26 Jun 2013, 16:50
އޮސްޓްރޭލިޔާގައި ވެރިކަން ކުރަމުން އަންނަ ލޭބާ ޕާޓީން ބޮޑުވަޒީރު ޖޫލިއާ ގިލާޑު އެ މަގާމުން ދުރުކޮށް، އާ ބޮޑުވަޒީރަކަށް ކުރީގެ ބޮޑުވަޒީރު ކެވިން ރުޑް އިންތިހާބުކޮށްފި އެވެ.
މުރާސިލުން ބުނާ ގޮތުގައި ލޭބާ ޕާޓީގެ ލީޑަރުކަމުން ގިލާޑު ވަކިކުރަން އެ ޕާޓީން ނިންމާފައި ވަނީ މިއަންނަ އޮގަސްޓް މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ލޭބާ ޕާޓީއަށް ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިދާނެތީވެ އެކަން ހުއްޓުވުމަށެވެ.
ގިލާޑުގެ މަގުބޫލުކަން އޮސްޓްރޭލިޔާގެ ރައްޔިތުންގެ މެދުގައި ކުޑަވެގެން ގޮސްފައިވާއިރު، ކުރިން އޮސްޓްރޭލިޔާގެ ބޮޑުވަޒީރުކަން ކުރެއްވި ކެވިން ރުޑްއަކީ އަދިވެސް އޮސްޓްރޭލިޔާގެ ގިނަ މީހުންގެ މެދުގައި މަގުބޫލު ލީޑަރެކެވެ.
ބޮޑުވަޒީރުކަން ކުރެއްވުމުގެ ކުރިން ޑިޕްލޮމެޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކެވިން ރުޑް، ލޭބާ ޕާޓީގެ އިންތިހާބުގައި ގިލާޑުގެ މައްޗަށް ކުރި ހޯދާފައި ވަނީ 12 ވޯޓުގެ ތަފާތަކުން ނެވެ. މިވޯޓުގައި ރުޑްއަށް 57 ވޯޓު ލިބިވަޑައިގެންފައިވާއިރު ގިލާޑަށް ލިބިވަޑައިގެންފައި ވަނީ 45 ވޯޓެވެ.
އޮސްޓްރޭލިޔާގެ ލޭބާ ޕާޓީއިން ބޮޑުވަޒީރުގެ މަގާމަށް ބަދަލު ގެނެސްފައި މިވަނީ އޮގަސްޓްގެ އިންތިހާބަށް ޖޫލިއާ ގިލާޑުގެ ލީޑާޝިޕްގެ ދަށުން އެ ޕާޓީން ނުކުމެއްޖެ ނަމަ ގާނޫނު ހަދާ މަޖިލީހުގެ 35 ގޮޑި ގެއްލޭނެ ކަމަށް ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާފައި ވަނި ކޮށެވެ.
ޖުމްލަ 150 ގޮޑީގެ މައްޗަށް އެކުލެވޭ އޮސްޓްރޭލިޔާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި މިހާ ގިނަ އަދަދެއްގެ ގޮޑި ލޭބާ ޕާޓީއަށް ގެއްލިއްޖެ ނަމަ، އެ ޕާޓީގެ އަތުން ވެރިކަން ގެއްލި އިދިކޮޅު ކޮންޒަވޭޓިވް ޕާޓީއަށް ވެރި ކަމަށް އައުމުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި އިންތިހާބަށް މިހާ ކުޑަތަން ވެފައި ވަނިކޮށް ލޭބާ ޕާޓީގެ ލީޑާޝިޕަށް ބަދަލުކޮށް، ކެވިން ރުޑް ބޮޑުވަޒީރުގެ މަގާމަށް ގެނައުމުން ލޭބާ ޕާޓީއަށް އިންތިހާބުގައި ގެއްލޭ ގޮޑިތައް މަދުވެގެން ދާނެ އެވެ.
ލީޑާޝިޕް އިންތިހާބުގެ ކުރިން ޖޫލިއާ ގިލާޑު ވިދާޅުވެފައި ވަނީ އެކަމަނާއަށް މިއިންތިހާބުގައި ނާކާމިޔާބު ވެއްޖެ ނަމަ، ސިޔާސީ ހަޔާތް ނިންމަވާލައްވާނެ ކަމަށެވެ.