ދިރާގު ދިވެހި ލީގުގެ ތިން ވަނަ ބުރުގެ ކުޅުން އަންނަ ހުކުރު ދުވަހު ފަށަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްއޭއެމް) އިން ނިންމައިފި އެވެ.

ލީގުގެ ތިން ވަނަ ބުރުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ހަވީރު 4:00ގައި ބައްދަލުކުރާ ދެޓީމަކީ ކުލަބް ވެލެންސިއާ އާއި ކުލަބް އީގަލްސް އެވެ.

ލީގުގެ ތިން ވަނަ ބުރުގެ ފުރަތަމަ މެޗަށް އީގަލްސް އާއި ވެލެންސިއާ އަންނަ ހުކުރު ދުވަހުގެ ހަވީރު ނިކުންނައިރު، ލީގުގެ ފުރަތަމަ ބުރުގައި މިދެޓީމް ކުޅުނު މެޗް 1-0 ލަނޑުން ކާމިޔާބު ކުރީ ވެލެންސިއާއިންނެވެ. އަދި ލީގުގެ ދެ ވަނަ ބުރުގައި އީގަލްސް އާއި ވެލެންސިއާ ކުޅުނު މެޗް ނިމުނީ 2-2 އިން ދެޓީމް އެއްވަރު ވެގެންނެވެ.

ލީގުގެ ދެ ވަނަ ބުރުގެ ކުޅުން ނިމުނު އިރު ވެލެންސިއާ އޮތީ 21 ޕޮއިންޓާއެކު ތިން ވަނަ މަގާމްގަ އެވެ. އަދި އީގަލްސް އޮތީ 14 ޕޮއިންޓާއެކު ހަ ވަނަ މަގާމްގަ އެވެ.

ލީގުގެ ތިން ވަނަ ބުރުގެ ދެ ވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ބައްދަލުކުރާ ދެޓީމަކީ މާޒިޔާ އާއި ބީޖީ ސްޕޯޓްސް ކުލަބެވެ. އަދި ލީގުގެ ތިން ވަނަ ބުރުގެ ތިން ވަނަ މެޗުގައި އަންނަ އާދިއްތަ ދުވަހުގެ ރޭ 9:00ގައި ބައްދަލުކުރާ ދެޓީމަކީ ލީގުގެ އެއް ވަނަ މަގާމްގައި އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ލީގުގެ ފަސް ވަނަ މަގާމްގައި 15 ޕޮއިންޓާއެކު އޮތް އޭވައިއެލް އެވެ.