26 Jun 2013, 20:21
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ގާނާގެ 21 އަހަރުން ދަށުގެ ގައުމީ ޓީމްގެ ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅޭ، ޔޫސުފް ނޫރުދީން ގެނެސްފި އެވެ.
ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ސަންއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެޓީމަށް ގާނާގެ 21 އަހަރުން ދަށުންގެ ގައުމީ ޓީމްގެ ކުޅުންތެރިއަކު ގެނެސްފި ކަމަށާއި އަދި އެކުޅުންތެރިޔާ އަކީ ގިނަ މަގާމްތަކަށް ކުޅުމުގެ ގާބިލްކަން ލިބިފައިވާ ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ.
"ޔޫސިފްއަކީ މޯލްޑޯވާގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ، އެފްސީ ކޮސްޓްލޭނީއަށް ކުޅުމަށްފަހު، ގާނާގެ ޕްރިމިއާލީގް ކްލަބެއް ކަމަށްވާ، މެޑީމާ ސްޕޯޓްސް ކްލަބަށް ކުޅޭ ކުޅުންތެރިއެއް. އޭނާ ނިއުއާ ގުޅުނީ ލޯން އެއްބަސްވުމެއްގެ ދަށުން،" ބަލަކް ވިދާޅުވި އެވެ. "އަޅުގަނޑުމެން މިހާރު މި މަޑުކުރަނީ، އެ ކުޅުންތެރިޔާގެ އައިޓީސީ ލިބޭނޭ އިރަކަށް. އޭރުން ދިވެހި ލީގުގައި ނިއުރޭޑިއަންޓް، އޭވައިއެލްއާ ދެކޮޅަށް މިމަހުގެ 30 ގައި ކުޅޭ މެޗަށް އިރާދަ ކުރެއްވިއްޔާ އޭނާއަށް ކުޅެވޭނެ"
ނިއުރޭޑިއެންޓާ އަލަށް ގުޅުނު ޔޫސިފް ނޫރުދީން ވަނީ މިއަދު ހަވީރު ރާއްޖެ އައުމަށްފަހު ނިއުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަށް ތައާރަފް ވުމަށް އެ ކްލަބްގެ ޕްރެކްޓިސް ކުރާތަނަށް ޒިޔާރަތް ކޮށްފަ އެވެ.
ގާނާގެ ޕްރިމިއާ ލީގުގެ ހަތަރު ވަނައިގައި ނިންމާލި މެޑީމާ ސްޕޯޓްސް ކްލަބްގެ ޑިފެންޑަރަކަށް ކުޅުނު ޔޫސިފް އަކީ މިޑްފީލްޑަރެއްގެ މަގާމަށްވެސް ކުޅުމުގެ ގާބިލްކަން ލިބިފައިވާ ހުނަރުވެރި ކުޅުންތެރި އެކެވެ.
"ޔޫސިފްއަކީ އެ ކްލަބްގެ ޑިފެންޑަރަކަށް ކުޅޭ ކުޅުންތެރިއެއް. އެކަމަކު އޭނާ، މިޑްފީލްޑަރަކަށްވެސް ބޭނުން ކުރެވޭނެ. އޭނާ ވަނީ ގާނާގެ 21 އަހަރުން ދަށުގެ ޓީމްގައި ވަރުގަދަ ޓީމްތަކާ ދެކޮޅަށް ކުޅެފައި. އެހެން ކަމުން އަޅުގަނޑުމެން އުންމީދު ކުރަނީ، އެ ކުޅުންތެރިޔާއާއެކު ނިއު ވަރަށް ބޮޑަށް ވަރުގަދަ ވެގެން ދާނޭ ކަމަށް،" ބަލަކް ވިދާޅުވި އެވެ.
ބަލަކް ވިދާޅުވީ އަލަށް ގެނައި ބިދޭސީ ކުޅުންތެރިޔާއަށް ފަހު، ދެން މިސީޒަންގައި ނިއުއަށް އިތުރު ކުޅުންތެރިއަކު ހޯދަން ނުވިސްނާ ކަމަށާއި އަދި މިހާރު ތިބި ކުޅުންތެރިންނާއެކު އޭއެފްސީ ކަޕްގައި ނިއުއަށް ރަނގަޅު ނަތީޖާއެއް ނެރެވޭނޭ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.