އިނގިރޭސި ވިލާތުގެ ސަންޑަލޭންޑަށް ކުޅޭ ބެލްޖިއަމް ގޯލްކީޕަރު ސިމޯން މިގްނޮލެޓް ލިވަޕޫލްއަށް ބަދަލުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ މެޑިކަލްއަށް ފަހު އުމުރުން 25 އަހަރުގެ މިގްނޮލެޓް ލިވަޕޫލަށް ދިގު މުއްދަތެއްގެ އެއްބަސް ވުމެއްގެ ދަށުން ސޮއިކޮށްފައިވަނީ 9 މިލިޔަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށެވެ.

"އަހަރެން ވަރަށް ހިތްހަމަޖެހޭ ބާކްލޭސް ޕްރިމިއާ ލީގުގައި ކުޅޭ އެންމެ މޮޅު އެއް ގޯލްކީޕަރު މި ކްލަބާ ގުޅުމުން،" ލިވަޕޫލްގެ ކޯޗް ބްރެންޑަން ރޮޖާއާ ހަވާލާދީ އެ ކްލަބްގެ ވެބްސައިޓްގައި ބުނެފައި ވެއެވެ. "ސިމޯން އެ ގުޅެނީ އޭނާއަށް އޭނާގެ ހުނަރުތައް ދައްކާލައި އަދި އެހުނަރުތައް އިތުރަށް ކުރިއެރުވޭނޭ ކްލަބަކާ"

ބެލްޖިއަމްގެ ސިންޓްރުއިޑަން އިން 2010 ވަނަ އަހަރުގެ ޖޫންމަހު ސަންޑަލޭންޑަށް ބަދަލުވި ސިމޯން ވަނީ އެޓީމަށް 101 މެޗު ކުޅެދީފަ އެވެ. އަދި މިދިޔަ ސީޒަންގައި އޭނާ ކުޅުނު 40 މެޗުގެ ތެރެއިން 11 މެޗް ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ހިފަހައްޓާފައި ވެއެވެ.

ލިވަޕޫލުން އާ ކީޕަރަކު މިހޯދީ އެކުލަބުގެ އެއް ނަންބަރު ކީޕަރު ޕެޕޭ ރެއިނާ އޭނާގެ ކުރީގެ ކްލަބް ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވުމުގެ ވާހަކަތައް ދެކެވެމުން ދަނިކޮށެވެ.

ސިމޯން އަކީ މިފަހަރުގެ ޓްރާންސްފާގައި ލިވަޕޫލަށް އަލަށް ގެނައި ހަތަރުވަނަ ކުޅުންތެރިޔާ އެވެ. އެ ކްލަބުން ވަނީ، މެންޗެސްޓާ ސިޓީގެ ކޯލޯ ޓޫރޭއާއި، ސެވިއްޔާގެ ލުއިސް އަލްބާޓޯ އަދި، ސެލްޓާ ވީގޯގެ ލާގޯ އަސްޕާސް އެ ކްލަބަށް ގެނެސްފަ އެވެ.