މި އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރި އިރު އާމްދަނީ އިތުރުކުރަން ސަރުކާރުން ހުށަހެޅި ބިލްތައް ރައްޔިތުންގެ މަޖިލީހުން ފާސްނުވެ ލަސްވަމުންދާތީ، އިތުރަށް ޓްރެޝަރީ ބިލް (ޓީ ބިލް) ވިއްކަން ބޭންކުތަކާ މަޝްވަރާކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަންއާ ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ކޭޝްފްލޯ މެނޭޖްކުރެވެން މިވަގުތު އޮތް ހަމައެކަނި ގޮތަކީ ބޭންކުތަކަށް ޓީ ބިލް ވިއްކުން ކަމަށެވެ. ނަމަވެސް މިވަގުތު ވިއްކަން ނިންމާފައި ވަނީ ކިހާ އަދަދެއްގެ ޓީ ބިލެއް ކަމެއް ފިނޭންސް މިނިސްޓަރު ވިދާޅެއްނުވެ އެވެ.

"މި އަހަރުގެ ބަޖެޓާ އެކު އަޅުގަނޑުމެން ހުށަހެޅި ބިލްތައް ފާސްނުވެ ލަސްވުމުގެ ސަބަބުން އާމްދަނީ އިތުރެއްނުވޭ. އެހެންވެ ބޭންކް އޮފް މޯލްޑިވްސް އާއި އެނޫން ވެސް ބޭންކުތަކާ އެކު މަޝްވަރާކުރަން ނިންމާފައި ވަނީ. އަޅުގަނޑުމެން ބޭނުންވާ ވަރަށް ނުލިބުނު ނަމަވެސް ކޭޝްފްލޯ މެނޭޖްކުރެވޭ ވަރަށް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް،" ޖިހާދު ވިދާޅުވި އެވެ.

އާމްދަނީ އިތުރުކުރުމުގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި އެއާޕޯޓްސް ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 30 ޑޮލަރު ނެގުމަށް ހުށަހެޅި ބިލާއި ޓޫރިޒަމް ދާއިރާ އިން ނަގާ ޖީއެސްޓީ 15 ޕަސެންޓަށް ބޮޑުކުރުމާއި ބައެއް ބާވަތްތަކުން ޑިއުޓީ ނަގަން ހުށަހެޅި ބިލު ވަނީ މަޖިލީހުން ބޭރުކޮށްލައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ އާމްދަނީ އިތުރުކުރުމުގެ ބިލްތައް އަލުން މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އަދި ބައެއް ބިލްތައް ހުށަހަޅާ އިރު ބަދަލުތަކެއް ގެންނަވާނެ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.

"އެ ބިލްތައް ހުށަހަޅާނެ ގޮތްތަކާ މެދު ވަކި ގޮތެއް އަދި ނުނިމޭ. ނަމަވެސް އެ ބިލްތައް ހުށަހަޅައިގެން ފާސްކުރުން ވަރަށް މުހިންމު،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޭޝްފްލޯ ހުންނަ މިންވަރަކުން ހުރިހާ ބޭންކުތަކާއި ޕެންޝަން ފަންޑާއި ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ޓީ ބިލް ގަންނަމުންދާ ކަމަށެވެ. އަދި އޭގެ އިތުރުން ޗަމްޕާ ބްރަދާސް އިން ވެސް ޓީ ބިލް ގަންނަ ކަމަށް ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޗަމްޕާ ބްރަދާސް އިން ގަނެފައިވާ 30 މިލިއަން ޑޮލަރުގެ ޓީ ބިލް ވެސް ވަރަށް ފަހުން އަނބުރާ ދައްކާފައިވާ ކަމަށެވެ.

އެމްއެމްއޭ އިން މިހާރު ޓީ ބިލް ވިއްކަމުން އަންނަނީ ބީލަމުގެ އުސޫލުން ހަފްތާއަކު އެއްފަހަރު އެވެ. އެމްއެމްއޭ އިން ޓީ ބިލް ވިއްކަނީ 28 ދުވަސް ތެރޭ އަނބުރާ ފައިސާ ދައްކަން ޖެހޭ ޓީ ބިލާއި 91 ދުވަހުގެ ތެރޭ ފައިސާ ދައްކަން ޖެހޭ ޓީ ބިލާއި އަދި 182 ދުވަސް ތެރޭ ފައިސާ ދައްކަން ޖެހޭ ޓީ ބިލެވެ. އެގޮތުން 28 ދުވަހުގެ ޓީބިލް ދޫކުރަނީ 8.80 ޕަސެންޓްގެ އިންޓަރެސްޓަކާ އެކު އެވެ. އަދި 91 ދުވަހުގެ ޓީ ބިލް 8.85 ޕަސެންޓްގެ އިންޓަރެސްޓް ރޭޓަކާ އެކު ދޫކުރާ އިރު 182 ދުވަހުގެ ޓީ ބިލް ދޫކުރަނީ 7.50 ޕަސެންޓްގެ އިންޓަރެސްޓް ރޭޓަކާ އެކު އެވެ. އަދި 364 ދުވަހުގެ ޓީ ބިލް ވިއްކަނީ 8.85 އިންޓަރެސްޓް ރޭޓުގަ އެވެ.