ބްރެޒިލްގައި ކުރިއަށްދާ ފީފާ ކޮންފެޑެރޭޝަންސް ކަޕުގައި އުރުގުއޭއާ ދެކޮޅަށް ކުޅެ 2-1 ން ސްޕެއިން މޮޅުވި މެޗަށްފަހު އެރޭ، ސްޕެއިން ޓީމު ތިބޭ ހޮޓަލަށް ބްރެޒިލްގެ އަންހެނަކު ގެންގޮސްގެން ޕާޓީ ބޭއްވި ކަމަށް ބްރެޒިލްގެ މީޑިއާތަކުގައި ފަތުރަމުންގެންދާ ހަބަރު އެ ކްލަބުގެ ޑިފެންޑަރު ސަޖިއޯ ރާމޯސް ދޮގުކޮށްފި އެވެ.

ބްރެޒިލްގެ ވެބްސައިޓެއް ކަމަށްވާ ގްލޯބޯ އެސްޕޯޓޭގައި ބުނެފައިވަނީ، ސްޕެއިން ޓީމުގެ ކުޅުންތެރިން ވަނީ، އުރުގުއޭ އަތުން މޮޅުވި މެޗަށްފަހު އެ ކުޅުންތެރިން ތިބޭ ހޮޓަލުގެ ރޫމް ތަކަށް ބްރެޒިލްގެ އަންހެނަކަށް ދައުވަތުދީގެން ގެންގޮސްފައި ކަމަށެވެ.

"އަހަރެމެން ފީފާއަށް ގޮވާލަން މި ޖީލުގައި އުފެދުނު މޮޅު ކުޅުންތެރިން ތަކެއްގެ ބޮލުގައި ދޮގު އިލްޒާމެއް އަޅުވަން މީހަކު އެކުރާ މަސައްކަތް އެއީ އަހަރެމެންނާ އެއްވެސް ގުޅުމެއް ނެތް ކަމެއް ކަން އާންމުންނަށް އަންގައިދޭން،" ރާމޯސް ބުންޏެވެ.

ބްރެޒިލްގެ މީޑިއާގައި ފެތުރެމުންދާ އެ ވާހަކަތައް ދޮގުކޮށް، ސްޕެއިންގެ ފުޓްބޯލް ފެޑެރޭޝަން (އާރްއެފްއީއެފް) އިން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ ވާހަކަތައް ފެތުރިފައި ވަނީ އެރޭގެ މެޗަށްފަހު ކުޅުންތެރިން ހޮޓަލަށް އެނބުރި އައިއިރު ހޮޓަލުގައި ކުޅުންތެރިން ތިބޭ ކޮޓަރިތަކުން ބަޔަކު ވައްކަން ކޮށްގެން އެކަން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ކަމަށެވެ.

"ސްޕެއިންގެ ގައުމީ ޓީމް ރެސިފޭގައި ތިބޭ ހޮޓަލުގެ ކޮޓަރި ތަކަށް ވަގުންގެ ބަޔަކު ވަދެ، ހަ ކުޅުންތެރިއެއް ގެންގުޅޭ ސާމާނުތައް ވަނީ ވަގަށް ނަގާފައި. އެކަން ވާނީ ހަމަ ވަގުތުން ބްރެޒިލް ފުލުހުންނަށް ހުށަހަޅާފައި،" އާރްއެފްއީއެފްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސްޕެއިންގެ ފުޓްބޯލް ފެޑެރޭޝަނުން ބުނެފައިވަނީ އެ ބަޔާނަކީ ފީފާއާ ދެކޮޅަށް ނުވަތަ މުބާރާތް އިންތިޒާމް ކުރާ ފަރާތާ ދެކޮޅަށްނުވަތަ ސްޕެއިންގެ ގައުމީ ޓީމަށް ހޫނު މަރުހަބާއެއް ކިޔައި ބްރެޒިލްއާ ދެކޮޅަށް ވެސް ނެރެފައިވާ ބަޔާނެއް ނޫން ކަމަށެވެ.

