ރިޔާސީ އިންތިހާބާ ގުޅިގެން އެކި ޕާޓީތަކުން ހިންގާ ކަންތައްތަކާ ގުޅޭ ގޮތުން ޝަކުވާ ލިބެމުން އަންނަ ކަމަށާއި އެއްވެސް ފަރާތަކުން ގާނޫނާ ހިލާފު އަމަލުތައް ނުހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ގޮވާލައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ ފަރާތްތަކުން އެއް ޕާޓީއެއްގެ ފަރާތުން ބާއްވާ ބައްދަލުވުމަށް އެހެން ފަރާތްތަކުން ހުރަސް އެޅުމާއި ޕާޓީ ޖަގަހަ ފަދަ ތަންތަނަށް ގެއްލުން ދިނުމުގެ އަމަލު ހިންގުމާއި ގާނޫނީ ގޮތުން ހުއްދަ ހޯދަން ޖެހޭ ފަރާތްތަކުގެ ހުއްދަ ހޯދުމެއް ނެތި ވަކި ޕާޓީއަކަށް ނިސްބަތްވާ ކުލަ ފާރުތަކުގައި ލުން އަދި މަގު ހުރަސްކޮށް ދިދަ ފައްޗާއި ބެނާ ދެމުން ފަދަ އަމަލުތައް ހިންގާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 44 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން އެހެން ގާނޫނަކުން ހުއްދަކުރާ ދާއިރާ އިން ބޭރުގައި މަގުތަކާއި އާއްމު މައިދާންތަކުގައި ސިޔާސީ ޕާޓީތަކުގެ އާއްމު ބައްދަލުވުންތައް ބޭއްވުމާއި އެއްވެސް ޕާޓީއެއްގެ މެމްބަރުން ނުވަތަ އެ ޕާޓީއަކަށް ތާއީދުކުރާ މީހުން އެހެން ޕާޓީއަކުން ހިންގަމުންގެންދާ ބައްދަލުވުމަށް ހުރަސް އެޅޭ ފަދަ އަމަލެއް ކުރުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށެވެ. އަދި އެއްވެސް ފަރާތެއްގެ މިލްކަކަށް ގެއްލުން ދިނުމަކީ ވެސް ގާނޫނު މަނާކުރާ ކަމަކަށްވާތީ އެއްވެސް ފަރާތަކުން އެފަދަ އަމަލެއް ނުހިންގުމަށް އިލްތިމާސްކުރާ ކަމަށް އެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު މިފަދަ ބަޔާނެއް ނެރެފައި މި ވަނީ އެމްޑީޕީގެ ހަރުގެތަކަށް ގެއްލުންދީ އަދި ބައެއް ފަރާތްތަކުން އެމްޑީޕީ އަށް ނިސްބަތްކޮށް އެމްޑީޕީ ސަރުކާރު އޮތް އިރު ހިންގާފައިވާ ކޮރަަޕްޝަންތަކުގެ ވާހަކަތައް ލިޔެފައިވާ ބޯޑުތަކެއް ނެރެފައި ވަނިކޮށެވެ. އެ ބޯޑުތަކުގައި ލިޔެފައި ވަނީ ވިމްލާ އަށް ގާނޫނާ ހިލާފަށް ދިން ކަމަށް އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ 198 މިލިއަން ރުފިޔާގެ ވާހަކަ އާއި އަދި "ރީކޯ އަށް ދިން ލާރިގަނޑު ކޮބައިތޯ" ފަދަ ވާހަކަތަކެވެ.

ރައީސް ވަހީދު މި މަހު ކުރީ ކޮޅު ތިނަދު އަށް ކުރެެއްވި ކެމްޕޭން ދަތުރުފުޅެއްގައި އެމްޑީޕީ ބަޔަކު ވަނީ ގދ. ތިނަދޫން ރައީސް ވަހީދަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގައިފަ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އޭރު އެއްވެސް އެއްޗެއް ނުބުނެ އެވެ.