ޔޫރޮޕާ ލީގު ޗެމްޕިއަން ޗެލްސީގެ ސްޕެއިން ފޯވާޑް ހުއާން މަޓާ ސްޕެއިންގެ ރެއާލް މެޑްރިޑަށް ވިއްކާލަން އުޅޭ ވާހަކަތައް މަޓާ ދޮގުކޮށްފި އެވެ.

މިދިޔަ ސީޒަންގައި މަޓާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެގޮތުން އޭނާ ވަނީ ޗެލްސީގެ ކުޅުންތެރިންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ސަޕޯޓަރުންގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބިފަ އެވެ. ޗެލްސީ އާއި އަންދްރޭ ޝޫލޭ ގުޅުމާއި ގުޅުގެން މަޓާ ވިއްކާލާނެ ކަމުގެ ރިޕޯޓްތަކެއް ވެސް ދާދި ފަހުން އާންމުވެފައި ވެއެވެ.

"އަހަރެންނަކަށް ނޭނގޭ އެއީ ކޮންތާކުން އުފެދުނު ވާހަކަތަކެއް ކަމެއް. އެންމެ ފަހުން އަހަރެން ކްލަބާއެކު ވާހަކަ ދެއްކިއިރު، ކްލަބުން ބުނީ އަހަރެންނަކީ ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އަހަރެންނަށް ކްލަބުން ފުރިހަމަ އިތުބާރުކުރާ ކަމަށް." މަޓާ ބުންޏެވެ.

އުމުރުން 25 އަހަރުގެ މަޓާ މިހާރު ހުރީ ސްޕެއިން ގައުމީ ޓީމާއެކު ބްރެޒިލްގަ އެވެ. ކޮންފެޑަރޭޝަންސް ކަޕް ނިމުމާއެކު ކްލަބާއި އަލަށް ގުޅުނު ކޯޗް ހޯސޭ މޮރީނިއޯ އަށާއި ކްލަބާއެކު އިތުރަށް ވާހަކަ ދައްކާނެ ކަމުގައި މަޓާ ބުނެފައި ވެއެވެ.

"ފުރަތަމަ މޮރީނިއޯ ބަލާނީ ކުޅުންތެރިންގެ ފެންވަރަށް. އަދި ކުޅުންތެރިންނާއި އޭނާ ވާހަކަ ދައްކާނެ. އެންމެ ފުރަތަމަ ކަމަކަށް ވާން ޖެހޭނީ ޓީމްގެ ކުޅުންތެރިން ދަސްކުރުން. ޗުއްޓީއަށް ފަހު އަރާމްކޮށްލުމަށް ފަހު އަހަރެން މޮރީނިއޯ އަދި ކްލަބާއެކު އިތުރަށް ވާހަކަ ދައްކާނަން." މަޓާ ބުންޏެވެ.

ސްޕެއިން ގައުމީ ޓީމްގެ ފުރަތަމަ އެގާރައިން މަޓާ އަށް ޖާގައެއް ނުލިބުނު ކަމުގައިވީ ނަމަވެސް ޗެލްސީ އާއި މަޓާ ގުޅުނު ފަހުން އޭނާ ދަނީ އެޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަމުންނެވެ. މަޓާ ވަނީ ޗެލްސީއާއެކު އެފްއޭ ކަޕަކާއި ޔޫއެފާ ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.