އިންޑިއާ ކަނޑުގައި ދުއްވަނިކޮށް މެދުން ބިންދައިގެން ދިޔަ އާގުބޯޓުގެ ކުރީކޮޅު ޓަގުގައި އެރޭބިއަން ގަލްފަށް ގެންދިއުމަށް މަސައްކަތް ފަށާފައިވާ ކަމަށް އާގުބޯޓު އޮޕަރޭޓްކުރާ ޖަޕާނުގެ ކުންފުނީ މިސުއި އޯއެސްކޭ ލައިންސް (އެމްއޯއެލް) އިން ބުނެފި އެވެ.

އެމްއޯއެލްގެ އާގުބޯޓެއް ކަމަށްވާ "އެމްއޯއެލް ކޮމްފޯޓް" މެދުން ބިންދައިގެން ގޮސްފައި ވަނީ 4،000 އަށް ވުރެ ގިނަ ކޮންޓެއިނަރުގެ މުދަލާއެކު ސިންގަޕޫރުން ސައުދީ އަރަބިއްޔާގެ ޖިއްދާ އަށް ދިއުމަށް އިންޑިއާ ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގަ އެވެ.

އެމްއޯއެލްއިން ބުނީ މި މަހުގެ 24 ވަނަ ދުވަހު ހަތަރު ޓަގު ބޯޓެއް ހާދިސާ ހިނގާދިޔަ ސަރަހައްދަށް ދަތުރު ކުރުމަށް ފަހު، މިހާރު ބޯޓުގެ ކުރީ ކޮޅު ޓަގުގައި ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސިންގަޕޫރުން ފުރައިގެން ސައުދީ އަރަބިއްޔާ އަށް ދިއުމަށް ދަތުރުކުރަމުންދިޔަ އެމްއޯއެލް ކޮންފޮޓް މެދުން ބިންދައިގެން ގޮސްފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު އިންޑިއާ ކަނޑުގައި ދުއްވަމުންދަނިކޮށް މޫސުން ގޯސްވެ ހިނގާދިޔަ ހާދިސާއެއްގައި ބޯޓުގެ މެދުގައި ރެނދުތަކެއް ލުމަށް ފަހުގައި މިމަހުގެ 19 ވަނަ ދުވަހު އެވެ.

ބޯޓު ބިންދައިގެން ދިއުމަށް ފަހު ބޯޓުގެ ކުރީކޮޅާއި ފަހަތުކޮޅު އެއްކޮށް ވަކިވެ، ދެކޮޅު ވެސް އޮޔާދަމުންދާ ކަމަށް އެމްއޯއެލް އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެމްއޯއެލް އިން މިއަދު ބުނީ ބޯޓުގެ ކުރީކޮޅު ޓަގުކުރެވެމުންދާ އިރު، ބޯޓުގެ ފަހަތުކޮޅު އަދިވެސް އިރު ދެކުނަށްވާ މިސްރާބަކަށް އޮޔާ ދަމަމުންދާ ކަމަށެވެ.

ބޯޓުގައި ހުރި 4،000 އަށް ވުރެ ގިނަ ކޮންޓެއިނަރުގެ ތެރެއިން މިހާރު ކުރީކޮޅު އަދި ފަހަތުކޮޅުގައި ހުރި ކޮންޓެއިނަރުތައް ސަލާމަތް ކުރެވޭނެ ކަމަށް މައުލޫމާތު ލިބެ އެވެ.

އެމްއޯއެލް އިން ބުނީ މި ހާދިސާ ހިނގައި ދިޔަ ގޮތުގެ ތަހުގީގެއް މިހާރު ކުރަމުންދާ ކަމަށެވެ.

މިގޮތުން ބޯޓު ބަނުމުގެ މަސައްކަތް ކުރި ޖަޕާނުގެ މިޓްސުބިޝީ ހެވީ އިންޑަސްޓްރީޒް (އެމްއެޗްއައި) އާ ގުޅިގެން ބޯޓު މެދުން ބިންދައިގެން ދާން މެދުވެރިވި ސަބަބު ދެނެގަތުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން އެމްއޯއެލްގެ ހުރިހާ އާގުބޯޓެއް އިންސްޕެކްޓްކުރަން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.