އަދާލަތު ޕާޓީގެ ފައުންޑާ މެންބަރު އަދި އަދާލަތު ޕާޓީގެ ފުރަތަމަ ވަގުތީ ރައީސް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޑރ. މަޖީދު އަދާލަތު ޕާޓީން ވަކިވެވަޑައިގަތުމަށް އެދި އަދާލަތު ޕާޓީގެ އޮފީހަށް ސިޓީއެއް ފޮނުއްވާފައި ވަނީ މިއަދު ހެނދުނު 10:15ގަ އެވެ. ނަމަވެސް އެ ސިޓީގައި ބުނެފައިވާ ގޮތުން ސިޓީ ލިޔުއްވި ތާރީހަކީ ޖޫން 24، 2013 އެވެ.

އަދާލަތު ޕާޓީން ވަކިކޮށްދެއްވުމަށް އެދި ޑރ. މަޖީދު ލިޔުއްވާފައިވާ ސިޓީގައި އެ ޕާޓީން އޭނާ ވަކިވެވަޑައިގެންނެވި ސަބަބު ބަޔާންކޮށްދެއްވާފައިނުވެ އެވެ. ހަމައެކަނި ވިދާޅުވެފައި ވަނީ "ތިޔަ ޕާޓީގެ މެންބަރުކަމުން ވަކިކޮށްދެއްވުމަށް އެދި ދަންނަވާ،" ކަމަށެވެ.

މަޖީދު އަލާތުން ވަކިވެވަޑައިގެންނެވި އިރު، އޭނާއަކީ އެ ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސެވެ. ރާއްޖޭގައި ތިން ވަނައަށް އުފެދުނު ސިޔާސީ ޕާޓީގެ ފަރާތުން މިނިސްޓަރެއްގެ ގޮތުގައި ސަރުކާރު ތަމްސީލު ކުރެއްވީ މަޖީދެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމްޑީޕީއާ އެކު އަދާލަތުން ހަދާފައިވާ ކޯލިޝަން ރޫޅާލުުން، ޑރ. މަޖީދު ވަނީ އިސްލާމިކް މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވުމަށް ފަހު އަލުން އެ މަގާމަށް ވަޑައިގެންފަ އެވެ. ޢަދާލަތު ޕާޓީި އެމްޑީޕީއާ އެކު ހަދާފައިވާ ކޯލިޝަނުން ވަކިވުމަށް އެޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާ ނިންމުމަށް އިހުތިރާމްކުރުމަށް ކަމަށް ވިދާޅުވެ، މިނިސްޓަރުކަމުން ޑރ. މަޖީދު އިސްތިއުފާ ދެއްވުމަށް ފަހު އަލުން އަނބުރާ އެމަގާމާ ހަވާލުވެޑައިގަތުމަކީ "އަހުލާގީ ގޮތުން ދަށް" ފެންވަރުގެ ކަމެއް ކަމަށް އަދާލަތުން ކުރިން ވަނީ ބުނެފަ އެވެ.

އެ މައްސަލާގައި ޑރ. މަޖީދާއި އަދާލަތުގެ މިހާރުގެ ލީޑާޝިޕާ ދެމެދު ވަނީ މައްސަލަތަކެއްޖެހިފަ އެވެ.