26 Jun 2013, 11:06
މިއަހަރުގެ ދިވެހި ލީގުގެ ގަދަ ހައެއްގައި ހިމެނުނު ޓީމްތައް ފިޔަވައި، އަންނަ އަހަރު ދިވެހި ލީގުގައި ވާދަކުރާނޭ ދެޓީމެއް ހޮވުމަށް ބާއްވާ ކޮލިފިކޭޝަންސްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ވީބީ އައްޑޫ އެފްސީއާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.
ދިރާގު ދިވެހި ލީގުގެ ދެވަނަ ބުރުގެ ކުޅުން ނިމުނު އިރު 9 ޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮތް ވީބީއާއި ދެކޮޅަށް ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ނުކުންނަ މަހިބަދޫ ސްޕޯޓްސް އަކީ، މިއަހަރުގެ ދެވަނަ ޑިވިޝަންގެ ރަނަރަޕް ޓީމެވެ.
ކޮލިފިކޭޝަންގެ ދެވަނަ މެޗުގައި ވާދަކުރާނީ، ދިވެހި ލީގުގެ ދެވަނަ ބުރު ނިމުނު އިރު 12 ޕޮއިންޓާ އެކު ތާވަލުގެ ހަތްވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބާއި، ދެވަނަ ޑިވިޝަންގެ ޗެމްޕިއަން، ސްޕޯޓްސް ކްލަބް މެކާނޯ އެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ، އަންނަ އާދީއްތަ ދުވަހުގެ ހަވީރު ގަލޮޅު ދަނޑުގަ އެވެ.
ދިވެހި ލީގުގެ ކޮލިފިކޭޝަން މެޗުތައް ގެންދާނީ ލީގު އުސޫލުންނެވެ. އެގޮތުން އެ ހަތަރު ޓީމް ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެއްބުރު ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް އަންނަ އަހަރުގެ ދިވެހި ލީގަށް ކޮލިފައިވާނެ އެވެ. އަދި އަނެއް ދެޓީމް ޖެހޭނީ އަންނަ ސީޒަންގައި ދެވަނަ ޑިވިޝަންގައި ވާދަކުރާށެވެ.
ދިވެހި ލީގު 2014 ކޮލިފިކޭޝަންގައި ޖުމުލަ ހަމެޗު ކުޅުމަށް ހަމަޖެހިފައިވާއިރު އެ މެޗުތައް ކުޅެން ހަމަޖެހިފައިވާ ގޮތް ތިރީގައި މި ވަނީއެވެ. ފަހު ދެމެޗު ފިޔަވައި ހުރިހާ މެޗުތަކެއްވެސް ކުޅޭނީ ހަވީރު 4:00ގައި ގަލޮޅު ދަނޑުގަ އެވެ. ކޮލިފިކޭޝަންގެ ފަހު ދެމެޗު ކުޅޭނީ ރޭގަނޑު 10:00ގަ އެވެ.
ޖޫން 29: ވީބީ އައްޑޫ އެފްސީ – މަހިބަދޫ ސްޕޯޓްސް ކްލަބް
ޖޫން 30: ވިކްޓަރީ ސްޕޯޓްސް ކްލަބް – ސްޕޯޓްސް ކްލަބް މެކާނޯ
ޖުލައި 3: ވީބީ އައްޑޫ އެފްސީ – ސްޕޯޓްސް ކްލަބް މެކާނޯ
ޖުލައި 4: ވިކްޓަރީ ސްޕޯޓްސް ކްލަބް – މަހިބަދޫ ސްޕޯޓްސް ކްލަބް
ޖުލައި 11: ސްޕޯޓްސް ކްލަބް މެކާނޯ – މަހިބަދޫ ސްޕޯޓްސް ކްލަބް
ޖުލައި 12: ވިކްޓަރީ ސްޕޯޓްސް ކްލަބް - ވީބީ އައްޑޫ އެފްސީ