ރިޔާޟް (ޖޫން 26): ސޫރިޔާ ސަރުކާރަކީ ޝަރުޢީ ނޫން ސަރުކާރެއް ކަމަށް ކަނޑައަޅައި ދިނުމަށާއި ސޫރިޔާސަރުކާރަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކުރާ ޤަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްދިނުމަށް ސަޢޫދީ އަރަބިޔާގެ ޚާރިޖީ ވަޒީރު ސައޫދުލްފައިސަލް ގޮވާލައްވައިފި އެވެ.

ސައޫދީ އަރަބިޔާ އަށް މިހާރު ވަޑައިގެން އުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ އާ ޖިއްދާގައި ބައްދަލުކުރެއްވުމަށް ފަހު ދެއްވި ބަޔާނެއްގައި ސަޢޫދުލްފައިސަލް ވިދާޅުވީ ސޫރިޔާ ސަރުކާރަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކުރުމުގެ އިތުރުން ސޫރިޔާ ސަރުކާރަކީ އެގައުމުގެ ރައްޔިތުން ތަމްޘީލްކުރާ ޝަރްޢީ ސަރުކާރެއް ނޫންކަމަށް ވެސް އދ.ގެ ސަލާމަތީ މަޖިލީހުން ކަނޑައަޅަން ޖެހޭ ކަމުގަ އެވެ.

މީގެ އިތުރުން ސައޫދީ ޚާރިޖީ ވަޒީރު ވަނީ އީރާނާއި ލުބްނާނުގެ ޙިޒްބުﷲ ޖަމާއަތުން ސޫރިޔާ ސަރުކާރަށް ހަތިޔާރު ފޯރުކޮށްދީ ޢަސްކަރީ ގޮތުން އެހީތެރިވަމުން ގެންދާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި ޚާއްސަކޮށް ޙިޒްބުﷲ ޖަމާއަތުން ސޫރިޔާ ސަރުކާރު ސިފައިންނާ ބައިވެރި ހަނގުރާމަ ކުރަމުންގެންދާނަމަ ސައޫދީ އަރަބިޔާ މަޑުން ނޯންނާނެ ކަމަށް ވެސް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

ސޫރިޔާގެ މައްސަލަ ސުލްޙަވެރިކަމާ އެކު ޙައްލު ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ސޫރިޔާ ސަރުކާރަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކުރުމުގެ ޤަރާރެއް ސަލާމަތީ މަޖިލީހުން ފާސްކުރުމަށް ސައޫދީ ޚާރިޖީ ވަޒީރު ގޮވާލެއްވިއިރު އޭނާ ވަނީ ހުޅަނގާއި ހުޅަނގަށް ތާއީދުކުރާ ބައެއް ޢަރަބި ގައުމުތަކުގެ މަދަދުލިބޭ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް ގޮވާލައްވާފަ އެވެ.

ސައޫދީ ޚާރިޖީ ވަޒީރާއި އެމެރިކާގެ ޚާރިޖީ ވަޒީރުންގެ މަޝްވަރާތައް ބިނާކުރެއްވީ މައިގަނޑުގޮތެއްގައި ސޫރިޔާގެ މައްސަލައާބެހޭ ގޮތުން ކަމަށާއި ނަމަވެސް ފަލަސްތީނާއި އިސްރާއީލުގެ ސުލްޙައިގެ ވާހަކަތައް އަލުން ފެށޭނެގޮތްތަކެއް ހޯދުމާބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ޚަބަރުތައް ބުނެއެވެ. (އަލްޖަޒީރާ)