26 Jun 2013, 11:05
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ކާލޯސް ޓެވޭޒް ވިއްކާލަން އެކުލަބުން ނިންމައިފި އެވެ.
މީގެ ހަތަރު އަހަރު ކުރިން ފަސް އަހަރު ދުވަހުގެ އެގްރިމަންޓެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑުން، މެންޗެސްޓާ ސިޓީއާ ގުޅުނު ޓެވޭޒް ވިއްކާލަން ސިޓީއިން ނިންމީ ޔުވެންޓަސް އާއެކު އިއްޔެ ލަންޑަންގައި ބޭއްވި ބައްދަލުވުމަށްފަހު އެވެ.
އިއްޔެ ބައްދަލުވުމުގައި ޔުވެންޓަސްއިން ވަނީ ޓެވޭޒް ހޯދުމަށް 10 މިލިއަން ޕައުންޑަށް ވުރެ ގިނަ އަދަދެއް ސިޓީއަށް ހުށަހަޅައިފަ އެވެ. އެގޮތުން ސިޓީން ވަނީ ޔުވެންޓަސްއިން އެ ހުށަހެޅި އަގާމެދު ހިތް ހަމަޖެހޭ ކަމަށް ބުނެފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޓެވޭޒް ސިޓީގައި މިވަގުތު ހުރީ އެހާ ހިތްހަމަ ޖެހިގެން ނޫންކަމަށް އޭނަގެ އެޖެންޓުން މީޑިއާގައި ތަކުރާރުކޮށް ވަހަކަ ދައްކާފައިވެ އެވެ. އަދި ޔުވެންޓާސްއަށް ދިއުމުގެ ވިސްނުން ޓެވޭޒް އަބަދުވެސް ގެންގުޅޭކަމަށް ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުން ޓެވޭޒް މިއަދުގެ ވަގުތެއްގައި އިޓަލީ އަށް ގޮސް ޔުވެންޓަސްއާ އެކު ތިން އަހަރުގެ ކޮންޓްރެކްޓެއް ހެދުމަށް މެޑިކަލް ޓެސްޓް ފުރިހަމަކުރާނެ އެވެ.