26 Jun 2013, 17:49
ޓީވީ ޗެނަލް "ޗެނަލް 13"ގެ ޓެސްޓް ސިގްނަލް މުޅި ރާއްޖެ އަށް މިއަދު ދޫކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން "ޗެނަލް 13"ގެ ސީއީއޯ އިބްރާހީމް މުއާޒު އަލީ ވިދާޅުވީ މުޅި ރާއްޖެ އަށް އެ ޗެނަލްގެ ޓެސްޓް ސިގްނަލް މިއަދު ދޫކޮށްފައި ވަނީ ޓީވީއެމް ދޫކުރާ އެޕްސްޓާ ސެޓެލައިޓް މެދުވެރިކޮށް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޗެނަލްގެ ފްރިކްއެންސީ ނަންބަރަކީ 3827 ކަމަށާއި ސިމްބަލްރޭޓަކީ 1600 ކަމަށެވެ. އަދި އެޗެނަލް ފެންނާނީ ހޮރިޒޮންޓަލް ފަޅިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެޗެނަލްގެ ސިގްނަލް މުޅި ރާއްޖެ އަށް ދޫކޮށްލާފައި ވަނީ ޓެސްޓް ސިގްނަލްގެ ގޮތުގައި ކަމަށާއި އެ ޗެނަލްގެ ޕްރޮގްރާމްތައް އަދި ނުފަށާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޗެނަލްއަކީ ދެތު ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭނެ ޗެނަލެއް ކަމަށެވެ. އަދި އެ ޗެނަލުން ސިޔާސީ ޕްރޮގްރާމްތައް ގެނެސްދޭނީ ހުރިހާ ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތުތައް ދީގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިޔާސީ ޕްރޮގްރާމްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ވެސް އެ ޗެނަލުން ގެނެސްދޭނެ ކަމަށް ވެސް މުއާ ވިދާޅުވި އެވެ.
އެ ޗެނަލަކީ މީޑިއާ ރިންކް ޕްރައިވެޓް ލިމިޓެޑުން ހިންގާ ޗެނަލެއް ކަމަށާއި އެ ކުންފުނީގެ ހިއްސާ ދާރުންގެ ގޮތުގައި މިހާރު ތިބި ފަރާތްތަކަކީ ތ. ބުރުނީ، ނިވައިދޮށުގެ، މޫސާ ޒަމީރު އަދި ސ. މީދޫ ކެނެރީވިލާ، މުހައްމަދު ޖުނައިދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.