26 Jun 2013, 11:27
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން ސ. ހެރެތެރެ ރިސޯޓު ތަރައްގީކުރަން ނެގި ލޯނު ގަވައިދުން ދައްކަމުން ނުދާތީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނޯޓިސް ފޮނުވައިފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ބީއެމްއެލް އިން ނެގި ލޯނު ނުދައްކައިގެން މިމަހުގެ ކުރީކޮޅު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ފައިސާ ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ދެއްކުމަށް ވެސް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ބޭންކުން ނެގި 25 މިލިއަން ޑޮލަރުގެ ތެރެއިން ބާކީ 17.5 މިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށެވެ. އަދި ބޭންކުން ނޯޓިސް ފޮނުވީ 60 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ހަތް ލައްކަ ޑޮލަރު ނުދައްކައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު މިއޮތް ގޮތުން އެ ފައިސާ ނުދެއްކައިފި ނަމަ ބޭންކުން އެ މައްސަލަ ކޯޓަށް ހުށަހަޅާނެ. އަދި އެ ފައިސާ ކުންފުންޏަށް ނުދެއްކިއްޖެ ނަމަ ރިސޯޓު ވިއްކާލުން ވެސް އެކަށީގެންވޭ. އޭރުން މިހާރު ރިސޯޓުން ވިއްކާލަން ނިންމާފައިވާ ވަރަށް ވުރެ ދަށް އަގެއްގައި ވިއްކައިފި ނަމަ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބީއެމްއެލް އިން ނެގި ލޯނަށް އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ކޮންމެ މަހަކު 435،000 ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވީ ރިސޯޓު ވިއްކާލައިގެން އަވަހަށް ބޭންކު ލޯނު ދައްކައި ހަލާސްކުރަން. ނަމަވެސް މިހާރު ކުންފުނީގެ ބޯޑަށް ސަރުކާރުން އައްޔަން ކުރަން ޖެހޭ ޑިރެކްޓަރުން އައްޔަންނުކުރެވި ލަސްވުމުން ކުންފުނީގެ މަސައްކަތްތައް މިވަނީ ހުއްޓިފައި. އަޅުގަނޑުމެން ބޭނުން ވަނީ ވީހާވެސް އަވަހަކަށް ރިސޯޓު ވިއްކާލުމަށްފަހު ކުންފުނީގެ ދަރަނިތައް ހަލާސްކުރަން،" އެ އޮފިޝަލް ވިދާޅުވި އެވެ.
އެމްޓީޑީސީގެ ހެރެތެރެ ވިއްކާލަން ނިންމާފައި ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ހިއްސާ އޮންނަ ޓްރީ ޓޮޕް އިންވެސްޓްމަންޓަށް 30 މިލިއަން ޑޮލަރަށެވެ.