26 Jun 2013, 16:29
ޑީއާރްޕީގެ ލީޑަރު އަަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރިޔާސީ ރަނިންމޭޓް އަހުމަދު ތަސްމީން އަލީ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރައްވާ ކެންދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ (ތިމަރަފުށީ މުސްތަފާ) ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް މިއަދު ހުށަހަޅުއްވައިފި އެވެ.
އަދާކުރަން ޖެހޭ ސާބިތު ދަރަންޏަށް ހަލާސް ނުކުރުމުން ތިމަރަފުށީ ދާއިރާގެ ގޮނޑި ގެއްލުނު މުސްތަފާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ސީޣާގައި ބުނެފައި ވަނީ ތަސްމީނުގެ އާއިލީ ހިއްސާ އޮންނަ ކުންފުންޏަކުން ނަގާފައިވާ ލޯނުތަކަކަށް ފައިސާ ނުދައްކާ ކަމަށާއި އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމަށް ދަރާފައިވާ ފައިސާތަކެއް ތަސްމީން ހަލާސް ނުކުރާ ކަމަށެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު "ސަން"އަށް މިއަދު ވިދާޅުވީ ދަރަނީގެ ގޮތުން ތަސްމީނުގެ "ހާލަތު އަޅުގަނޑަށް ވުރެ ގޯސް" ކަމަށެވެ.
ތިމަރަފުށީ ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް އިޝާރާތް ކުރައްވައި މުސްތަފާ ވިދާޅުވީ އޭނާގެ މައްޗަށް ކުރި ހުކުމްގައި ބުނެފައި ވަނީ ހުކުމާ އެއްގޮތަށް ސާބިތު ދަރަނި ދައްކާފައި ނުވުމުން ތިމަރަފުށީ ގޮނޑި ހުސްވެފައިވާ ކަމަށާއި އެގޮތުން ތަސްމީންގެ މައްޗަށް ދަށު ކޯޓާއި ހައި ކޯޓުން ކުރި ހުކުމާ އެއްގޮތަށް ތަސްމީން ފައިސާ ނުދައްކާ ކަމަށެވެ.
"ތަސްމީން އެއްވެސް ހާލަތެއްގައި ހުކުމާ އެއްގޮތަށް އަމަލު ކުރި މީހެއްގެ ގޮތުގައި ބެލެވޭނެ ޝަރުއީ ގާނޫނީ ހަމައެއް ނެތް. ނެތީމަ ތަސްމީން އެހެރީ އެ ގޮނޑި ހުސްވެފައި. ކެންދޫ ދާއިރާގެ ގޮނޑިއަކީ ހުސްވެފައިވާ ގޮނޑިއެއް ކަމަށް ގާނޫނީ ހުރިހާ ހައިސިއްޔަތަކުން އަޅުގަނޑު ދެކެނީ،" މުސްތަފާ ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމްގެ އަތުން ނަންގަވާފައިވާ 1.9 މިލިއަން ރުފިޔާގެ ދަރަނި ތަސްމީން ދެއްވަންޖެހޭނެ ކަމަށް ބުނާ ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސް ނުކުރިޔަސް، ތަސްނީންގެ ގޮނޑި ގެއްލޭނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ "ދެ ވައްތަރުގެ ދެ ދަރަނި" ތަސްމީން ހަލާސް ނުކުރައްވާތީ އޭނާގެ ގޮނޑި ގެއްލުމުގެ ފުރުސަތު ބޮޑުވާނެތީ ކަމަށެވެ. ތަސްމީންގެ އާއިލީ ކުންފުންޏާއި ފަރުދީ ގޮތުން ވެސް ތަސްމީން ނާޒިމަށް ދަރިނިވެރިވެފައިވުމުން، ހުކުމާ އެއްގޮތަށް ސާބިތުދަރަނީގެ ފައިސާ ނުދައްކާތީ ގޮނޑިގެއްލޭނެ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ އެއް ވަނަ ނަމްބަރުގައި ބުނެފައި އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ނަމަ، މަޖިލިސް މެންބަރު ކަމަށް ކުރިމަތި ނުލެވޭނެ އެވެ. އަދި މަޖިލިސް މެންބަރަކަށް އެފަދަ ހާލަތެއް މެރުވެރިވެއްޖެ ނަމަ މެންބަރުކަމުން ވަކިވާނެ އެވެ.
ތަސްމީންއަކީ ރައީސް ވަހީދުގެ ރަނިންމޭޓުކަމުގައިވުމުން ނައިބު ރައީސެއްގެ ގައިގައި ހުންނަން ޖެހޭ ޝަރުތުތައް އެމަނިކުފާނުގެ ގައިގައި ނެތް ކަމަށް މުސްތަފާ ވިދާޅުވި އެވެ. އެއީ ސާބިތު ދަރަނީގެ މައްސަލައެއް އޮވެއްޖެ ނަމަ ރަނިންމޭޓުކަމަށް ކުރިމަތިނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 112 ވަނަ މާއްދާގެ (ނ)ގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގައި ހުންނާން ޖެހޭ ޝަރުތުތަކަކީ ރައީސުލްޖުމްހޫރިއްޔާގައި ހުންނަން ޖެހޭ ޝަރުތެވެ. ރައީސުލްޖުމްހޫރިއްޔާގެ ޝަރުތުތަކުގެ ތެރޭގައި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ބ)ގައި ބުނެފައި ވަނީ އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ އެ ދަރަނި ހަލާސްކޮށްފައިވާ މީހަކަށްވާން ޖެހޭނެ ކަމަށެވެ.