މިހާރު ވިއްކާ އަގަށް ވުރެ ދަޅުމަހުގެ އަގު ހެޔޮނުވި ނަމަވެސް ސްޓޮކް ހުސްނުވެ ރޯދަމަހަށް ދަޅުމަސް ގަންނަން ލިބޭނެ ކަމަށް މަސް ކުންފުނިތަކުން ބުނެފި އެވެ.

ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއްތޮލިބު މިއަދު ސަން އަށް ވިދާޅުވީ އެ ކުންފުނިން ތައިލޭންޑްގައި އުފައްދައިގެން ރާއްޖެ އަށް ގެންނަ ދަޅުމަހުގެ ބާވަތްތައް މިއަހަރުގެ ރޯދަ މަހު އެއްވެސް ދައްޗަކާއި ނުލައި ލިބެން ހުންނާނެ ކަމަށެވެ. އަދި މިފަހަރުގެ ރޯދަޔާއި ދިމާކޮށް އެކުންފުނިން ވިއްކާ ދަޅުމަހުގެ ބާވަތްތަކުގެ އަގުތަކަށް ވަކި ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ކޫއްޑޫން ތެޔޮ މަސްދަޅު ކޭހެއް 892ރ. އަށް ވިއްކާ އިރު ފެން މަސް ދަޅު ކޭހެއް ވިއްކަނީ 840ރ. އަށެވެ. އަދި ވަކި ދަޅުގެ އަގުތަކަށް ބަލާ އިރު ތެޔޮ މަސް ދަޅެއް 18.75ރ. އަށް ވިއްކާ އިރު ފެން މަސް ދަޅެއް ވިއްކަނީ 17.51ރ. އަށެވެ.

މިފްކޯގެ މީޑިއާ ކޯޑިނޭޓަރު އަހުމަދު މައުމޫން މިއަދު "ސަން" އަށް ވިދާޅުވީ އެ ކުންފުނިން ވެސް ރޯދަޔަށް މަސް ދަޅުގެ އަގުތަކަށް ބަދަލެއް ނުގެންނަ ކަމަށާއި އަދި ގޭބިސީތަކަށް ބޭނުންވާ ވަރަށް އެއްވެސް ދައްޗަކާއި ނުލައި ދަޅުމަސް ގަންނަން ލިބޭނެ ކަމަށެވެ.

"ދެން މަހުގެ އަގުތަކަށް ބަލާ އިރު އެއީ ތެލަށް އަންނަ ނޫނީ މޫސުމަށް އަންނަ ބަދަލަކުން ވެސް އަގަށް ބަދަލެއް އައިސްދާނެ އެއްޗެއް. އެއީ އަގު ހެޔޮވުން ނުވަތަ ބޮޑުވުން ކަމަށް ވެސް ވެދާނެ. އެނޫން ބަދަލެއް ނާންނާނެ ވަކި ރޯދަޔަށް ހާއްސަކޮށެއް." މައުމޫން ވިދާޅުވި އެވެ.

އެ ކުންފުނިން މިހާރު ތެޔޮ ދަޅުމަސް ކޭހެއް 895ރ. އަށް ވިއްކާ އިރު ފެން ދަޅުމަސް ކޭހެއް ވިއްކަނީ 850ރ. އަށެވެ.

މަހުގެ އަގުތަކާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ފެލިވަރު ފިޝަރީޒްއަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ އެކުންފުނީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.