26 Jun 2013, 09:44
އިންޑިއާގެ ޕޫނާގައި އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ، 20 ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ޓީމް ރޭ އިއްޑިއާއަށް ހިގައްޖެ އެވެ.
މުބާރާތުގައި ވާދަކުރަން ރޭ އިންޑިއާއަށް ދިޔަ ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމްގައި ހިމެނެނީ ހަތަރު ފިރިހެން އެތުލީޓުންނާއި، އަންހެން އެތުލީޓެކެވެ. އެ އެތުލީޓުންނަކީ ޝިފާޒް މުހައްމަދާއި އަހުމަދު ހަސަނާއި ހަސަން ސާއިދުއާއި އަޒްނީމް އަހުމަދު އަދި އަފާ އިސްމާއީލް އެވެ.
ޓީމާއެކު ރޭ އިންޑިއާއަށް ދިޔަ ކޯޗުންނަކީ ސްޕްރިންޓް ކޯޗް އަހުމަދު ފާއިލް އަދި މިޑްލް ކޯޗް އަބްދުﷲ އިބްރާހީމް އެވެ. ޓީމްގެ މެނޭޖަރަކީ މުހައްމަދު ޝުޖާއު އެވެ.
މުބާރާތުގައި ޝިފާޒް އާއި އަހްމަދު ހަސަން ވާދަކުރާނީ 800 މީޓަރު އަދި 1500 މީޓަރު ދުވުމުގަ އެވެ. އަޒްނީމް ވާދަކުރާނީ 100 މީޓަރު އަދި 200 މީޓަރު ދުވުމުގަ އެވެ. ސާއިދު 200 މީޓަރު އަދި 400 މީޓަރު ދުވުމުގައި ވާދަކުރާން ހަމަޖެހިފައި ވާއިރު އަފާ ވާދަކުރާނީ 100 މީޓަރު އަދި 200 މީޓަރު ދުވުމުގަ އެވެ. މީގެ އިތުރުން 400 މީޓަރު ރިލޭގައިވެސް ރާއްޖެއިން ވާދަކުރާނެ އެވެ.
މުބާރާތުގެ ކުރިން ޕޫނާގައި އެއް ހަފްތާ ޓްރެއިނިން ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ.
މުބާރާތަށް ފަހު ރާއްޖޭގެ އެތުލެޓިކްސް ޓީމް އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހު އެވެ