ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ގައުމީ ހޭންޑްބޯލް މުބާރާތުގެ ފައިނަލްމެޗުގައި އާއިޝަތު ނާޒިމާ ހެދި ހެޓްރިކާއެކު 3-2ން ޔޫތު ސްޕޯޓްސްއަތުން މޮޅުވެ ފިއޮންޓީ ސްޕޯޓްސް ކްލަބް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މި މަހުގެ 20-24ށް ކުރިއަށް ގެންދިޔަ ފުރަތަމަ ގައުމީ ހޭންޑްބޯލް މުބާރާތުގެ މެޗްތައް ކުރިއަށް ގެންގޮސްފައިވަނީ، ހެންވޭރު ޕީކޭ ދަނޑުގަ އެވެ.

ހޯމަ ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗުގައި ފިއޮންޓީގެ ތިން ލަނޑު އާއިޝަތު ނާޒިމާ، ކާމިޔާބު ކޮށްދިން އިރު ފައިނަލްގައި ވާދަކުރި ޔޫތު ސްޕޯޓްސްގެ ދެ ލަނޑު ކާމިޔާބު ކޮށްދިނީ ފާތިމަތު އަބްދުލް މަޖީދުއާއި ޝަބާނާ މުހައްމަދު އެވެ.

ހޭންޑްބޯލް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ރާއްޖޭގައި ބޭއްވި، ފުރަތަމަ ގައުމީ ހޭންޑްބޯލް މުބާރާތުގެ ޓޮޕް ސްކޮރާގެ މަގާމާއި، ބެސްޓް ޝޫޓާގެ އިތުރުން ކްއީން އޮފްދަ ޓޯނަމަންޓްގެ މަގާމަށްވެސް ހޮވުނީ، ވޮލީބޯލްއާއި ބާސްކެޓްބޯލް އަދި ނެޓްބޯލް ކުޅުމަށްވެސް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން އެއް ކުޅުންތެރިޔާ، އައިޝަތު ނާޒިމާ އެވެ.

މުބާރާތުގެ ބެސްޓް ޑިފެންޑަރުގެ މަގާމަށް ހޮވުނީ ފިއޮންޓީގެ އާމިނަތު އަޒީމާ އެވެ. އަދި މުބާރާތުގެ ބެސްޓް ގޯލް ކީޕަރަކަށް ފިއޮންޓީގެ މަރިޔަމް ނާއިފާ ހޮވުނުއިރު މުބާރާތުގެ ބެސްޓް ޕްލޭމޭކާއަކަށް ހޮވުނީ ޔޫތު ސްޕޯޓްސް ކްލަބްގެ ޝަބާނާ މުހައްމަދު އެވެ. ގައުމީ ހޭންޑްބޯލް މުބާރާތުގެ ފެއަ ޕްލޭ ޓީމަކަށް ހޮވުނީ، ޓީރެކްސް ސްޕޯޓްސް އެކަޑަމީ އެވެ.

ރާއްޖޭގައި އަލަށް ތައާރަފްވެގެން ކުރިއަރަމުން އަންނަ ހޭންޑްބޯލްގެ ގައުމީ ފެންވަރުގައި ބޭއްވި ފުރަތަމަ މުބާރާތުގައި ވާދަކޮށްފައި ވަނީ ޖުމްލަ ތިން ޓީމެވެ. އެއީ ޗެމްޕިއަން ފިއޮންޓީއާއި ރަނަރަޕް ޔޫތު ސްޕޯޓްސްގެ އިތުރުން ޓީރެކްސް ސްޕޯޓްސް އެކަޑަމީ އެވެ.

ރާއްޖޭގެ އޮލިމްޕިކް ކޮމެޓީގެ މެންބަރެއް ކަމަށްވާ ހޭންޑްބޯލް މޯޑިވްސް އުފެދުނީ، 2009 ވަނަ އަހަރު އެވެ. އަދި އެ އެސޯސިއޭޝަނުން، ރާއްޖޭގައި ހޭންޑްބޯލް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން ބުންޏެވެ.