ބަޔާ ލިވަކޫޒަންއަށް ކުޅޭ ޖަރުމަންގެ ޒުވާން ފޯވަޑް އަންދްރޭ ޝޫލާ، އިނގިރޭސި ވިލާތުގެ ޗެލްސީއަށް ސޮއިކޮށްފި އެވެ.

ޗެލްސީގެ ކޯޗުކަމާ، ހޯސޭ މޮރީނިއޯ ދެވަނަ ފަހަރަށް ހަވާލުވުމަށްފަހު އެކުލަބަށް ފުރަތަމަ އަލަށް ގެނައި ކުޅުންތެރިޔާ ޝޫލާ، 22، ޗެލްސީއާ ގުޅިފައިވަނީ، 18 މިލިޔަން ޕައުންޑުގެ ފީއަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

"ޓީމްދެކެ ލޯބިވާ އެތައް ހާސް ފޭނުންނެއް ތިބި، މި ކްލަބަށް ކުޅެން ލިބުމަކީ އަހަރެންނަށް ލިބޭ ވަރަށްބޮޑު ޝަރަފެއް،" ޝޫލާ ބުންޏެވެ.

ނިމިދިޔަ ސީޒަންގައި ޝޫލާ ވަނީ ލިވަކޫޒަންއަށް އޭނާ ކުޅުނު 34 ލީގު މެޗުގައި 11 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. އަދި ޗެމްޕިއަންސްލީގުގެ އޮޓޮމެޓިކް ޖާގައެއް ހޯދައިގެން ބުންޑެސް ލީގާގެ ތިންވަނައިގައި ސީޒަން ނިންމާލި ލިވަކޫޒަންއަށް އެ މަގާމު ހޯދައި ދިނުމުގައި ޝޫލާގެ ވަރަށް ބޮޑު ހިއްސާއެއް ވެއެވެ.

ޖަރުމަނުގެ ގައުމީ ޓީމުގެ ސްޓަރައިކާއެއްގެ އިތުރުން ވިންގާއެއްގެ މަގާމަށްވެސް ފަސޭހަ ކަމާއެކު ކުޅުމުގެ ގާބިލްކަން ހޯދާފައިވާ، ޝޫލާ ވަނީ، އޭނާ ގައުމީ ޓީމަށް ކުޅުނު 24 މެޗުގައި، ހަތް ލަނޑު އެޓީމަށް ކާމިޔާބުކޮށްދީ ހައިރާން ކުރުވަނިވި މޮޅު ކުޅުމެއް ދައްކައިދީފަ އެވެ. އަދި އޭނާ ވަނީ ޔޫރޯ 2012ގައި ކުޅުނު ޖަރުމަނުގެ ގައުމީ ޓީމުން ޖާގަ ހޯދާފަ އެވެ.

ޗެލްސީއިން ވަނީ ހުސްވި އަހަރުގެ ހޫނު މޫސުމުގައިވެސް ޝޫލާ ހޯދަން މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް އެފަހަރު ލިވަކޫޒަން އިން ވަނީ، އޭނާ ދޫކޮށްލުމަށް ދެކޮޅު ހަދާފަ އެވެ.