26 Jun 2013, 15:57
ހދ.ކުމުންދޫ ސްކޫލުގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީ ޓީޗަރެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހަތް މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މި މަހުގެ 14ވަނަ ދުވަހު ބިދޭސީ ޓީޗަރާ މެދު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވާފައި ވަނީ މާލޭ ދަފްތަރު 9396 ހަސަން ރިޔާޒު 27، އާއި ހދ. ކުމުންދޫ ސަންފާމަންޒިލް ހަސަން ރަޝީދު 35، އާއި އެރަށު ނަލަހަދުވަރު އަބްދުﷲ ހަސަން 41، އާއި މޫނިމާގޭ ހުސައިން ނަސީރު 36، އާއި ރަތްބަގީޗާގޭ ހުސާމް އިބްރާހީމް 22، އާއި ރަތްބަގީޗާގޭ ޖުނައިދު އިބްރާހީމް 18، އަދި ނޫރުލްއާބާދު ހާޖަރާ އަލީ 35، ގެ މައްޗަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މައްސަލަ ޕީޖީ އަށް ފޮނުވާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ބިދޭސީ ޓީޗަރަކީ އެރަށު ސްކޫލްގެ ގްރޭޓް 8 އަށް ފިޒިކްސް ކިޔަވައިދެމުން އަންނަ ޓީޗަރެކެވެ. އެ މާރާމާރީ ހިންގާފައި ވަނީ އެ ޓީޗަރު ދަރިވަރެއްގެ ގައިގައި ޖެހި ކަމަށް ބުނެ އެކަމާ ހިތްހަމަނުޖެހިގެން ބެލެނިވެރިންތަކެއް ސްކޫލް ދޮށުގައި މުޒާހަރާ ކުރުމަށް ފަހު އެވެ. ޓީޗަރަށް ހަމަލާދިނުމުން އޭނާ ވަނީ އެރަށު ސިއްހީމަރުކަޒުން ފަރުވާ ވެސް ހޯދާފަ އެވެ.