26 Jun 2013, 15:54
ޤާހިރާ (ޖޫން 26): މިސްރުގައި ހިނގަމުންދާ ސިޔާސީ ކޯޅުންތަކާއި ހަމަނުޖެހުންތަކާއި ފިތްނައިގެ ސަބަބުން ގައުމީ މަސްލަޙަތަށް ނުރައްކާ ވަމުންދާ ކަމުގެ އިންޒާރު މިސްރުގެ ސިފައިން ޗީފް އޮފް ސްޓާފް އަދި ދިފާޢީ ވަޒީރު ޖެނެރަލް ޢަބްދުލްފައްތާޙް އައްސީސީ ދެއްވައިފި އެވެ.
ޖެނެރަލް ޢަބްދުލްފައްތާޙް ވިދާޅުވީ ސިޔާސީ އަރާރުންތަކުގެ ސަބަބުން މިސްރުގެ ދައުލަތާއި ސަރުކާރުގެ ހައިބަތު ގެއްލި އިޤްތިސާދު ބަލިކަށިވަމުން ދިޔުމަކީ ވަރަށް ދެރަކަމެއް ކަމަށާ މިސްރުގައި ދުވަހެއް ދުވަހަކަށް ސިޔާސީ ކޯޅުންތައް އިތުރުވަމުންދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމުގަ އެވެ.
އޭނާ އިތުރަށް ވިދާޅުވީ ސިޔާސީ ކޯޅުންތަކާއި ސިޔާސީ ފިތްނައިގެ ސަބަބުން މުޅިގައުމު ހަލާކުގެ ތެރެއަށް ވެއްޓިގެން ދާތަންބަލަން މިސްރުގެ ސިފައިންނަށް ދަތިވާނެ ކަމަށާ މިސްރުގެ ސިފައިންގެ ލަޝްކަރުތައްއޮތީ ގައުމުގައި ހިނގަމުންދާ ސިޔާސީ ބައިބައިވުންތަކާއި ފިތްނައިގެ އޮއިވަރުތަކަށް ލޯމަރާލައިގެން ދުރުގައި އެކަންތައްތައް ބަލަން ނޫންކަމުގަ އެވެ. ނަމަވެސް މީގެ މާނައަކީ ސިޔާސީ ކަންކަމުގެ ތެރެއަށް ސިފައިން ވަނުންނޫން ކަމަށާ މިސްރުގެ ސިފައިން ތިބޭނީ ސިޔާސަތާ ދުރުގައި ޕްރޮފެޝަނަލް ބައެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މިސްރު ސިފައިންގެ ބައްދަލުވުމެއްގައިތަޤްރީރު ކުރައްވަމުން ޖެނެރަލް ޢަބްދުލްފައްތާޙް ވިދާޅުވީ މިމަހުގެ 30 ވަނަ ދުވަހު މިސްރުގައި ބޭއްވުމަށް ސިޔާސީ ފަރާތްތަކުން ރާވަމުންގެންދާ އިޙްތިޖާޖްތަކާއި މުޒާހަރާތަކާގުޅިގެން ސަލާމަތީ ފިޔަވަޅުތައް އެޅުމާއި ސަރުކާރާއި ދައުލަތާއި ރައްޔިތުންގެ ޢިމާރާތްތަކާއި މިލްކިއްޔާތުތައް ޙިމާޔަތް ކުރުމުގައި ފުލުހުންނަށް އެއްބާރުލުން ދިނުމަށް ސިފައިން ތިބީ ތައްޔާރުވެގެން ކަމުގައެވެ.
މިސްރުގެ އިދިކޮޅު ފަރާތްތަކުން ގެންދަނީ ރައީސް މުހައްމަދު މުރުސީގެ އިސްތިއުފާއަށް ގޮވާލައި މިމަހުގެ 30 ވަނަ ދުވަހު މިސްރުގެ ބޮޑެތި ސިޓީތަކުގައި ބޮޑު މުޒާހަރާތަކަކާއި އިޙްތިޖާޖްތަކެއް ބޭއްވުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މިބޮޑު މުޒާހަރާ އިންތިޒާމްކުރާ މިސްރުގެ އިދިކޮޅު ކޯލިޝަން ކަމަށްވާ ސަލްވޭޝަން ފްރަންޓުން ބުނެފައިވަނީ ރައީސް މުރުސީ އިސްތިއުފާ ދެއްވަން މަޖްބޫރުވާ މިންވަރަށް މިމުޒާހަރާ ދިގުދަންމާނެކަމަށާ މިމުޒާހަރާ ފަށަނީ މުރުސީ މަޤާމުން ދުރުކުރުމަށް 15 މިލިޔަން މީހުންގެ ސޮއި ލިބިގެން ކަމުގައެވެ. (ނޫސްއެޖެންސީތައް)