންހެން ކުދިން، ދިދަ އެބުރުމާއި "ޕޮމްޕޮމް"ގެ ހަރަކާތްތައް ދައްކާލި އެވެ. ހިނގާލުމުގައި ޒުވާނުން ކުޅިވަރު ކުޅޭ މަންޒަރުތަކާއި ވިއްސާރަ ކުޑަ އެނބުރުމުގެ ހަރަކާތްތައް ދައްކާލާފައިވާއިރު، އެކި ހިސާބުތަކަށް މަޑުކޮށް އެމްޑީޕީގެ މިއަހަރުގެ ރިޔާސީ މޮޓޯ "އެއްބުރުން" މިހެން ކިޔައި ހަރުއަޑުން އަޑުއުފުލި އެވެ. އަދި ފޯރިގަދަ މިއުޒިކާއެކު ސިޔާސީ ޝުއޫރުފާޅުކޮށް ހެދި އެވެ.

ދެ ގަޑިއިރަށް ދިގުދެމިގެންދިޔަ އެ ހިނގާލުން މާލޭގެ މަގުތަކުން ގޮސް ނިންމާލީ އުސްފަސްގަނޑަށެވެ. އެމްޑީޕީގެ ހިނގާލުން ކުރިއަށް ގެންދިޔައީ އުސްފަސްގަނޑު ބޮޑުތަކުރުފާނު މަގުން އުތުރަށް ގޮސް، މަޖީދީމަގުން ހުޅަނގަށް ގޮސް، ކަނބާއައިސާމަގުން އަމީނީމަގުން ކުރިއަށް ގޮސް އެހިނގާލުން ނިންމާލާފައި ވަނީ އުސްފަސްގަނޑަށެވެ.

އެހިނގާލުން ނިންމާނުމަށްފަހު އެމްޑިޕީގެ ސަޕޯޓަރުންނާއި މުހާތަބްކޮށް ވާހަކަ ދައްކަވަމުން އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ނަޝީދު ވިދާޅުވީ މިއަދަކީ ރާއްޖޭގައި ރައްޔިތުންނަށް ތަރައްގީވުމުގެ ވަސީލަތް ގާއިމްކުރެވުނުތާ އަށް އަހަރު ވީ ދުވަސް ކަމަށެވެ. އަދި އެމްޑީޕީއިން ހިތާމަވެރިކަމާއި އުފާވެރިކަން ތަޖުރިބާކޮށްފައިވާ ކަމަށާއި އަދި އެއްބުރުން މިފަހަރުގެ އިންތިހާބް ކާމިޔާބް ކުރާނެ ކަމަށް އެމަނިކުފާން ވިދާޅުވި އެވެ. އަދި ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ އެމްޑީޕީގެ ސިޔާސީ މައިދާން މިރެއިން ފެށިގެން ހުސް ކުރުމަށް ގޮވާލާފަ އެވެ.

އެމްޑިޕީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ވަނީ އަހަރީ ދުވަހުގެ ކޭކު ވެސް އުސްފަސްގަނޑުގައި ފަޅާފަ އެވެ. އެ ކޭކު ފަޅައި ދެއްވީ ރައީސް ނަޝީދެވެ.