26 Jun 2013, 15:52
މަސްތުވާތަކެތި ބޭނުންކުރި ކަމަށް އެއްބަސްވުމާ ގުޅިގެން ފަރުވާއަށް ހުކުމް ކުރި މީހުންގެ ތެރެއިން ފަރުވާ ފުރިހަމަކުރި ފުރަތަމަ ބެޗުގެ މީހުންނަށް އެކަމުގެ ހަނދާނީ ލިޔުން ދީފި އެވެ.
ޑްރަގް ކޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރި މީހުންނަށް ހަނދާނީ ލިޔުން ދެއްވާފައި ވަނީ އެ ކޯޓު ހިންގުމާ ހަވާލުވެ ހުރި ގާޒީ މަހާޒު އަލީ ޒާހިރު އާއި ގާޒީ އަބްދުއްސައްތާރު އަބްދުލްހަމީދު އަދި ގާޒީ ހުސައިން ޝަހާމަތު މާހިރު އެވެ.
ފުރަތަމަ ބެޗުގައި ފަރުވާ ފުރިހަމަ ކުރި 10 މީހުންގެ ތެރެއިން އަށް މީހަކަށް ހަނދާނީ ލިޔުން ދީފަ އެވެ. ކާމިޔާބުކަމާ އެކު ފަރުވާ ފުރިހަމަ ކުރި މީހުންނަކީ ޅ. ހިންނަވަރު ބޯކުޅަނދުރުމާގޭ ހަސަން ދާއޫދު އާއި ގ. ލައިފް ހަސަން ރަޝީދު އާއި ރ. ހިނގުރައިދޫ ފަސީމާގެ މުހައްމަދު ފަސީހު އާއި ހ. ލޮބީ އިބްރާހީމް ޝަފީއު އާއި ގދ. ވާދޫ ޖަނަވަރީގޭ މުސްލިމް ޝާކިރު އާއި ބ. ކެންދޫ ގުލާބީގޭ މުހްޔުއްދީން އަބްދުލްޣަފޫރު އާއި ހދ. ހަނިމާދޫ ރަންވިލާގޭ އަލީ ރަޝީދު އާއި މއ. ކަނޑޫގޭ އަބްދުﷲ ޒަރީރު އެވެ.
ބާކީތިބި ދެ މީހުންނަށް މިއަދުގެ ރަސްމިއްޔާތުގައި ހަނދާނީ ލިޔުން ހަވާލުކުރެވިފައި ނުވަނީ އެ ދެ މީހުން މާލޭގައި ނޫޅޭތީ ކަމަށް ޑްރަގް ކޯޓުން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑްރަގް ކޯޓު ހިންގުމާ ހަވާލުވެ ހުރި ގާޒީ މަހާޒު ވިދާޅުވީ މިހާތަނަށް އެ ކޯޓުން 275 މީހެއްގެ މައްޗަށް ރިހެބިލިޓޭޝަން އަމުރު ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 19 މީހަކު ޖިނާއީ ކުށެއް ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ގަޒީ މަހާޒު ވިދާޅުވި އެވެ.
ކާމިޔާބު ކަމާ އެކު ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރި މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައިި އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާ މީހުން ވެސް ހިމެނެ އެވެ.
ފަރުވާ ފުރިހަމަ ކުރަމުންދިޔަ މީހުންގެ ތެރެއިން އެ ޕްރޮގްރާމްގެ އުސޫލުތަކާ ޚިލާފުވި ބައެއް މީހުން ޑްރަގް ކޯޓުން ވަނީ އަނބުރާ ޖަލަށް ފޮނުވާލާފަ އެވެ.
އެ ރަސްމިއްޔާތުގައި ގާޒީ މަހާޒު ވަނީ ކާމިޔާބުކަމާ އެކު ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރާ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް ޑްރަގް އެޖެންސީގެ ކައުންސެލަރު އިބްރާހީމް މުހައްމަދު ދެއްކެވި ވާހަކައިގައި މަސްތުވާތަކެތި ބޭނުންކުރި ދުވަސްވަރު ގެންގުޅުނު އެކުވެރީން ދޫކޮށްލުމަށް ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރި މީހުންނަށް އިލްތިމާސް ކުރެއްވި އެވެ.
ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރި މީހަކު ވެސް އެ ރަސްމިއްޔާތުގައި ވަނީ ވާހަކަ ދައްކަވާފަ އެވެ.
ހ. ލޮބީ އިބްރާހީމް ޝާފިއު ބުނީ އޭނާ އަށް ފަރުވާދިނުމަށް ޑްރަގް ކޯޓުން ހުކުމް ކުރި އިރު ވެސް މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓާލުމުގެ ވިސްނުމެއް ނެތް ކަމަށާއި ނަމަވެސް ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށް ނިމުމުން މަސްތުވާތަކެތީގެ ވަބާއިން ދުރުހެލި ވެވިއްޖެ ކަމަށެވެ. އަދި ބުނީ ބޭނުން ވަނީ މަސްތުވާތަކެތިން ސާފުވެ ދުނިޔެ އިން ނިމިގެން ދިޔުން ކަމަށެވެ.