26 Jun 2013, 23:29
މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކުރުން ހުއްޓވުމަށް ޓަކައި ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެން ކުރި މަސައްކަތުން މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި 8،000 ގްރާމް (އަށް ކިލޯ)ގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ސްޓެލްކޯގެ ޖަލްސާކުރާ މާލަމްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކުރުން ހުއްޓުވުމަށް ޓަކައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ފަރާތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ ކަމަށެވެ.
"މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ވަރަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ހިފެހެއްޓިފައި. އޭގެ ތެރޭގައި، އެންމެ ގިނައިން އަޅުގަނޑުމެންގެ ތެރޭގައި މިގެންގުޅޭ އެއްބާވަތެއް ކަމަށްވާ ހެރޮއިން، އަދި ހަޝިސް އޮއިލް ހިމެނޭ،" ރައީސް ވިދާޅުވި އެވެ. "މި ވޭތުވެދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް 8000 އަށް ވުރެ ގިނަ ގްރާމްގެ މަސްތުވަތަކެތި ވަނީ ހިފެހެއްޓިފައި. މިކުށް ކުރުމުގައި ދިވެހިން ވެސް އަދި ބައެއް ބޭރު ގައުމުތަކުގެ މީހުން ވެސް ހިމެނޭ،"
އެމަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސްތުވާތަކެތި ރާއްޖެ އަށް އެތެރެވުން ހުއްޓުވުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެގޮތުން ހާއްސަކޮށް ފާހަގަކުރާ އެއްކަމެއްގެ ގޮތުގައި ރާއްޖޭގެ ބަނދަރުތައް ވަރުގަދަކުރުން ހިމެނޭ ކަމަށެވެ.
"ކަސްޓަމްސް އާއި ޕޯޓްސް އޮތޯރިޓީ އާއި ސިފައިންނާއި އަދި ފުލުހުން، މި ހުރިހާ އޭޖެންސީތަކެއް ގުޅިގެން، ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ހާއްސަކޮށް ތިލަފުށީގައި ހުރި ބަނދަރުތައް މިހާރު ވަނީ. ބައިނަލްއަގްވާމީ ސްޓޭންޑަޑްތަކަށް ފެއްތިފައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ދިވެހި ރާއްޖޭގެ ބޯޑަރު މީގެ ކުރިން ކިތަންމެ ވަރަކަށް ކޯސްޓްގާޑުން ޕޮލިސްކޮށް ބެލެހެއްޓި ނަމަވެސް، އެ ފިޔަވަޅު އެޅެންދެން، ތިލަފުށީގެ ޕޯޓް އޮތީ ވަންނާނެ މީހަކުވަދެ، ބާލާނެ އެއްޗެއް ބާލައި ގެންދާނެ އެއްޗެއް ގެންދިއުމަށް ހުޅުވާލެވިފައި ކަމަށާއި ހަގީގަތުގައި ވެސް ރާއްޖޭގެ ބޯޑަރު އޭރު އޮތީ ނުބެލެހެއްޓިފައި ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖެ އިން މަސްތުވާތަކެތީގެ ވަބާ ހުއްޓުވުމަށް ޓަކައި އަލަށް އުފެދުނު މަސްތވާތަކެތީގެ ގާނޫނުގެ ދަށުން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަ ހުރި ކަމަށާއި އެގޮތުން މިހާރު ވެސް ވަރަށް ގިނަ މަސައްކަތަކެއް ކުރަންފަށާއި ނުނިމި އެބަ ހުރި ކަމަށެވެ.
"އަޅުގަނޑުމެން ކުރަން ފަށާފައި ނުކުރެވި ހުރި ކިތަންމެ ކަމެއް އެބަހުރި. އޭގެ ތެރޭގައި ހާފްވޭ ހައުސްއެއް ހެދުން ހިމެނޭ. މިވެސް ހަމަ ދިގުދެމިގެންދާ މަސައްކަތެއް. އެކަމަށް ޓަކައި ބޭރުގެ ފަރާތެއްކަމަށްވާ ކަރިޓަސްގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ދެއްވައިގެން. އަޅުގަނޑުމެން އެ ހާފްވޭ ހައުސްގެ މަސައްކަތް ފަށާފައި މިވަނީ. އަޅުގަނޑު އުންމީދުކުރަން މާ ގިނަ ދުވަސްތަކެއް ނުވެ އެ ހާފްވޭ ހައުސް ހަދައި ނިމޭނޭ ކަމަށް،" ރައީސް ވިދާޅުވި އެވެ. "އަދި ހަމަ މިއާ އެކު އާ ގާނޫނުގެ ދަށުން އަޅުގަނޑުމެން އެބަޖޭހެ. ރިމާންޑް ސެންޓަރެއް ވެސް ހަދަން. އެ ރިމާންޑް ސެންޓަރު ވެސް އުފެއްދުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާތާ ދުވަސްކޮޅެއް ވެއްޖެ. އެކިއެކި އޭޖެންސީތަކާ ގުޅިވަޑައިގެން. ޑީޕީއާރުއެސްއާ އަދި އެހެނިހެން ވެސް ފަރާތްތަކުން ގުޅިވަޑައިގެން މިހާރު ރިމާންޑް ސެންޓަރެއް ހެދުމުގެ މަސައްކަތްވެސް ކުރެވެމުން އެބަދޭ."
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި މަސްތުވާތެކެތީގެ މައްސަލަތަކަކީ ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރަންޖެހޭ ކަމަކަށްވާ އިރު، މަސްތުވާތަކެތީގެ ނިޒާމް ރަނގަޅު ކުރުމަށްޓަކައި ޑްރަގް ކޯޓަކާއި ނޭޝަނަލް ޑްރަގް އޭޖެންސީ އާއި މަސްތުވާތަކެއްޗަށް ފަރުވާދިނުމަށް ތަފާތު ސެންޓަރުތައް އުފެދި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަ ކުރެއްވި އެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމްޕޮލޯއިމަންޓް އެސިސްޓަންސް ޕްރޮގްރާމް ފޯ ރިކަވަރިން އެޑިކްޓްސް ޕްރޮގްރާމާއި އިސްލާމިކް ރިހެބިލިޓޭޝަން ޕްރޮގްރާމާއި އަދި ރިލެޕްސް ޕްރިވެންޝަން ވޯކަބްލް ޕްރޮގްރާމް ލޯންޗްކޮށް ދެއްވާފަ އެވެ.