ދެކުނު އެފްރިކާގެ ކުރީގެ ރައީސް އަދި އެގައުމުގެ މިނިވަންކަމުގެ ބާނީ ނެލްސަން މަންޑޭލާއަށް މިހާރު ނޭވާލެވެނީ މެޝިންގެ އެހީގައި ކަމަށް އިނގިރޭސިވިލާތުގެ ސްކައި ނިއުސްއިން ބުނެފި އެވެ.

ސްކައި ނިއުސްއިން ބުނީ މަންޑޭލާގެ އާއިލާއާ ގާތް ގިނަ ފަރާތްތަކަކުން މަންޑޭލާ މިހާރު ނޭވާލަމުން ދަނީ މެޝިންގެ އެހީގައި ކަމަށާއި މެޝިން ކަނޑާލައިފި ނަމަ މަންޑޭލާއަށް ނޭވާ ނުލެވޭނެ ކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

ސްކައި ނިއުސްއިން މިހެން ބުނެފައިވާ ނަމަވެސް، ދެކުނު އެފްރިކާގެ ސަރުކާރުން ބުނެފައި ވަނީ މަންޑޭލާ އަދިވެސް އޮންނެވީ ހޮސްޕިޓަލުގައި ސީރިއަސް ނަމަވެސް ސްޓޭބަލް ހާލަތެއްގައި ކަމަށެވެ.

ވޭތުވެދިޔަ 19 ދުވަހު ދެކުނު އެފްރިކާގެ ޕްރެޓޯރިއާ ހޮސްޕިޓަލުގައި މަންޑޭލާއަށް ފަރުވާ ދެމުންދާ އިރު، މަންޑޭލާގެ ހާލުކޮޅަށް ބަދަލެއް އައިސްފައި ނުވުމުން މަންޑޭލާގެ ނިމުން ގާތްވެފައިވާ ކަމުގެ ހަބަރުތައް އެފްރިކާގައި ދަނީ ފެތުރެމުން ނެވެ.

މިގޮތުން މަންޑޭލާގެ ގަބީލާގެ ލީޑަރުންގެ ގާތުގައި "މަންޑޭލާ އަވަހާރަވުމަށް" ތައްޔާރުވުމަށް އާއިލާ އިން ބުނެފައިވާ ކަމަށް ގަބީލާއިން ބުނާ ކަމަށް ސްކައި ނިއުސްއިން ބުނެ އެވެ.

މަންޑޭލާ އެޑްމިޓްކޮށްފައިވާ ޕްރެޓޯރިއާ ހޮސްޕިޓަލުގެ ބޭރުގައި ހެޔޮއެދޭ ފަރާތްތަކުން މަލާއި އެކު މަންޑޭލާއަށް ޝިފާއަކަށް އެދެމުންދާއިރު އެފްރިކާގެ ފުލުހުން ވަނީ އެހޮސްޕިޓަލް ވަށައިގެންވާ ސަރަހައްދު ބަންދުކޮށް، އެސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.