އެމްޓީޑީސީ އުފެއްދުމާ އެކު އެ ކުންފުނިން ހިއްސާ ގަތީ ވަރަށް ބޮޑު އުއްމީދެއްގަ އެވެ. ޓޫރިސްޓު ރިސޯޓެއް ހިންގައިގެން ލިބޭ އާމްދަނީ އާއި އޭގެ ފައިދާ ވިސްނިގެން އަހަރެން ފަދަ އެތައް ބަޔަކު އެ ކުންފުނީގެ ހިއްސާ ގަނެފައިވެ އެވެ.

ޓޫރިޒަމް ވިޔަފާރިކުރުމަށް ސަރުކާރާއި އާއްމު ހިއްސާދާރުން ގުޅިގެން އުފެއްދި ކުންފުނިން ހިއްސާ ގަނެފައިވާ 23،000 އަށް ވުރެ ގިނަ ހިއްސާދާރުންނަށް ވޭތުވެދިޔަ ތިން އަހަރު ލިބުނީ އެކަށީގެންވާ ނަތީޖެއެއް ނޫނެވެ. ކުންފުނި ހިންގުމުގައި ދޯދިޔާވުމާއި އެނޫން ވެސް ތަފާތު މައްސަލަތަކާ ހެދި މިދިޔަ ތިން އަހަރު ކުންފުނީގެ ހިއްސާދާރުންނަށް ވަނީ ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވެފަ އެވެ.

އެމްޓީޑީސީ އަށް ފާއިތުވެދިޔަ ތިން އަހަރު ދިމާވި ގެއްލުންތަކާ ގުޅިގެން އެ ކުންފުނީގެ ހިއްސާދާރުން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. އެކަން އެންމެ ރަނގަޅަށް އެނގިގެންދިޔައީ މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާއިންނެވެ. އެތަނަށް ގޮސް ހިއްސާދާރުން ވަނީ ކުންފުންޏާ ބެހޭ ގޮތުން ވަރަށް ގިނަ ޝަކުވާތަކެއް ބޯޑު މެމްބަރުންނަށް އޮއްސާލައިފަ އެވެ.

އެ ޖަލްސާ އަށް ހާޒިރުވި ހިއްސާދާރުންގެ މައިގަނޑު ޝަކުވާއަކީ ކުންފުނި ހިންގުމުގައި ދޯދިޔާވުމުގެ ސަބަބުން އެތައް މިލިއަން ޑޮލަރެއްގެ ގެއްލުންވުމާއި ސަރުކާރުން ކުންފުނީގެ ކަންތައްތައް ރަނގަޅުކުރުމަށް އެހީތެރިނުވުމުގެ މައްސަލަ އެވެ. އެ ޝަކުވާތައް ކުރުމުން އެތަނުގައި ތިއްބެވި ބޯޑު މެމްބަރުން ދެއްވީ ވަރަށް "ފިނި" ޖަވާބެކެވެ.

"މިތަނަށް އަންނަ ކޮންމެ ފަހަރަކު ވެސް ބޯޑު މެމްބަރުން ދައްކަވަނީ އެއް ވާހަކައެއް. އަބަދުވެސް ކުންފުނި ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރައްވާ ކަމަށް. ނަމަވެސް އެއިން އެއްވެސް ކަމެއް ރަނގަޅެއް ނުކުރެވޭ. ދުވަހެއް ދުވަހަކަށް ކުންފުނީގެ ކަންތައްތައް ބޮއްސުންލަމުންދާ ތަން އަޅުގަނޑަށް ފެންނަނީ،" އެ ޖަލްސާ އަށް ދިޔަ ހިއްސާދާރަކު ޝަކުވާކުރަމުން ބުންޏެވެ.

ފާއިތުވި ތިން އަހަރެއްހާ ދުވަހު ކުންފުންޏަށް ބޮޑު ގެއްލުމެއް ލިބި ހިއްސާދާރުން މާޔޫސްވެފައިވެ ޝަކުވާކުރުމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު މަތީން ވިދާޅުވީ ކުންފުނީގެ ހިންގާ ގަވައިދަށް ބަދަލުތަކެއް ގެންނަން ހުށަހެޅި މައިގަނޑު ބޭނުމަކީ ކުންފުނީގެ ވިޔަފާރި ފުޅާކޮށް ކުންފުނި ރީސްޓްރަކްޗާކޮށް އަލުން ޕްލޭން ކުރުމަށް ކަމަށެވެ.

އެރޭ 10:50ން ފެށިގެން ފަތިހު 4:30އަށް ދިގު ދެމިގެންދިޔަ ޖަލްސާގެ ގިނަ ވަގުތު ހޭދަވެގެންދިޔައީ ކުންފުނީގެ އަސާސީ ގަވައިދަށާއި ހިންގާ ގަވައިދަށް ހުށަހެޅި އިސްލާހުތައް ފާސްކުރުމަށެވެ. އެގޮތުން ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ވަނީ ޓޫރިޒަމް ވިޔަފާރީގެ އިތުރުން އެހެން ވަރަށް ގިނަ ދާއިރާތަކުގައި އިންވެސްޓްކުރެވޭ ގޮތަށް އަސާސީ ގަވައިދު ބަދަލުކޮށްފަ އެވެ.

