26 Jun 2013, 17:30
މެލޭޝިއާގައި ދިރިއުޅެމުން އަންނަ ދިވެއްސެއްގެ ކުއްޖަކު މެލޭޝިއާގެ ޑޭކެއާ ސެންޓަރެއްގައި ބަހައްޓާފައި ހުއްޓައި ކުއްލި ގޮތަކަށް ދިމާވި ހާދިސާއަކާ ގުޅިގެން ހޮސްޕިޓަލަށް ފަރުވާން ދޭން ގެންދަނިކޮށް މަރުވެއްޖެ އެވެ.
މެލޭޝިއާގެ އަންހެނަކާ ކައިވެނިކޮށްގެން އެގައުމުގައި ދިރިއުޅެމުން އަންނަތާ އަށް އަހަރުވެފައިވާ ފުވައްމުލަކު ވަސީމީގެ، މާލިކު މުހައްމަދު މިއަދު ސަންއާ ވާހަކަ ދައްކަމުން ބުނީ އޭނާގެ ހަ މަހަށްދާ ފިރިހެން ދަރިފުޅު މަރުވީ މިއަދު މެންދުރު 12:16 އެހާކަންހާއިރު ކަމަށެވެ. އޭނާ ބުނީ ދަރިފުޅު ހޮސްޕިޓަލަށް ގެންދިޔައީ ޑޭކެއާގައި ހުއްޓާ ކުއްލިއަކަށް ނޭފަތުންނާއި އަގައިން ލޭ އައިސް ނޭވާލާން އުނދަގޫވެގެން ކަމަށް ޑޭކެއާ ސެންޓަރުން ބުނެފައިވާ ކަމަށެވެ.
"އަޅުގަނޑަށް އެމީހުން ގުޅި އިރު 12:15 އޭރު އެމީހުން ބުނީ ދަރިފުޅުގެ އަގައިންނާއި ނޭފަތުން ލޭ އަންނާތީ މިގެންދަނީ ހޮސްޕިޓަލަށޭ، އަޅުގަނޑުގެ ދިޔައިރު އެތަނުގައި އަންހެނުން ވެސް އުޅޭ، އަހްނެހުންނަކީ ސްކޫލް ޓީޗަރެއް. އެ ސްކޫލާ ވަރަށް ކައިރީގައި ހުންނަ ޑޭކެއާއެއް އެއީ. އެހެންވެ އަންހެނުންނާ އެ މީހުން ގުޅައިގެން ހަބަރެއް ނުވެގެން ދިޔައީ ސްކޫލަށް ގޮސް އަންހެނުން ގޮވައިގެން ހޮސްޕިޓަލަށް. އޭރު އައިސީޔޫގައި ޑޮކްޓަރުން އުޅޭ ސީޕީއާރު ހަދަން، އޭރަކު މަރު ކޮންފާމެއް ނުކުރޭ،" މާލިކު ވިދާޅުވި އެވެ.
މާލިކު ބުނީ އޭނާގެ އަންހެނުންނާާއި އެ ދެ މީހުންގެ އެންމެ ހަގު ދަރިފުޅު ގޮވައިގެން މިއަދު ޑޭކެއާ އަށް ދާން ނުކުތް އިރު ވެސް ދަރިފުޅު ހާލު ރަނގަޅު ކަމަށެވެ.
މާލިކު ބުނީ ދަރިފުޅުގެ މަރުވާން ދިމާވި ގޮތް ހޮސްޕިޓަލުން ބަލަމުން ގެންދާ ކަމަށާއި މާދަމާ ހެނދުނު ޕޯސްޓްމޯޓަމެއް ހަދާނެ ކަމަށެވެ.
މެލޭޝިއާގައި ހުންނަ ސްޓާވުޑް ކޮންޕެނީގެ ހޮޓަލެއްގެ ސީނިއާ އެކައުންޓެންޓެއްގެ ވަޒީފާ އަދާކުރަމުން އަންނަ މާލިކުގެ ދެމަފިރިނަށް ލިބިފައިވާ ހަތް އަހަރަށްދާ ފިރިހެން ދަރިއަކު ދުނިޔޭގައި އެބަހުއްޓެވެ.