26 Jun 2013, 13:27
ސްޓެލްކޯ އިން އިންޖީނުތަކެއް ބަހައްޓާފައިވާ ދެ ބިމެއް މި މަސް ނިމުމުގެ ކުރިން ހުސްކުރަން މާލޭ ސިޓީ ކައުންސިލުން ނޯޓިސް ދިނުމުން އެބިން ހުސްކުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ފޮނުވި ސިޓީއަށް މިހާތަނަށް އެއްވެސް ޖަވާބެއް ދީފައިނުވާކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަބުދުﷲ ނާޒިރު މިއަދު "ސަން" އަށް ވިދާޅުވީ އެ ދެ ބިމަށް ހައްލެއް ލިބެންދެން އެތަންތަން ހުސްނުކޮށް ބޭއްވުމަށް ސިޓީ ކައުންސިލްގައި އެދިފައިވީ ނަމަވެސް އަދި މިހާތަނަށް ސިޓީ ކައުންސިލްއިން އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށެވެ.
ސިޓީ ކައުންސިލް އިން ސްޓެލްކޯ އަށް ހުސްކުރުމަށް އަންގާފައިވާ ބިމަކީ އެފްއެސްއެމް ފިއުލް ސްޓޭޝަން ފުރަގަހުގައި އޮންނަ 20،000 އަކަފޫޓުގެ ގާކޮށި ބިމާއި އެތަނާއި އިންވެގެން އޮންނަ ދޮންއަނދަރާދަ ހިނގުމުގެ 800 އަކަފޫޓުގެ ބިމެވެ.
އެ މައްސަލާގައި ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލި މަނިކު ވިދާޅުވީ އެ ދެ ބިން ދީފައިވާ މުއްދަތައް ވުރެ އިތުރަށް ވެސް އެ ބިންތައް ސްޓެލްކޯއަށް ދޫކޮށްފައިވާއިރު، މިހާރު އެ ބިންތަކުގެ މައްސަލާގައި ގޮތެއް ނިންމުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި އެންމެ އަވަހަށް ބާއްވާ އެކައުންސިލްގެ ބައްދަލުވުމެއްގައި އެ މައްސަލާގައި ގޮތެއް ނިންމާނެ ކަމަށް އަލިބެ ވިދާޅުވި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފް މީގެ ކުރިން ވިދާޅުވެފައި ވަނީ ސިޓީ ކައުންސިލް އިން ހުސްކުރުމަށް އަންގާފައިވާ ގާކޮށީގައި މިވަގުތު ވެސް ތިން އިންޖީނު ހިންގަމުންދާ ކަމަށާއި އެ އިންޖީނުތަކާއި ނުލައި މާލެއަށް ކަރަންޓްގެ ހިދުމަތް އެންމެ އެދެވޭ ގޮތަކަށް ނުދެވޭ ކަމަށެވެ. އަދި ދޮންއަނދަރާ މަގަކީ ގާކޮށީގައި ހުންނަ އިންޖީނުތަކަށް ބޭނުންވާ ތެލާއި ފެން ސަޕުލައި ކޮށްދިނުމަށް ހޮޅި އަޅާފައިވާ މަގެއް ކަމުން އެތަން ހުޅުވާލައިފި ނަމަ ނުރައްކާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ދެ ބިމަކީ 2009 ވަނަ އަހަރުން ފެށިގެން ސްޓެލްކޯ އަށް ދޫކޮށްފައިވާ ބިމެއް ކަމަށާއި އެ ދެ ބިމުގެ އެގުރިމެންޓް 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހަމަވެފައިވާ ވެސް ލަތީފް ވިދާޅުވި އެވެ.
ސްޓެލްކޯއިން ބުނީ ކޮންމެ މަހަކު ވެސް އެ ބިމަށް ކުލީގެ ގޮތުގައި 115500ރ. ދައްކަމުންދާ ކަމަށެވެ.