އެ ކުންފުނީގެ އަސާސީ ގަވައިދަށް ގެނައި އިސްލާހާ ގުޅިގެން ޓޫރިޒަމާ ގުޅޭ ހުރިހާ ވިޔަފާރިއެއްގެ އިތުރުން ރިއަލް އެސްޓޭޓްގެ ވިޔަފާރި އާއި ކްރޫސް ލައިނާސް އެއާލައިންސް، ފްލައިޓްތައް ފަދަ އުޅަނދުތައް މިލްކުކުރުމާއި ޗާޓާކޮށް ހިންގުމާއި ވައިގެ ބަނދަރުތައް މިލްކުކުރުމާއި ޝޮޕިން މޯލާއި ޓްރޭޑް ސެންޓަރު ފަދަ ތަންތަން މިލްކުކުރުމާއި ހިންގުން އަދި ތެލުގެ ވިޔަފާރިކުރުމާއެކު އާ އަދި މެރިކަލްޗާ ވިޔަފާރީގައި އިންވެސްޓްކުރުމާއި އިމާރާތްކުރުމާއި އެކަމަށް ބޭނުންވާ ތަކެތި އިމްޕޯޓްކޮށް ވިއްކުން ވެސް ހިމެނެ އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަތީން ވިދާޅުވީ ކުންފުނި އަލުން ރީސްޓްރަކްޗާކޮށް ދަރަނިތައް ހަލާސްކުރެވޭނެ އުއްމީދު ބޮޑު ކަމަށެވެ.

"މިހާރު ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަކީ ކުންފުނީގެ ކުރިމަގަށް ވަރަށް މުހިންމު އިސްލާހުތަކެއް. އަޅުގަނޑުމެން އުއްމީދުކުރަނީ މީގެ ސަބަބުން ކުންފުނީގެ ހިއްސާދާރުންނަށް ކުރިމަގުގައި ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އެމްޓީޑީސީ އަށް ފާއިތުވި ތިން އަހަރު އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ އައްޑު އަތޮޅު ހެރެތެރެ ރިސޯޓު ހިންގައިގެންނެވެ. އެކަމުން ސަލާމަތްވުމަށް އެ ކުންފުނިން ވަނީ އެތައް މަސައްކަތެއްކޮށްފަ އެވެ. އެންމެ ފަހުން އެ ކުންފުންޏަށް މަޖުބޫރުވީ ނުއަގުގައި ނަމަވެސް އެ ރިސޯޓު ވިއްކާލައިގެން ކުންފުނި ދަރަނިވެރިވުން ހުއްޓުވުމެވެ.

ހެރެތެރެއިން ވަމުންދާ ގެއްލުން ހުއްޓުވުމުގެ ގޮތުން އެ ކުންފުނިން ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ހިއްސާ އޮންނަ ޓްރީ ޓޮޕް އިންވެސްޓްމަންޓަށް 30 މިލިއަން ޑޮލަރަށް ވިއްކާލަން ނިންމައިފަ އެވެ.

އެ ރިސޯޓު ވިއްކާލައިގެން ކުންފުނީގެ ދަރަނިތައް ހަލާސްކުރެވޭނެތޯ ހިއްސާދާރަކު ކުރި ސުވާލަކާ ގުޅިގެން އެ ކުންފުނީގެ ބޯޑު ޑިރެކްޓަރު އަދި ފައިނޭޝަނަލް ކޮންޓްރޯލަރު އަބްދުﷲ ލީމަން ޒާހިރު ވިދާޅުވީ 60 މިލިއަން ޑޮލަރުގެ ރިސޯޓް ވިއްކާލުމުން ކުންފުންޏަށް 30 މިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެ ކަމަށެވެ. ނަމަވެސް ރިސޯޓް ތަރައްގީކުރަން ނަގާފައިވާ ލޯނާއި އެނޫން ވެސް ބައެއް ދަރަނިތައް ހަލާސްކޮށް ކުންފުނި ކޮޅަށް ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޖަލްސާގައި ބައިވެރިވި ހިއްސާދާރަކު ބުނީ ކުންފުންޏަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ ހެރެތެރެ ވިއްކާލައިގެން ނަމަވެސް ކުންފުނި ކޮޅަށް ޖެހުން ކަމަށެވެ.

