އެމްޑީޕީން ސިޔާސީ ހަރަކާތް ހިންގާ އުސްފަސްގަނޑު ސަރަހައްދުގައި ހުރި އެމްޑީޕީގެ ތަކެތި އެތަނުން ނަގައި، އެ ތަން ހުސް ކުރުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމެޓީގައި އެދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޖަސްޓިސް ބިލްޑިންގް ކުރިމަތީގައި ހުރި ގެއެއްގައި އެމްޑީޕީން ހަދާފައިވާ "ކޮޅުމަޑުލު ހަރުގެ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އުސްފަސްގަނޑު "މިރެއިން މިރެއަށް" ހުސްކޮށްދިނުމަށް ޕާޓީގެ ގައުމީ ހިންގާ ކޮމެޓީގައި އެދޭނެ ކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ވީހާ ވެސް ގިނައިން އެމްޑީޕީގެ ޖަހަގަތައް ހުޅުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އުސްފަސްގަނޑުން އެމްޑީޕީ ފޭބުމަށް ގައުމީ މަޖިލީހުގައި އެދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެ ސަރަހައްދުގައި އެއްވެސް ފަރާތެއްގެ މުދަލެއްވާނަމަ މާދަމާ ރޭ 12:00 ކުރިން އެ އެއްޗެއް ގެންގޮސް، އެތަން ހުސްކުރުމަށް ހައުސިން މިނިސްޓްރީން އިއުލާންކޮށް، ގެޒެޓްކޮށްފައިވަނިކޮށެވެ.

އެމްޑީޕީގެ ސިޔާސީ ހަރަކާތް ހިންގުމަށް އުސްފަސްގަނޑުގައި އެ ޕާޓީން ގާއިމްވެތިބީ، މިދިޔަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ. އުސްފަސްގަނޑުގައި އެމްޑީޕީން ސިޔާސީ ހަރަކާތް ހިންގަން ފެށީ ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީން ކޭމްޕުޖަހައިގެން ތިއްބައި، އެ ޕާޓީގެ ސަޕޯޓަރުން މިދިޔަ އަހަރުގެ މާޗް މަހުގެ އެތަނުން ފައްސާލުމުންނެވެ.