މި މަހުގެ ފަހުކޮޅު ރާއްޖެ އަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ޗައިނާގެ ހޮސްޕިޓަލްޝިޕް "ޕީސް އާކު"ގެ ޑޮކްޓަރުންގެ ހިދުމަށް ރާއްޖޭގެ ނުވަ ރަށެއްގައި ދިނުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

މިއަދު ކޯސްޓް ގާޑު ބިލްޑިންގުގައި ބޭއްވި ބައްދަލުވުމެއްގައި އެމްއެންޑީއެފް މެޑިކަލް ސާވިސަސްގެ ކޮމާންޑިންގް އޮފިސާ ލެފްޓިނެންޓް ކާނަލް ޑރ. އަލީ ޝާހިދު ވިދާޅުވީ ޗައިނާގެ ހޮސްޕިޓަލްޝިޕްގެ ދަތުރުގައި އެބޯޓު ބަނދަރުކޮށްފައި އޮންނާނީ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ބަނދަރުގައި ކަމަށެވެ.

މިމަހުގެ 29 ވަނަ ދުވަހު ޗައިނާގެ ހޮސްޕިޓަލްޝިޕް "ޕީސް އާކު" ރާއްޖެ އައުމަށް ހަމަޖެހިފައިވާ އިރު، މިދަތުރު ނިންމާލާނީ މިއަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހު އެވެ.

ބޯޓު ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގައި މާލޭގެ އިތުރުން އަށް ސަރަހައްދެއްގައި މިބޯޓުގެ ޑޮކްޓަރުންގެ ޓީމުތަކުން ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އެ އަށް ރަށަކީ ކ. ގުރައިދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ހދ. ކުޅުދުއްފުށި، ޏ. ފުވައްމުލަކު، ބ. އޭދަފުށި، ގއ. ވިލިގިލި އަދި އައްޑޫ ސިޓީ އެވެ.

އެމްއެންޑީއެފްއިން ބުނީ ޗައިނާގެ ހޮސްޕިޓަލްޝިޕްގެ ސުޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމުތައް އެކި ދުވަސް ދުވަހު ޒިޔާރަތްކުރާނީ އެކި ރަށްރަށަށް ކަމަށާއި ޒިޔާރަތްކުރާ ތާރީހުތަކުގައި އެޕޮއިންޓަމަންޓް ހޯދުމަށް އެރަށް ރަށުގެ ސިއްހީ މަރުކަޒު ނުވަތަ ހޮސްޕިޓަލުތަކަށް ގުޅައިގެން މިހާރުން ފެށިގެން މަސައްކަތް ކުރެވޭނެ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ މިބޯޓުގެ ޑޮކްޓަރުންގެ ޓީމުން ކުރާ ޒިޔާރަތުގައި ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ބޭސް ވެސް ހިލޭ ފޯރުކޮށްދެވޭނެ ކަމަށެވެ.

މާލޭގައި ބޯޓުގެ ޑޮކްޓަރުން އައިޖީއެމް ހޮސްޕިޓަލް އަދި އެމްއެންޑީއެފްގެ ސެނަހިޔާ ހޮސްޕިޓަލުގައި ބަލިމީހުންނަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވާ އިރު، އައިޖީއެމް ހޮސްޕިޓަލުން ރެކޮމެންޑުކޮށްފައިވާ ބަލިމީހުންގެ އޮޕަރޭޝަންތައް ހޮސްޕިޓަލްޝިޕްގައި ކުރެވޭނެ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

ޗައިނާގެ "ޕީސް އާކު" ރާއްޖެ އަށް މިކުރާ ދަތުރަކީ އެބޯޓުން ހިންގަމުންދާ "މިޝަން ހާމަނީ 2013"ގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ ދަތުރެކެވެ. މިދަތުރުގައި ބޯޓު އެންމެ ފުރަތަމަ އޮޕަރޭޝަނެއް ހިންގާފައި ވަނީ ބުރޫނާއީގަ އެވެ. ރާއްޖޭގެ އޮޕަރޭޝަން ނިންމާލުމަށް ފަހު ބޯޓު ބަންގުލަދޭޝް، ޕާކިސްތާނު އަދި އިންޑިއާއަށް ވެސް ޒިޔާރަތްކުރާނެ ކަމަށް ޗައިނާ އެމްބަސީއިން މައުލޫމާތު ދެ އެވެ.

ޕީސް އާކުގެ ދަތުރާ ގުޅޭ ގޮތުން ޗައިނާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިއީ ޗައިނާއިން މިކަހަލަ ދަތުރެއް ރާއްޖެއަށް ކުރާ ފުރަތަމަ ފަހަރު ކަމަށާއި، މިދަތުރުގެ ސަބަބުން ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ދެހާސް އަށެއްގައި ކޮމިޝަން ކުރެވުނު ޗައިނާގެ ހޮސްޕިޓަލްޝިޕް ޕީސް އާކަކީ ހޮސްޕިޓަލްޝިޕެއްގެ ގޮތުގައި ބޭނުންކުރުމަށް ދުނިޔޭގައި ފަރުމާކުރެވިފައިވާ މަދު ބޯޓުތަކުގެ ތެރެއިން ބޯޓެކެވެ.

މިބޯޓުގެ ދިގުމިނުގައި 178 މީޓަރު ހުންނައިރު މިއީ އާދައިގެ ހޮސްޕިޓަލަކަށް ވުރެ ބޮޑު އަދި ހިދުމަތްތައް ގިނަ ބޯޓެކެވެ. މިގޮތުން ބޯޓުގައި އެއްފަހަރާ 400 އެއްހާ މީހުންނަށް ހިދުމަތް ފޯރުކޮށްދެވޭ އިރު، ދުވާލަކު 40 ސާޖަރީ ކުރެވޭނެ އެވެ. ބޯޓުގައި 20 އައިސީޔޫ ވާޑު ހުރި އިރު އަށް އޮޕަރޭޝަން ތިއޭޓަރުން ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް މައުލޫމާތު ލިބެ އެވެ.