26 Jun 2013, 14:17
މި އަހަރުގެ ބަޖެޓް ފާސްކުރި އިރު އުނިކުރި ބައި ފޫބައްދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމި، ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުން މަޑުޖައްސާލާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަންއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުން މަޑުޖައްސާލާފައި ވަނީ ޕާޓީތަކާ އެކު މަޝްވަރާކުރުމަށް ކަމަށެވެ. ނަމަވެސް އެ މަޝްވަރާ ފަށާނެ ދުވަހެއް އޭނާ ވިދާޅެއްނުވެ އެވެ.
"އަޅުގަނޑުމެން ބޭނުންވޭ ސަޕްލިމެޓް ބަޖެޓް ފާސްކުރަން. އެކަން ކުރެވޭނީ ސަރުކާރަށް ތާއީދުކުރާ ޕާޓީތަކާ އެކު މަޝްވަރާކޮށްގެން. އެހެންވެ އެކަން ކުރުމަށް ފަހު ބަޖެޓް ހުށަހަޅާނީ،" ޖިހާދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުރިން ނިންމާފައި އޮތީ މަޖިލިސްގެ ދެވަނަ ދައުރު މިމަހު ފެށުމާ އެކު ބަޖެޓް ހުށަހަޅަން ކަމަށެވެ. އަދި ބަޖެޓް ހުށަހެޅުމަށް 1.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓް ބަޖެޓެއް ތައްޔާރުކޮށް ކެބިނެޓަށް ވެސް ހުށަހެޅި ކަމަށް ޖިހާދު ވިދާޅުވި އެވެ.
ސަޕްލިމެންޓްރީ ބަޖެޓް ދިރާސާކުރުމަށް ކެބިނެޓުން ވަނީ މިނިސްޓަރުންގެ ކޮމެޓީއެއް ވެސް އެކުލަވައިލި އެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު އަދި ހެލްތު މިނިސްޓަރު އަހުމަދު ޖަމްޝީދެވެ.