26 Jun 2013, 16:41
ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް މިދިޔަ އަހަރުގެ މާޗް މަހުގެ ފުރަތަމަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލިކަން ޝަރީއަތަށް ސާބިތުވެ ހ. ރެދަން، ފަވާޒު ކަޅުތުއްތު 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ފަވާޒުގެ މައްޗަށް ކުރި ހުކުމްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:30 އެހާކަންހާއިރު އަލިކިލޭގެފާނު މަގާއި މަޖީދީމަގު ގުޅުނު ކަންމަތީ، މަޖީދީ މަގުގެ ދެކުނު ފަރާތަށް ވެއްޓިފައި އޮތް ސައިކަލެއްގެ ޕެޓްރޯލް ޓޭންކް ހުޅުވުމަށް ފަހު ފަވާޒުގެ އަތުގައި އޮތް ލައިޓަރަކުން އެ ސައިކަލްގައި އަލިފާން ރޯކޮށްލި މަންޒަރު ދުށް ކަމަށް އެތަނުގައި ހުރި މީހަކު ޝަރީއަތުގައި ހެކިބަސް ދީފައިވާ ކަމަށެވެ.
އެމީހާ އެގޮތަށް ހެކިބަސް ދީފައިވާ އިރު ޝަރީއަތަށް ހުށަހެޅުނު ވީޑިއޯއަކުން ފަވާޒު އެ ސައިކަލްގައި އަލިފާން ރޯކޮށްލުމަށް ފަހު ދުވެފައިދާތަން ރަނގަޅަށް ފެންނަން ހުރިކަމަށާއި އެ މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ އެހެނިހެން ގަރީނާތައް ހުށަހެޅިފައިވާ ހެކިތަކަށް ބާރުދޭތީ ޓެރަރިޒަމްގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ ފަވާޒު އެ ސައިކަލްގައިރޯކޮށްލި މަންޒަރު ދުށްކަމަށް ހެކިބަސް ދިން މީހާގެ ހެކިބަސް ނަފީކުރެވޭ ފަދަ އަދި އެ ހެކިބަހުގައި ޝައްކެއް އުފެދޭ ފަދަ ހަރުދަނާ އެއްވެސް ކަމެއް ފަވާޒުގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށެވެ.
ދިފާއީ ހެއްކެއްގެ ގޮތުގައި ފަވާޒުގެ ފަރާތުން ހުށަހެޅި މީހާގެ ހެކިބަސް ކްރިމިނަލް ކޯޓުން ނަގާފައި ނުވާކަމަށް ބުނެ ފަވާޒުގެ ފަރާތުން ފާހަގަ ކުރި ނުކުތާގައި ހައިކޯޓުން ނިންމާފައި ވަނީ އެ މީހާގެ ހެކިބަސް ނުނަގަން ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ރަނގަޅަށް ކަމަށެވެ.
އެ ނުކުތާގައި ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ދިފާއުގައި ފަވާޒު ހެއްކަކު ހުށަހަޅާފައި ވަނީ ހާދިސާ ހިނގި ދުވަހު އޭނާ އުޅުނު ސަރަހައްދާއި ލައިގެން ހުރި އަންނައުނު ސާބިތުކޮށްދިނުމަށް ކަމަށް ވާއިރު އެ ބާވަތުގެ ކަމެއް ސާބިތުކުރުމަށް އެންމެ ހެއްކަކީ އެ ހެކީގެ މައްޗަށް ކަމެއް ސާބިތު ކުރެވޭ މިންވަރެއް ނޫންކަމަށްވާތީ އެމީހާ ޝަރީއަތަށް ހާޒިރު ނުކުރުމަށެވެ.