26 Jun 2013, 13:53
ގއ. ދާންދޫ ސްކޫލްގެ ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ކުއްޖަކު ސަސްޕެންޑް ކުރި މައްސަލައަކާ ގުޅިގެން ދަރިވަރާއި ޕްރިންސިޕަލާ ދެ މީހުން މާރާމާރީ ހިންގައި ދެ މީހުންނަށް ވެސް އަނިޔާ ވެއްޖެ އެވެ.
އެ މާރާމާރީގައި ޕްރިންސިޕަލްގެ ބޯފަޅައިގެން ދިޔަ ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ރަށު ކައުންސިލުން ކުރިން ބުނި ނަމަވެސް އެ ހާދިސާގައި އެއްވެސް މީހެއްގެ ބޯފަޅައިގެން ނުދާ ކަމަށާއި ސީރިއަސް އަނިޔާއެއް އެއްވެސް މީހަކަށް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި ނިއުމާ ލަތީފު މިއަދު ސަން އަށް ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން ޕްރިންސިޕަލާއި ދަރިވަރު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ. އަދި ދަރިވަރުގެ ބޯލުގައި އެއްޗަކުން ޖެހުމުގެ ސަބަބުން ދުޅަވެފައިވާ އިރު ޕްރިންސިޕަލަށް ނޭވާލުމުގައި ދަތިތަކެއް ކުރިމަތިވެ، މެޔަށް ކޮންމެވެސް ވަރަކަށް ގެއްލުން ލިބިފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ސީރިއަސް އަނިޔާއެއް އެކަކަށް ވެސް ލިބިފައި ނުވާ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
ޕްްރިންސިޕަލް އަދި ވެސް އޮންނެވީ ފަރުވާ ހޯދުމަށް ސިއްހީ މަރުކަޒުގައި ކަމަށާއި ނަމަވެސް ދަރިވަރު ދޫކޮށްލާފައިވާ ކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ.
އެ ރަށު ސްކޫލްގެ ޕްރިންސިޕަލަކީ އެ ރަށު އާމުލީގެ، ހުސެެއިން އަދާމެވެ.
އެ ރަށު ސްކޫލްގެ އިސްލާމް ޓީޗަރަކު ރަމްލާ މުހައްމަދު ރަޝީދު މިއަދު ސަން އަށް ވިދާޅުވީ އެ މާރާމާރީ ހިންގަން މެދުވެރިވީ ގްރޭޑް އަށެއްގެ ކްލާހުގައި ހުރި ޑެސްކްތަކެއްގައި ނުބައި އެއްޗެހިތަކެއް ކުރަހާފައިވާ މައްސަލައެއްގައި، އެ ކްލާހުގެ ޓީޗަރުންނާއި ބެލެނިވެރިންނާ ޕްރިންސިޕަލް ބައްދަލު ކުރައްވައި އަދި ޑެސްކުގައި ކުރެހި ކުއްޖެއްގެ ނަން ނުބުނާހާ ހިނދަކު ސްކޫލްގެ އެއްވެސް ދަރިވަރަކަށް އަންނަ މަހު 10ގެ ކުރިން ސްކޫލަށް ނުވަދެވޭނެ ކަމަށް އަންގައި އެ ކްލާހުގެ ދަރިވަރުންގެ އަތުން ބަޔާނެއް ނެގުމަށް މަސައްކަތް ކުރައްވަނިކޮށް ކަމަށެވެ.
އިސްލާމީ ޓީޗަރު ވިދާޅުވީ އެވަގުތު އެތަނުގައި މިއަދު މާރާމާރީ ހިނގި އެ ކުއްޖާ ވެސް ހުރި ކަމަށާއި އޭނާ ސްކޫލް ތެރޭގައި މާރާމާރީ ހިންގީ މީޓިންގްގައި އިނގިރޭސި ޓީޗަރާ ދިމާލަށް ނުބައި އެއްޗެހި ކިޔުމާ ގުޅިގެން ސަސްޕެންޑްކުރުމުން އެކަމާ ހިތްހަމަނުޖެހިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ އަށް ސަސްޕެންޑްކުރީ ޖުލައި 3 ގެ ނިޔަލަށެވެ.
"މިއަދު އެންމެ ފަހު ގަޑީގައި އެ މީޓިން މިބޭއްވީ. އެ ކުއްޖާ ސަސްޕެންޑް ކުރީ ވަރަށް ހުތުރުކޮށް ޓީޗަރަކާ ދިމާލަށް ނުބައި އެއްޗެހި ކިޔައިގެން، އެ ކުއްޖާ ސަސްޕެންޑްކޮށްފައި ސްކޫލްގެ ޕްރިންސިޕަލް ކްލާހުން ނުކުމެގެން ވަޑައިގެންނަވަނިކޮށް، އެތަނުގައި ސަސްޕެންޑް ކުރި ކުއްޖާ ހުރެފައި ޕްރިންސިޕަލް ކޮއްޕާލީ. އަދި ކޮއްޕާލުމާ ގުޅިގެން ޕްރިންްސިޕަލްގެ ބޯ ގޮސް ޖެހުނީ ކުރިމަތީގައި ހުރި ތަނބެއްގައި. އެވަގުތު ފެނުނު ޕްރިންސިޕަލް ކުޑައެއް ހިފައިގެން އެ ކުއްޖާއާ ދިމާލަށް ވަޑައިގެންނެވިތަން. އެހާހިސާބުން ދެމީހުން އޮޅުލައިގަނެ މާރާމާރީ ވަނީ ހިނގައިފައި." ރަމްލާ ވިދާޅުވި އެވެ.