ރަޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަތުމުން، މަޖިލީހުގެ މިއަަދުގެ ޖަލްސާގައި އިހްތިޖާޖު ކުރަން ފެށުމުން އޭނާގެ ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.

ޓޯޔާޑުގައި ހުރި ބައެއް ވެހިކަލްތައް ނައްތާލަން ފުލުހުން އުޅޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ބޮންޑޭ ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަތުމުން އޭނާ ވަނީ މަޖިލީހުގެ ޗެންބަރުގައި ހުންނަ އިދާރީ މޭޒުކުރިމަތީގައި އިށީއްދެވަޑައިގެން އިހްތިޖާޖުކޮށްފަ އެވެ. ނަމަވެސް އޭނާ އިހްތިޖާޖު ކުރައްވަން ފެއްޓެވުމުން އޭނާގެ ނަންއިއްވައި މަޖިލީހުގެ ޗެންބަރުން ނެރުމަށްފަހު ޖަލްސާ ވަނީ ފަށާފަ އެވެ.

----

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން ތިން ވަނަ ފަހަރަށް ފަސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފުރަތަމަ ފެށުމަށް ހަމަޖެހިފައި އޮތީ ހެނދުނު 9 ޖެހި އިރު އެވެ. ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ވަނީ 9:30 އަށް ފަސްކޮށްފަ އެވެ. އަދި އެ ގަޑީގައި ވެސް ޖަލްސާ ފަށަން މަސައްކަތްކޮށް ފަސް މިނިޓްގެ ރަނގަބީލު ޖެހުމަށް ފަހު ވެސް ކޯރަމް ހަމަނުވެގެން ވަނީ 10 ޖަހާއިރަށް ޖަލްސާ ފަސްކޮށްފަ އެވެ. އެގަޑިއަށް ވެސް ޖަލްސާ ފަށަން މަސައްކަތްކޮށް ކޯރަމް ހަމަނުވުމުން މަޖިލީހުގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ޖަލްސާ މިއަދުގެ 11 ޖަހާއިރަށް ފަސްކޮށްފަ އެވެ.

މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ ހުށަހަޅުއްވާފައިވާ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމާއި އަދި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރުމެވެ.

ހަތް ދިހަ ހަތް މެންބަރުންގެ މަޖިލީހުގެ ކޯރަމަކީ 20 މެންބަރުންނެވެ. މިއަދުގެ ޖަލްސާ އަށް މެންބަރުން ވަޑައިގަތް އަދަދެއް މަޖިލީހުގެ ރައީސް އިއުލާނެއް ނުކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ދައުލަތުން އެންމެ ބޮޑު މުސާރަ ދޭ ކެޓަގަރީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މަހަކު 62،000 ރުފިޔާގެ މުސާރަ އާއި 20،000 ރުފިޔާގެ އެލަވަންސާ އެކު ޖުމްލަ 82،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.