26 Jun 2013, 09:36
މޮސްކޯ (ޖޫން 26): އެމެރިކާ އިން ދުނިޔޭގެ އެތައް ގައުމެއްގެ ސަރުކާރުތަކާއި ކުންފުނިތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށް ޖާސޫސުކޮށްގެން މަޢްލޫމާތު ހޯދަމުން ގެންދިޔުމުގެ އިތުރުން އެމެރިކާގެ ރައްޔިތުންނަށް ވެސް ޖާސޫސުކުރަމުން ގެންދިޔަ މައްސަލަ ބޭޒާރުކޮށްލި އެގައުމުގެ ކުރީގެ މަސްއޫލުވެރިޔާ އެޑްވަޑް ސްނޯޑަން އެމެރިކާއާ ހަވާލު ނުކުރައްވާނެ ކަމަށް ރަޝިޔާގެ ރައީސް ވްލްޑިމޭރު ޕޫޓިން ވިދާޅުވެއްޖެ އެވެ.
ސްނޯޑަން މިހާރު ހުންނެވީ ރަޝިޔާގައި ކަމަށްބުނެ އޭނާ އެމެރިކާއާ ހަވާލު ކުރުމަށް އެމެރިކާ ސަރުކާރުން ގޮވާލަމުން ގެންދާގޮވާލުންތަކަށާއި ކުރިމަތިކުރަމުންގެންދާ ފިއްތުންތަކަށް ރައްދު ދެއްވަމުން ޕޫޓިން ވިދާޅުވީ ސްނޯޑަން ހުންނެވީ މޮސްކޯ އެއަރޕޯޓްގެ ޓްރާންޒިޓް ސަރަހައްދުގައި ކަމަށާ ޓްރާންސިޓް އެހެން ފަސިންޖަރުންނެކޭ އެއްގޮތަށް ބޭނުންގައުމަކަށް ބޭނުންވަގުތަކު ފުރައިގެން ދިޔުމުގެ ހައްޤު އޭނާއަށް ލިބިގެންވާ ކަމުގަ އެވެ.
ސްނޯޑަންގެ އަތުގައި ރަޝިޔާއަށް އެތެރެވުމުގެ ވިސާ ނެތުމުން މިފަދަ ޙާލަތްތަކުގައި ތިބޭ އެހެން ފަސިންޖަރުންނެކޭ އެއްގޮތަށް ސްނޯޑަން އަށްވެސް ރަޝިޔާ އަށް އެތެރެވެވޭނީ މިކަމަށް އޮންނަ ގަވައިދުގެ ދަށުން ވިސާ ލިބިގެން ކަމަށް ޕޫޓިން ވިދާޅުވި އެވެ. ޕޫޓިން މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ސްނޯޑަންގެ މައްސަލާގައި އެމެރިކާ އިން ރަޝިޔާ އަށް ކުރިމަތި ކުރަމުންގެންދާ ފިއްތުންތައް ބޮޑުވެފައިވަނިކޮށެވެ.
އެމެރިކާ ބޭނުން ވަނީ އެމެރިކާ ފުޅާދާއިރާއެއްގައި އަމިއްލަ ރައްޔިތުންނަށާއި ދުނިޔޭގެ އެތަށް ގައުމަކާ ދެކޮޅަށް ހިންގަމުން ގެންދިޔަ އިލެކްޓްރޯނިކް ޖާސޫސީ ހަރަކާތްތައް ބޭޒާރު ކޮށްލި މައްސަލާގައި ސްނޯޑަންއަށް އަދަބު ދިނުމަށެވެ. ސްނޯޑަން އެމެރިކާއާ ޙަވާލުކޮށްފި ނަމަ އޭނާގެ އިންސާނީ ހައްޤުތަކަށް އެމެރިކާ ސަރުކާރުން އަރައިގަންނާނެ ކަމުގެ ބިރު ހީވެފައިވާތީ ސްނޯޑަން އެމެރިކާއާ ޙަވާލުނުކުރުމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޤާނޫނީ ބައެއްވަކީލުން ވަނީ ރަޝިޔާ އަށް ގޮވާލައްވާފަ އެވެ.
އެޑްވަޑް ސްނޯޑަން މައްޗަށް ޝަރީޢަތް ހިންގުމަށްޓަކައި އޭނާ އެމެރިކާއާޙަވާލުކުރުމަށްއެދި އެމެރިކާ ވަނީ އޭނާ ކުރިން ހުންނެވިޗައިނާގެ ސަރަހައްދެއް ކަމަށްވާ ހޮންގްކޮންގްއަށް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް މިކަމަށް އިޖާބަ ދިނުމުގެ ބަދަލުގައި ހޮންގްކޮންގުން ވަނީ ސްނޯޑަންބޭނުންތަކަށް ދިއުމުގެ ފުރްސަތު ދީފަ އެވެ. މިއާއެކު ސްނޯޑަން ވަޑައިގެންފައި ވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯ އެއަޕޯޓަށެވެ. ސްނޯޑަން އެމެރިކާއާ ޙަވާލުނުކުރި މައްސަލާގައި އެމެރިކާ ވަނީ ޗައިނާއަށް ވެސް ބަހުގެ ވަރުގަދަ ޙަމަލާތަކެއް ދީފަ އެވެ.
ނަމަވެސް ޗައިނާ ވަނީ އެމެރިކާގެ ޖާސޫސީ ޙަރަކާތްތަކަށް ފާޑުކިޔައި އެމެރިކާއަކީ ވަގެއް ފަދައިން ޙަރަކާތްތެރިވާ ގައުމެއް ކަމަށް ސިފަކޮށްފަ އެވެ. މޮސްކޯ އިން ސްނޯޑަން ދެން ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ އޭނާއަށް ޙިމާޔަތް ދޭނެކަމަށް ބެލެވިފައިވާ އިކުއެޑޯރ ނޫނީ ވެނެޒުއެލާއަށެވެ. ނަމަވެސް އޭނާގެ ދަތުރު ހަމަޖެހިފައިވާ ގޮތް އަދި ނޭންގޭ ކަމަށް މުރާސިލުން ބުނެ އެވެ. (ނޫސްއެޖެންސީތައް)