25 Jun 2013, 23:02
ހަމައެކަނި ވެރިކަމަށް ޓަކައި ސިޔާސީ ހަރަކާތް ހިންގުމަކީ ތަރައްގީއަށް އެޅޭ އެންމެ ބޮޑު ހުރަސް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާ ދިމާކޮށް، އެމްޑީޕީން ހިންގާ ސިލްސިލާ ސިޔާސީ ހަރަކާތުގެ ދަށުން ޏ. ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ބައެއް ވެރިން ސިޔާސީ ހަރަކާތް ގިނަފަހަރު ހިންގާފައި ވަނީ ރާއްޖެ އަށް ތަރައްގީ ގެނައުމަށް ކަމަށާއި ނަމަވެސް ހަމައެކަނި ވެރިކަން ހޯދުމަށްޓަކައި ބައެއް ސިޔާސީ ވެރިން ސިޔާސީ ހަރަކާތް ހިންގުމަކީ ތަރައްގީ އަށް އެޅޭ ހުރަހެއް ކަމަށެވެ.
~
"ދިވެހިރާއްޖޭގެ ވެރިން، ރާއްޖޭގައި ސިޔާސީ ހަރަކާތް ބައްޓަން ކުރުމަށް އަބަދުވެސް ގިނަ ފަހަރަށް މަސައްކަތްކޮށްފައި އޮތީ ތަރައްގީ އަށް ޓަކައި. އެހެންނަމަވެސް ބައެއް ފަހަރަށް އަޅުގަނޑުމެންނަށް. އަޅުގަނޑުމެންގެ ތެރެއިން ބައެއް ވެރިންނަށް ހަމައެކަނި ވެރިކަމަށް ޓަކައި ސިޔާސީ ހަރަކާތް ހިންގާ ކަމީ. އަޅުގަނޑުމެންގެ ތަރައްގީ އަށް އެޅޭ އެންމެ ބޮޑު ހުރަސް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ފުވައްމުލަކުގައި އެއާޕޯޓް އެޅީ އެ ރަށަށް ތަރައްގީ ގެނައުމަށް ކަމަށާއި އެއާޕޯޓާ އެކު ރަށަށް އަންނަން ޖެހޭ ތަރައްގީ އަންނަމުން ނުދާ ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ. އެގޮތުން އެއާޕޯޓާ އެކު ރަށަށް ތައާރަފްވާން ޖެހޭ ވިޔަފާރީގެ ފުރުސަތުތަކާއި ވަޒީފާގެ ތަނަވަސްކަން ނެތް ކަމަށާއި އެކަން ނުކުރެވިދިޔުމަކީ "އިސްރާފެއް" ކަމަށް އެނާ ވިދާޅުވި އެވެ.
"ފުވައްމުލަކުގައި އެއާޕޯޓެއް އެޅުނީ މި ރަށް ތަރައްގީ ކުރުމަށްޓަކައި. މިރަށަށް އިތުރު ވިޔަފާރި ގެނައުމަށްޓަކައި މި ރަށުގައި އިތުރު ވަޒީފާގެ ފުރުސަތު އުފެއްދުމަށްޓަކައި. އަޅުގަނޑުމެންނަށް މި އެއާޕޯޓާ ގުޅުވައިގެން ކުރެވެން ހުރި ކުރާންޖެހޭ ކަންކަން ނުކުރެވިދާކަމީ ވަރަށް ބޮޑު އިސްރާފެއް. އެއާޕޯޓް އެޅުމުގެ ބޭނުމަކީ މިރަށުގައި ޓޫރިޒަމްގެ ވިޔަފާރި ތައާރަފްކޮށް، ތަރައްގީ ކުރުން. އަޅުގަނޑުމެންނަށް މިއަދު ނުފެންނަނީ މިދެންނެވި ވިޔަފާރި މިރަށުގައި ނުހިނގާތަން. އިރާދަކުރެއްވިއްޔާ އެމްޑީޕީގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަޅުގަނޑުމެން އެ ވިޔަފާރި ބާރަށް މި ރަށުގައި ފައްޓާނަން،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޓޫރިޒަމްގެ ވިޔަފާރި ފުވައްމުލަކުގައި ބާރަށް ފައްޓަވާނެ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ އެމަނިކުފާނުގެ ގެސްޓު ހައުސްގެ ވިޔަފާރިއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. ގެސްޓު ހައުސް ވިޔަފާރީގެ ދަށުން ކ. މާފުށީ މިއަދު އޮތީ "ހުސް ޑޮލަރު" ނަޝީދު ވިދާޅުވި އެވެ. އެގޮތުން އެ ރަށުގައި ޑޮލަރުގެ އަގަކީ 15ރ. ކަމަށް ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސިޔާސީ ހަޔާތް ނިންމާލެއްވި ކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމަށް ދެމެހެއްޓޭނީ ވެސް އަދި ދެމިއޮންނާނީ ވެސް ފުވައްމުލަކުގެ ގިނަ ރައްޔިތުންގެ ބައިވެރިވުމާއެކުގައި ކަމަށެވެ.
"ރައީސް މައުމޫންގެ ވެރިކަން ދެމެހެއްޓެނީވެސް، އަދި ދެމިއޮތީ ވެސް މި ރަށުގެ ވަރަށް ގިނަ ރައްޔިތުން އެކަމުގައި ބައިވެރިވެފައި އަދި އެކަމުގައި ވާގިދެމުން ގެންދިޔައީތީވެ. ރައީސް މައުމޫންގެ ވެރިކަމަށްފަހުގައި މިރަށުގެ ދޮށީ އުމުރުގެ ހަރު އުމުރުގެ ވަރަށް ގިނަ ބަޔަކު ވަރަށް ބޮޑަށް ނިންމައިފި އެބޭފުޅުންގެ ދަރިން ދޫކޮށްލަން. އެބޭފުޅުންގެ ދަރިން ސިޔާސީ ވިސްނުން އަމިއްލައަށް ވިސްނުމަށް. އަމިއްލައަށް އިހްތިޔާރު ކުރުމަށް،" ނަޝީދު ވިދާޅުވި އެވެ.