"އަޅުގަނޑުމެން ބަލަން އެބަޖެހޭ ހެރެތެރެ ބޮލުގައި އަޅައިގެން ތިބެވެނީ ކިހާ ދުވަހަކަށްތޯ. މިދިޔަ ދެތިން އަހަރު އެތަނުން ލިބުނީ ހުސް ގެއްލުން. އޭގެ ބަދަލުގައި ކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތަކަށް އެތަން ދޫކޮށްލަން އެބަ ޖެހޭ. އެހެން ނޫނީ ހިއްސާދާރުންނަށް ކޮންމެ އަހަރަކު ލިބޭނީ މިފަދަ މާޔޫސް ކަމެއް،" އޭނާ ބުންޏެވެ.

އެމްޓީޑީސީން ވަނީ ހެރެތެރެ ވިއްކާލައިގެން ލިބޭ ފައިސާއިން މާލެ ސަރަހައްދުން ރިސޯޓެއް ގަނެގެން ނުވަތަ ގުޅިގެން ހިންގާނެ ރިސޯޓެއް ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މަތީން ވިދާޅުވީ އެ ކުންފުނިން ތިން މަހެއްހާ ދުވަހަށް ކްލަބްފަރު ރިސޯޓު ހިންގުމުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެފައިވާ ކަމަށެވެ. އެހެން ކަމުން މާލެ ސަރަހައްދުން ރިސޯޓެއް ހިންގަން ލިބިއްޖެ ނަމަ ކުންފުންޏަށް ވަރަށް ބޮޑު ފައިދާ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޖަލްސާގައި ވަނީ އެމްޓީޑީސީގެ ހިއްސާގެ ސްޕްލިޓްކޮށް އަންނަ މަހުން ފެށިގެން ބޯނަސް ހިއްސާ ދިނުމަށް ނިންމާފަ އެވެ. އެގޮތުން ހިންގާ ގަވައިދަށް ގެނައި ބަދަލާ އެކު އެ ކުންފުނިން 100ރ. އަށް ވިއްކަމުން އައި ހިއްސާ ދިހަ ބަޔަށް ބަހައި، މޫނުމަތީ އަގު ވަނީ 10ރ.އަށް ކުޑަކޮށްފަ އެވެ. އަދި ކުރިން އޮތް ކޮންމެ 10 ހިއްސާއަކަށް ބޯނަސް ހިއްސާއެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.

އެމްޓީޑީސީގެ މިދިޔަ އަހަރުގެ މާލީ ބަޔާނަށް ބަލާ އިރު އެ ކުންފުންޏަށް ވަނީ ހަތް މިލިއަން ޑޮލަރު (108 މިލިއަން ރުފިޔާ)ގެ ގެއްލުމެއް ވެފަ އެވެ. އަދި އެ ކުންފުންޏަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 20 މިލިއަން ޑޮލަރު ( 300 މިލިއަން ރުފިޔާ) އެވެ. އެއީ 2011 ވަނަ އަހަރު ލިބުނު އާމްމުދަނީ އަށް ވުރެ 17 ޕަސެންޓްގެ ދަށް އަދަދެކެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ފަސް މިލިއަން ޑޮލަރު (82 މިލިއަން ރުފިޔާ) ލިބިފައިވާ އިރު އެއީ 2011 ވަނަ އަހަރު ލިބުނު މިންވަރަށް ވުރެ 36 ޕަސެންޓްގެ ދަށް އަދަދެކެވެ.

އެމްޓީޑީސީގެ ރައުސްމާލަށް ބަލާ އިރު އެއަދަދު 2011 ވަނަ އަހަރު 40 މިލިއަން ޑޮލަރުގައި ހުރި އިރު މިދިޔަ އަހަރު ނިމުނު އިރު އެ މިންވަރު ވަނީ 34 މިލިއަން ޑޮލަރަށް ތިރިވެފަ އެވެ. އެހެންކަމުން އެއީ 2011 ވަނަ އަހަރަށް ވުރެ 16 ޕަސެންޓް ދަށް ވުމެކެވެ. އަދި މިދިޔަ އަހަރު އެ ކުންފުނީގެ ހިއްސާއަކަށް ލިބުނު އާމްދަނީ ވެސް ވަނީ ދެ ޑޮލަރުގެ ގެއްލުމެއް ވެފަ އެވެ.

ފާއިތުވި ތިން އަހަރު ދިމާވި ކަންތައްތަކުގެ ސަބަބުން އެމްޓީޑީސީއާ މެދު ވަރަށް ގިނަ ހިއްސާދާރުން ވަނީ މާޔޫސްވެފަ އެވެ. ނަމަވެސް ކުންފުންޏަށް ލިބޭ އާމްދަނިއެއްކޮށް މިހާރު ހަރަދުކުރަމުންގެންދާ ހެރެތެރެ ރިސޯޓު ވިއްކާލެވިއްޖެ ނަމަ ކުންފުނި ހިންދަމާލެވިދާނެ ކަމުގެ އުއްމީދު އެބައޮތެވެ. ކުންފުނީގެ މެނޭޖްމަންޓުން ވެސް ދަނީ އެ މިސްރާބަށް ކުންފުނި އަނބުރާލެވޭތޯ މަސައްކަތްކުރަމުންނެވެ.