"އެ ދުވަހުގެ ފަހުން މީޑިއާގައި މި ޓީމުގެ ކުޅުންތެރިންނާ ބެހޭގޮތުން ތަފާތު ދޮގު ވާހަކަތައް ފަތުރަމުން އެބަ ގެންދޭ. އެކަމަކީ މި ފެޑެރޭޝަނުން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމެއް. އަދި އެބަޔަކު އެކުރާ ކަންތަކުގެ ސަބަބުން، ސްޕެއިން ޓީމުގެ ކުޅުންތެރިންނާއި، އެކުޅުންތެރިންގެ އާއިލާ އާއި އަދި ރައްޓެހިންގެ އަބުރަށް ކިލަނބުކަން އަންނަމުން ދަނީ،" އާރްއެފްއީއެފްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮންފެޑެރޭޝަންސް ކަޕްގެ ސެމީފައިނަލުން ސްޕެއިން ޖާގަ ހޯދީ، ޓަހީޓީ އާއި އުރުގުއޭ އަދި ނައިޖީރިއާ އަތުން މޮޅުވެ ގްރޫޕްގެ އެއް ވަނަ ޓީމްގެ ގޮތުގަ އެވެ.

ރާމޯސް ބުނީ ސްޕެއިން ފަދަ ފުޓް ބޯޅައިގެ ރަނގަޅު ތަސައްވުރެއް އޮތް ގައުމެއްގެ ކުޅުންތެރިންނާއި އެކުޅުންތެރިންގެ އާއިލާއާ އަދި އަންނަން އޮތް ޖީލުގެ ދަރިންނަށް ހުތުރުވާފަދަ ގޮތަކަށް އެފަދަ ދޮގު ހަބަރުތައް ނުފެތުރުމަށް ގޮވާލާ ކަމަށެވެ.

"އެފަދަ ދޮގު ވާހަކަތައް ފަތުރައިގެން މީސްތަކުންގެ މެދުގައި މި ކުޅުންތެރިންނާ މެދު ސުވާލުތައް އުފެއްދުމަކީ ވަރަށް ސީރިއަސް މައްސަލައެއް... އަހަރެމެން އުންމީދު ކުރަން އެފަދަ ވާހަކަތައް ފަތުރާ މީހުން ގާނޫނުގެ ކުރި މައްޗަށް ގެނެސް އެމީހުންނަށް ހައްގު އަދަބު ލިބޭނޭ ކަމަށް،" ރާމޯސް ބުންޏެވެ.

ބްރެޒިލްގެ ކުޅިވަރު ވެބްސައިޓްގައި ޝާއިއުކޮށްފައިވާ އާޓިކަލްގައި ބުނެފައިވާ ގޮތުން ޖޫން 16 ވަނަ ދުވަހުގެ ރޭ ސްޕެއިންގެ ކުޅުންތެރިން އެ ކުޅުންތެރިން ތިބޭ ހޮޓަލަށް އައީ ރާބޮއިގެން މަސްތުވެގެން ތިބި ހާލުގަ އެވެ. އަދި އެ ކުޅުންތެރިން ވަނީ ބްރެޒިލްގެ އަންހެން ކުއްޖަކު އެތަނަށް ގެންގޮސް ޕާޓީ ބާއްވާފައި ކަމަށް ވެސް ބުނެފައިވެ އެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕާއި އަދި 2016 ވަނަ އަހަރުގެ އޮލިމްޕިކްސް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ބްރެޒިލްގައި ސަލާމަތީ މައްސަލަ ތަކަކީ މިހާރު އެންމެ ކަންބޮޑުވާން ޖެހޭ މައްސަލަ އެވެ.

ހުސްވި ހަފްތާގައި އެ ގައުމުގައި ވަނީ މިލިޔަނަކަށް ވުރެ ގިނަ މީހުން މަގުތަކަށް ނުކުމެ، އެގައުމު ދަތުރު ފަތުރުގެ ނިޒާމް އަގުބޮޑުވުމާއި، ވޯލްޑް ކަޕަށް ތައްޔާރުވުމަށް މާބޮޑަށް ހަރަދު ކޮށްފައިވާ ކަމަށާއި އަދި ސަރުކާރުގެ އެކި އިދާރާ ތަކުގައި ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވާ ކަމަށް ގޮވާލައި މުޒާހަރާ ކޮށްފަ އެވެ.