ތަފާތު އެކިއެކި ކުށްކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުން ހައްޔަރުކޮށްފައި ބައިތިއްބުމަށް ދޫނިދޫގައި ހަދާފައި ހުންނަ ޖަލުގައި "ފެންވަރު ރަނގަޅު ގޮޅިތަކެއް" ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެއް މިލިއަން އެއްލައްކަ ރުފިޔާގެ އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުން ގެންދަނީ ބީލަން އުސޫލުން އަމިއްލަ ބަޔަކާ ހަވާލުކޮށްގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ދޫނިދޫގައި އަލަށް ހެދުމަށް ހަމަޖައްސާފައިވާ 10 ގޮޅި ކަމަށާއި އެއީ އެ ރަށު ޖަލުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެގެން ހަދަމުން ގެންދާ ގޮޅިތަކެއް ކަމަށާއި އެ ގޮޅިތަކަކީ މިހާރު ހުރި ގޮޅިތަކަށް ވުރެ ހުރިހާ ގޮތަކުން ވެސް ފެންވަރު ރަނގަޅުކޮށް، ގައިދީންނަށް މިހާރަށް ވުރެ ތަންކޮޅެއް ފަސޭހަ ގޮތަކަށް އުޅެވޭނެ ގޮތަށް ތައްޔާރު ކުރަމުން ގެންދާ ގޮޅިތަކެއް ކަމަށެވެ.

ނަމަވެސް އެތަނަކީ ވަކިން ހާއްސަ ސެކިއުރިޓީ ގޮޅިތަކެއްގެ ގޮތުގައި އަޅަމުން ގެންދާ ގޮޅިތަކެއް ނޫން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"މި ގޮޅިތަކަކީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ވެސް މަޝްވަރާއާ އެކި މިހާރު ހުރި ގޮޅިތަކަށް ވުރެ ފެންވަރު ރަނގަޅަށް ހަދަމުން ގެންދާ ގޮޅިތަކެއް. މިގޮޅިތައް ހެދުމުން މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުވާނެ. މުޅިން އެކަހެރިކޮށް ބަހައްޓަން ޖެހޭ ކުށްވެރިން ބައިތިއްބަން ވެސް މިހާރު ހުންނަނީ ވަރަށް މަދު ގޮޅިތަކެއް، އެކަމަކު މިގޮޅިތައް އެޅުމުން އެކަން ވެސް ހައްލުވެގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ދޫނިދޫގައި މިހާރު އަލަށް ހަދަމުން ގެންދާ ގޮޅިތައް އަޅާ މުޅިން ނިމުމުން މިހާރު އެ ރަށުގައި މީގެ އެތަކެއް އަހަރުތަކެއް ކުރިން އާޅާފައި ހުރި އަދި މިހާރު ވެސް ބޭނުން ކުރަމުން އަންނަ ގޮޅިތައް ވެސް މިހާރަށް ވުރެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް އެ މަސައްކަތުގެ ދަށުން ފެށޭނެ ކަމަށް ވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދޫނިދޫގައި މިހާރު އަލަށް ހަދަމުން ގެންދާ ގޮޅިތަކަކީ ވަރަށް ވެސް ފެންވަރު ރަނގަޅުކޮށް ގައިދީންނަށް ފަސޭހައިން ހަލާކުނުކޮށް ލެވޭނެ ގޮތަށް ދޮރުތަކާ އެއްޗެހި ބަހައްޓައިގެން ހަދާ ގޮޅިތަކެކެވެ.